ދުނިޔެ

ހިޓްލަރަށް ތާއީދުކުރި ވަރަށް ހުޅަނގުން މިހާރު އިޒުރޭލަށް ތާއީދުކުރޭ: މަދޫރޯ

ހިޓްލަރަށް ދެވަނަ ބޮޑު ހަނގުރާމައިގެ ކުރިން ހުޅަނގުން ތާއީދުކުރި ވަރަށް މިހާރު އިޒުރޭލަށް ތާއީދުކުރާ ކަމަށް ވެނެޒުއެލާގެ ރައިސް ނިކޮލަސް މަދޫރޯ ވިދާޅުވެއްޖެ އެވެ.

މަދޫރޯ ވިދާޅުވި ގޮތުން ބާރުގަދަ ބައެއްގެ އެއްބައިވުމާއި އެއްބާރުލުން ނެތި އިޒުރޭލަށް ބޭނުންހައި ގޮތަކަށް ނޫޅެވޭނެ އެވެ.

ވެނެޒުއެލާގެ ރައީސް މަދޫރޯ މިހެން ވިދާޅުވީ އޭނާ އަމިއްލައަށް އުފައްދަވާ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުންނެވެ.

މަދުރޯ ވިދާޅުވީ އިޒުރޭލާ ބެހޭ ގޮތުން އެންމެ ރަނގަޅަށް ބަސްވިދާޅުވި ލީޑަރަކީ ބްރެޒިލްގެ ރައީސް ލޫލާ ކަމަށެވެ.

ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުން ހިންގަމުން ގެންދާ ޖަރީމާތައް ކުށްވެެރި ކުރައްވައި ލޫލާ ވިދާޅުވީ -- އިޒުރޭލުން ޣައްޒާގައި ހިންގަނީ ނަސްލު ނައްތާލަން ހިންގާ ގަތުލުއާންމެއް ކަމަށެވެ.

އިޒުރޭލު މިހާރު އެ އޮތީ ދެވަނަ ބޮޑު ހަނގުރާމައިގައި ހިޓްލަރު އަދާކުރި މަގާމުގައި ކަމަށްވެސް ލޫލާ ވިދާޅުވި އެވެ. ދެވަނަ ބޮޑު ހަނގުރާމައިގައި ހިޓްލަރު އެންމެ ބޮޑު އަހަންމިއްޔަތު ކަމެއް ދިނީ ޔަހޫދީން މަރައި ޖަރުމަނު ސާފުކުރުމަށެވެ.

ހިޓްލަރު ޖަރުމަނުގެ ޗާންސެލަރުގެ މަގާމަށް އިސްކުރެވުނީ އެމެރިކާއާއި އިނގިރޭސިވިލާތުގެ މުއްސަނދި އަދި ނުފޫޒުގަދަ އާއިލާތަކުގެ އެހީތެރިކަމާ އެކު ކަމަށް މަދޫރޯ ވިދާޅުވި އެވެ. ހިޓްލަރު ވެރިކަމަށް އިސްކުރުމާ އެކު ދެން ފެށީ ޖަރުމަނުގައި ދިރިއުޅޭ ޔަހޫދީންގެ ނަސްލު ނައްތާލުމުގެ ހަރަކާތްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

މަދޫރޯގެ ކާބަފައިންނާ މެދުވެސް ހިޓްލަރު ކަންކުރީ ވަރަށް ނިކަމެތިކޮށް ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ ޔަހޫދީންނަށް ވީތީ ކުރިމަތި ކުރުވި ނިކަމެތިކަމެއް ކަމަށްވެސް ވިދާޅުވި އެވެ.

މަދޫރޯ އަދި ވިދާޅުވީ އެ ނިކަމެތިކަމުން ސަލާމަތްވުމަށް އޭނާގެ އާއިލާގެ ގިނަ ބަޔަކު ކްރިސްޓިއަން ދީނަށް ބަދަލުވި ކަމަށެވެ.

މަދޫރޯ ވިދާޅުވި ގޮތުން ހުޅަނގުން ހިޓްލަރަށް އެހާ ވަރަށް ތާއީދުކުރީ، ހިޓްރަލު މެދުވެރިކޮށް ސޯވިއެޓް ޔޫނިއަން ފުނޑާލަން ކަމަށެވެ. އެކަމަކު ހިޓްލަރަށް ޖަރުމަނުގެ ވެރިކަން ލިބުމުން ބަދަލުވީ އިންސާނެއްގެ ސިފައިގައި ހުރި ފުރޭތައަކަށް ކަމަށްވެސް ވިދާޅުވި އެވެ.

ހުޅަނގުގެ ތާއިދާ އެކު މެދުއިރުމަތީގައި އިޒުރޭލުގެ ނަމުގައި ޔަހޫދީ ދައުލަތެއް އުފެއްދުމުގެ ބޭނުމަކީ އަރަބި މުސްލިމު ގައުމުތަކުގެ މައްޗަށް ވެރިވެގަނެ -- ތެލުގެ މުއްސަނދިކަން އޮތް އެ ސަރަހައްދަށް ވެރިވެ ގަތުން ކަމަށްވެސް ތުހުމަތުކުރެއްވި އެވެ.

އިޒުރޭލުން ހިންގާ ޖަރީމާތަކަށް -- މެދުއިރުމަތިން އަރަބި މުސްލިމުން ނައްތާލަން ހިންގާ އޮޕަރޭޝަންތަކަށް ތާއީދުކުރާ ގައުމުތަކަކީ އެމެރިކާއާ އިނގިރޭސިވިލާތް އަދި ޔޫރަޕްގެ ބައެއް ގައުމުތަކެވެ.