ދުނިޔެ

ހަމާސްގެ ހަނގުރާމަވެރިން ހޯދަން ޔަހޫދީ އަސްކަރިއްޔާގެ ހާއްސަ ގުރޫޕެއް

މި މަހު ހަތް ވަނަ ދުވަހު ހަމާސްގެ އަސްކަރީ ހަނގުރާމަވެރިން ޔަހޫދީ އާބާދީތަކަށް ދިން ހަމަލާތަކުގައި 1،400 ޔަހޫދީއަކު ވަނީ މަރުވެފަ އެވެ.

މި ކަމަށް ބަދަލުހިފުމަށް ޔަހޫދީ ސަރުކާރުން ޚާއްސަ ކޮމިޓީއެއް އެކުލަވާލައި -- ޔަހޫދީ އިންޓެލިޖެންސާއި ސެކިޔުރިޓީ ސާވިސް ގުޅިގެން، އަމާޒަށް ބަޑިޖަހަން ފަރިތަ ސިފައިންގެ ގުރޫޕެއް ވަނީ އެކުލަވާލާފަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޔަހޫދީ ދައުލަތުގެ މި ރޭވުން އެންމެ ބޮޑަށް ވައްތަރީ ޖަރުމަނުގެ މިއުނިކްގައި 1972 ވަނަ އަހަރު އޮތް އޮލިމްޕިކްސްގައި ފަލަސްތީންގެ މުޖާހިދުންގެ ބަޔަކު ޔަހޫދީންނަށް އަމާޒުކޮށް ދިން ހަމަލާތަކެގައި 11 ޔަހޫދިއަކު މަރުވުމާ ގުޅިގެން -- އެކަން ކުރި ބަޔަކު ހޯދަން ޔަހޫދީ ދައުލަތުން ހިންގި އޮޕަރޭޝަނާ އެވެ.

ޚަބަރުތައް ބުނާ ގޮތުން މި އޮޕަރޭޝާނަށް ކިޔަހީ "ނީލީ" އެވެ. މިއީ ޔަހޫދީން ގަބޫލުކުރާ ދީނީ ޝިއާރެއް ކުރުކޮށްލުމުން އޮންނަ ގޮތެވެ.

މި ޕްރޮގްރާމާ ބެހޭ ގޮތުން ޔަހޫދީ ސަރުކާރުން އަދި ޔަހޫދީ ސަރުކާރު ސްޕޮންސަރު މީޑިއާތަކުން ވެސް އެއްވެސް ވާހަކައެއް ނުދައްކަ އެވެ.

ނަމަވެސް، ނީލީ އަކީ ހަމަ ހަގީގަތުގައި ވެސް ޔަހޫދީ ސަރުކާރުގެ އަމުރަށް، ސީކްރެޓް ސާވިސް އާއި ސެކިޔުރިޓީ ސާވިސް ގުޅިގެން އުފައްދާފައި އޮތް ވަކި ގުރޫޕެއްކަން ކަށަވަރުވާ ކަމަށް ސިފައިންގެ ތެރޭގައި ކުރިން މަސައްކަތްކުރި ޖެނެރަލުން ވަނީ ޚަބަރު އޭޖެންސިތަކަށް ކަށަވަރުކޮށްދީފަ އެވެ.

މި އޮޕަރޭޝަންގައި ރޭވުންތައް ރާވަނީ ޔަހޫދީ ޖާސޫސީ އިދާރާ މޮސާދުންނެވެ.

ޔަހޫދީ ސިޔާސީ ސައިންޓިސްޓުން ބުނާ ގޮތުން ޣައްޒާއަށް އެއްގަމު މަގުން އަރައިގަތުމަށް ޔަހޫދީން ބޭނުންވާ އެންމެ ބޮޑު ސަބަބަކީ ވެސް މި އޮޕަރޭޝަން ހިންގުމެވެ.

ޔަހޫދީ އާބާދީތަކަށް ހަމަލާދިނުމުގައި އެއްވެސް ދައުރެއް އޮތް ނަމަ އެ މީހަކު ކުރިތަނަށް މަރާ ވައްޓާލުމަށް ނީލީގެ މެމްބަރުންނަށް އޯޑަރު ދީފައި އޮތް ކަމަށް ވެއެވެ.

ތަޖުރިބާކާރުން ބުނާ ގޮތުން ޔަހޫދީންނަނީ މި ބާވަތު އޮޕަރޭޝަންތައް އަބަދުވެސް ހިންގާ ބައެކެެވެ. ބޭރު ގައުމަކުން މީހަކު މަރަން ބޭނުންވެއްޖެ ނަމަވެސް، އެކަމަށް ފަރިތަ ހަމަލާދީފައި ފިލަން ކުޅަދާނަ މީހުން ތަމްރީންކޮށް ފޮނުވާ ކަމަށް ވެސް ތަޖުރިބާކާރުން ބުނެ އެވެ.

ޔަހޫދީ އަސްކަރިއްޔާއިން އެއްގަމު މަގުން ޣައްޒާއަށް ރައިގަތުމުގެ ބޭނުމެއް ކަމަށް ޔަހޫދީ ސަރުކާރުން ބުނެފައި އޮތީ ހަމާސް ނައްތާލައި ޣައްޒާގެ ހިންގުން ބަދަލުކުރުން ކަމަށެވެ. ނަމަވެސް، ޣައްޒާގެ ހިންގުން ހަވާލުކުރާނެ ބަޔަކު ޔަހޫދީން އަދި ނުބުނެ އެވެ.