ދުނިޔެ

އިޒުރޭލުގައި ހުންނަވާ ބްރެޒިލްގެ އެމްބެސެޑަރު ގައުމަށް ވަޑައިގަތުމަށް ދަންނަވައިފި

ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުން ހިންގަމުން ގެންދަނީ ގަތުލުއާންމެއް ކަމަށް ބްރެޒިލްގެ ރައީސް ލުއިޒް އިނާޝިއޯ ލޫލާ ޑާ ސިލްވާ އޮތީ ކުރިން ވިދާޅުވެފަ އެވެ.

ލޫލާ ވިދާޅުވި ގޮތުން އިޒުރޭލުން ހިންގަނީ ނަސްލު ނައްތާލުމަށް ކުރިއާލައި ރާވައިގެން ހިންގާ ލާއިންސާނީ ހަރަކާތްތަކެކެވެ. އޭނާ އަދި ވިދާޅުވީ އިޒުރޭލުގެ އަމަލުތައް އެންމެ ބޮޑަށް ވައްތަރީ ހިޓުލަރު ހިންގި ކަހަލަ އަމަލުތަކަކާ ކަމަށެވެ.

ލޫލާ މިހެން ވިދާޅުވުމާ ގުޅިގެން މި ދެ ގައުމުގެ ދެމެދުގައި ބަހުގެ އަރާރުންތައް އުފެދި އޮތީ ސިޔާސީ ގުޅުން ކަނޑާ ހިސާބުގަ އެވެ. އިޒުރޭލުން މިހާރު ވަނީ އެ ގައުމަށް ދަތުރުކުރެއްވުން ލޫލާއަށް މަނާކޮށްފަ އެވެ.

މިކަމާ ގުޅިިގެން ހިނގައި ދިޔަ ހަރަކާތްތަކުގައި ބްރެޒިލުން މިހާރު ވަނީ އިޒުރޭލުގައި ހުންނަވާ ސަފީރު އެނބުރި ގައުމަށް ވަޑައިގަތުމަށް ދަންނަވާފަ އެވެ. ސަބަބެއް ކަމަށް ހާރިޖީ ވުޒާރައިން ބުނެފައި އޮތީ އިޒުރޭލުގައި ޑިޕްލޮމެޓިކް މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތް އަލުން ރާވައި އެކުލަވާލުމަށް ކަމަށެވެ.

ދެވަނަ ބޮޑު ހަނގުރާމައިގެ ތެރޭގައި ހިޓުރަލަރު އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދިނީ ޔަހޫދީން މަރައި، ނަސްލު ނައްތާލުމަށް ކަމަށް ބްރެޒިލްގެ ރައީސް ލޫލާ ވިދާޅުވި އެވެ.

އިޒުރޭލުން ޣައްޒާގައި ވެސް ހިންގަނީ މުސްލިމުން ނައްތާލަން ހިންގާ ހަރަކާތްތަކެއް ކަމަށް ލޫލާ -- އެއްވެސް ވަރަކަށް ޖެހިލުންވެ ވަޑައިނުގެން ވިދާޅުވި އެވެ.

ލޫލާ ދެއްކެވި ވާހަކަތައް އިޒުރޭލުން ވަރަށް ބޮޑަށް ކުށްވެރިކުރި އެވެ. އަދި އިޒުރޭލު އޮތީ ރުޅިގަދަވެފައިކަން ދެއްކުމަށް އެ ގައުމުގައި ހުންނަވާ ބްރެޒިލްގެ ސަފީރު، ފްރެޑެރިކޯ މެޔާ ހާޒިރުކުރައްވައި ސުވާލުކުރެއްވި އެވެ.

މި ކަހަލަ ހާދިސާތަކުގައި ސަފީރުން ހާޒިރުކުރަނީ ހާރިޖީ ވުޒާރާއަށް ނަމަވެސް އިޒުރޭލުން ބްރެޒިލްގެ ސަފީރު ހާޒިރުކުރީ -- ދެވަނަ ބޮޑު ހަނގުރާމާގައި މަރާފައިވާ ޔަހޫދީންގެ ހަނދާނުގައި ބިނާކޮށްފައި ހުރި މަގުބަރާ އަކަށެވެ.

މަގުބަރާގެ އެކި ތަންތަން ސަފީރަށް ދައްކަވައި ދެވަނަ ބޮޑު ހަނގުރާމައިގައި މަރާފައިވާ ހާރިޖީ ވަޒީރުގެ އަމިއްލަ އާއިލާގެ މެމްބަރުންގެ ނައްތައް ވެސް ދެއްކެވި އެވެ. އަދި ބްރެޒިލްގެ ރައީސް ލޫލާއަށް ރައްދުކުރެއްވުމަށް މެސެޖެއްވެސް ދެއްވި އެވެ. އެއީ ލޫލާ ވިދާޅުވި ވިދާޅުވުން އަނބުރާ ގެންދަވަންދެން އިޒުރޭލަށް ވަޑައިގަތުން އޭނާއަށް މަނާކޮށްފައި އޮތް ކަމެވެ.

ލޫލާގެ އަނބިކަނަބަލުން، ފިރިކަލުން ދިފާއުކުރައްވައި ވިދާޅުވީ ހުރިހާ ޖަރީމާއެއް ހިންގަނީ ޔަހޫދީ ސަރުކާރުން ކަމަށެވެ. އެއީ އިޒުރޭލުގެ އާންމު ޔަހޫދީންނާ -- އާންމު ރައްޔިތުންނާ ގުޅުމެއް އޮތް ކަމެއް ނޫން ކަމަށެވެ.