ޝާހް ރުކް ޚާން އާއި ދީޕިކާ ޕަދުކޯންގެ އާ ފިލްމު "ޕަތާން" ސެންސަރުކޮށްދިން އިރު ފިލްމުގައި އެންމެ ބޮޑަށް މައްސަލަ ކުރިމަތިވެފައިވާ ލަވަ "ބޭޝަރަމް ރަންގް"ގެ ބައެއް މަންޒަރުތައް ކަނޑާލަން އެ ބޯޑުން ފިލްމުގެ ޕްރޮޑިއުސަރުންނަށް އަންގައިފި އެވެ.
ސެންސަރު ބޯޑުގެ ޗެއާޕާސަން ޕްރަސޫން ޖޯޝީ މިދިޔަ ބުރާސްފަތި ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސެންސަރު ބޯޑުގެ ގައިޑްލައިންސްއާ އެއްގޮތަށް ފިލްމަށް ބަދަލު ގެނައުމަށްފަހު ރިވައިސްކޮށްފައިވާ ވާޝަންއެއް އަލުން އެ ބޯޑަށް ހުށަހެޅުމަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ފިލްމުން ބަދަލުކުރަން އެންގި މަންޒަރުތަކަކީ ކޮބައިކަން ޖޯޝީގެ ބަޔާނުގައި ހާމަކޮށްފައެއް ނުވެ އެވެ.
ފިލްމުގެ ޕްރޮޑިއުސަރު ޔާޝް ރާޖް ފިލްމްސްގެ ވިސްނުން ހުރީ ލަވަޔަށް މާބޮޑު ބަދަލުތަކެއް ގެނައުމުގެ ބަދަލުގައި ފިލްމުން އެ ލަވަ އުނިކުރުމަށް ކަމަށް އިންޑިއާގެ ބައެއް ނޫސްތަކުން ބުނެ އެވެ. ސަބަބަކީ ލަވައިގެ ސަބަބުން މީހުންގަނޑު ރުޅިގަދަވެ މުޅި ފިލްމު ބޮއިކޮޓްކުރަން އަޑު އުފުލަމުންދާތީ އެވެ.
"ބޭޝަރަމް ރަންގް"ގައި ދީޕިކާ އަޅައިގެން ހުންނަނީ ވަރަށް ނިވާކަން ކުޑަ ހެދުން ތަކެކެވެ އަދި ލަވައިގެ ބައެއް މަންޒަރުތަކުގައި އޭނާ ލައިގެން ހުންނަ ބިކިނީގައި ހުރި އޮރެންޖް ކުލަ އަކީ ހިންދޫންނަށް ވަރަށް ހުރުމަތްތެރި ކުލައަކަށް ވެފައި އެ ކުލައިގެ ހުރުމަތް ކަނޑާފައިވާ ކަމަށް ބުނެ ހިންދޫން ގެންދަނީ މި ލަވައާއި އަދި ފިލްމާ ދެކޮޅަށް ވަރުގަދަ މުޒާހަރާތަކެއް ވެސް ކުރަމުންނެވެ.
ސެންސަރު ބޯޑުން ޕްރޮޑިއުސަރުންނަށް ދީފައިވާ އިރުޝާދުތަކުގެ ތެރޭގައި ފިލްމުގެ ލަވަތަކުގެ އިތުރުން ވެސް ފިލްމުގައި ހިމެނޭ ބައެއް މަންޒަރުތަކަށް ބަދަލު ގެނައުން ހިމެނެ އެވެ.
އެ ބޯޑުން ބުނަނީ މިއީ ބެލުންތެރިންނާއި ޕްރޮޑިއުސަރުންގެ ވެސް މަސްލަހަތަށް ބަލައި އަޅަން ޖެހުނު ފިޔަވަޅުތަކެއް ކަމަށެވެ.
މި ހިނގާ ޖެނުއަރީ މަހުގެ ފަހުކޮޅު ރިލީޒްކުރަން ތައްޔާރުވެފައިވާ "ޕަތާން" ސިނަމާތަކުގައި ރިލީޒް ކުރެވޭނީ ސެންސަރު ބޯޑުން އަންގާފައިވާ އެންގުންތަކާ އެއްގޮތަށް އަލުން ބަދަލުތައް ގެނައުމަށްފަހު ހުށަހަޅައި އެތަނުން ފާސް ކޮށްދީފިނަމަ އެވެ.