އެމްއެންޑީއެފް

15 ފީފާގެ ތެޔޮ ނެގުމަށްފަހު މަސައްކަތް ނިންމައިފި

މާލޭގެ ރަސްމީ ފާލަމާ ދިމާލަށް އެޅިފައި ހުރި ތެޔޮ އެސަރަހައްދުން ނަގާ ނިންމާލައިފި އެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދިން ގޮތުގައި ކޯސްޓްގާޑް އޮއިލް ރެސްޕޮންސް ޓީމާއި މާލެ އޭރިއާ ސިފައިން ގުޅިގެން ވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައި ރަސްމީ ފާލަމާ ދިމާލުން ފަޅުތެރެއަށް އެޅިފައި ހުރި ކަޅު ތެޔޮ އެ ސަރަހައްދުން ނަގާ ނިންމާފަ އެވެ.

މިމަސައްކަތް ނިންމާލި އިރު މުޅިއަކު 15 ފީފާ ތެޔޮ ނެގިފައިވާ ކަމަށްވެސް އެމްއެންޑީއެފް އިން ބުނެ އެވެ.

މާލޭގެ ރަސްމީ ފާލަމާއި ތިން ނަންބަރު ފާލަމާ ދެމެދުގެ ސަރަހައްދަށް ތެޔޮ އެޅިފައި ހުރި ކަމުގެ މައުލޫމާތު ސިފައިންނަށް ރިޕޯޓްކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހެނދުނު 9:10 ހާއިރު އެވެ.

އެމްއެންޑީއެފް އިން ހާމަކުރި ގޮތުގައި މާލޭގެ ރަސްމީ ފާލަމާ ދިމާލަށް އެޅިފައިވަނީ ލަފާކުރެވޭ ގޮތުގައި 1،000 ލީޓަރުގެ ތެލެވެ.

މާލޭގެ ރަސްމީ ފާލަމާ ދިމާލަށް ތެޔޮ އެޅުނު މައްސަލަ ދިމާވި ސަބަބު އަދި ހާމަކޮށްފައެއް ނުވެ އެވެ. އެ މައްސަލަ ބަލަމުން ދަނީ އެންވަޔަރަންމަންޓް މިނިސްޓްރީންނެވެ.