ޣައްސާން މައުމޫން

ދިގު މުއްދަތަށް ހިދުމަތް ކުރުމުން ސިފައިންނަށް ގެދޮރު މިލްކޮށްދެނީ

ދިގު މުއްދަތަކަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރު މިލްކު ކުރެވޭ ގޮތް ހަދަން ނިންމާފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މުހައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެ އެވެ.

ސިފައިންގެއާ އަލަށް ގުޅޭ މީހުން ތަމްރީންކުރުމަށް ހިންގާ އަސާސީ ތަމްރީނު ކޯހުގެ 70 ވަނަ ބެޗުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޣައްސާން ވިދާޅުވީ ސްކޫލް ނިންމުމަށްފަހު ސިފައިންގެ ހިދުމަތުގައި ހަރުފަތަކަށްފަހު ހަރުފަތެއް ގިރާކުރަމުން ގޮސް ރިޓަޔާ އުމުރާ ހަމައަށް ދެވިއްޖެނަމަ ރިޓަޔާ ކުރާނީ އާއިލާއާއެކު އަބުރުވެރި ދިރިއުޅުމެއް އުޅެވޭ ހާލަތުގައި ކަމަށެވެ.

އެކަން ކަށަވަރުކޮށްދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށްވެސް ޣައްސާން ވިދާޅުވި އެވެ.

"ރައީސް ނިންމަވާފައި އޮތީ ސިފައިންގެ ތެރޭގައި ދިގު މުއްދަތަކަށް ހިދުމަތްކުރާ ސިފައިންނަށް ގެދޮރުވެރިކަން މިލްކުވެރިވާނެ ގޮތެއް ހަމަޖައްސައިދިނުމަށް،" ޣައްސާން ވިދާޅުވި އެވެ.

މިނިސްޓަރު ޣައްސާން ވިދާޅުވީ ސިފައިންގެ ވަސީލަތްތައް އިތުރުކުރުމަށް ރައީސް މުއިއްޒު ނިންމަވާފައިވާ ކަމަށާއި ސިފައިންގެ ހިދުމަތަކީ ޒުވާނުންނަށް ކެރިއާއެއްގެ ގޮތުގައި ކުރިއަށް ދެވޭނެ ތަނަކަށް ހެދުމަށް ރައީސް ވިސްނުންފުޅު ގެންގުޅުއްވާ ކަމަށެވެ.