އެމްއެންޑީއެފް

ރަސްމީ ފާލަން ކައިރިއަށް 1000 ލީޓަރު ތެޔޮ އެޅިފައިވޭ!

Jan 2, 2023

މާލޭގެ ރަސްމީ ފާލަމާ ދިމާލަށް 1،000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް އެމްއެންޑީއެފް އިން ހާމަކޮށްފި އެވެ.

މާލޭގެ ރަސްމީ ފާލަމާއި ތިން ނަންބަރު ފާލަމާ ދެމެދުގެ ސަރަހައްދަށް ތެޔޮ އެޅިފައި ހުރި ކަމުގެ މައުލޫމާތު ސިފައިންނަށް ރިޕޯޓްކޮށްފައިވަނީ އިއްޔެ ހެނދުނު 9:10 ހާއިރު އެވެ.

އެވަގުތުން ފެށިގެން ސިފައިން ވަނީ ގެންދަނީ ފަޅުތެރޭގައި ހުރި ތެޔޮ ނެގުމުގެ މަސައްކަތް ކުރަމުންނެވެ. މި މަސައްކަތް ކުރަނީ ކޯސްޓްގާޑްގެ ޑައިވަރުންނާއި އޮއިލް ޕޮލިއުޝަން ރެސްޕޮންސް ޓީމުންނެވެ.

އެމްއެންޑީއެފް އިން މިއަދު ބުނީ ފަޅުތެރެއަށް އެޅިފައިވާ ގިނަ އަދަދެއްގެ ކަޅުތެޔޮ ނެގުމަށް ސިފައިންގެ ކޯސްޓްގާޑުން ކުރަމުންދާ މަސައްކަތް ހުއްޓުމެއް ނެތި މިއަދުވެސް ކުރަމުންދާ ކަމަށެވެ. ފަޅުތެރެއަށް 1000 ލީޓަރުގެ ތެޔޮ އެޅިފައިވާ ކަމަށް ލަފާ ކުރެވޭ ކަމަށާއި މިހާތަނަށް 400 ލީޓަރުގެ ތެޔޮ ނަގާފައިވާ ކަމަށްވެސް ސިފައިންގެއިންވެސް ބުނެފައިވެ އެވެ.

މާލޭގެ ފަޅުތެރޭގައި ހުރި ތެޔޮ ނެގުމުގެ މަސައްކަތުގައި ކޯސްޓްގާޑުގެ ސިފައިންނަށް އެހީތެރިވުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންނާއި މާލެ އޭރިއާ މެރީންސާއި މެރިން ޕޮލިސްގެ އިތުރުން މާލެ ސިޓީ ކައުންސިލްގެ މުވައްޒަފުން ގެންދަނީ ހަރަކާތްތެރިވަމުންނެވެ.