ޔާސިރު އަބްދުއްލަތީފު

މެމްބަރު ޔާސިރުގެ ތާއިދު ނަޝީދަށް

ކުރިއަށް އޮތް އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަދި ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ދޫކޮށް ތާއީދުކުރައްވާނީ ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށި އުތުރު ދާއިރާގެ މެމްބަރު ޔާސިރު އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.

ޔާސިރު ވިދާޅުވީ މިދިޔަ ހަތަރު އަހަރު ދުވަހު ރައީސް ސޯލިހުގެ ސަރުކާރަށް ތާއީދު ކުރެއްވި ކަމަށެވެ. ނަމަވެސް މި ސަރުކާރުން ކުޅުދުއްފުށީގައި ކުރިއަށް ގެންދާ މަޝްރޫއުތައް ރަނގަޅަށް ކުރިއަށް ނުގެންދާ ކަމަށާއި މަޝްރޫތައް ކުރިއަށް ދަނީ މާ "ސްލޯ" ކޮށް ކަމަށް ވިދާޅުވި އެވެ.

އެހެންކަމުން އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް ސޯލިހަށް ތާއީދު ނުކުރުމަށް ނިންމެވީ ކަމަށް ވިދާޅުވި އެވެ.

"އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓަކަށް އަޅުގަނޑު ފުރިހަމައަށް ތާއީދުކުރާނީ ރައީސް ނަޝީދަށް،" ޔާސިރުގެ ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާއިރު ޕްރައިމަރީގެ ކެމްޕޭން ފޯރި ވަނީ ވަރަށް ގަދަވެފަ އެވެ.

ޕްރައިމަރީގައި ވާދަކުރައްވާ އެމްޑީޕީގެ ރަޢީސް މުހައްމަދު ނަޝީދު މިއަދު ވަނީ އއ. އަތޮޅާއި އދ. އަތޮޅާއި ފ. އަތޮޅާ އަދި ދ. އަތޮޅަށް ކެމްޕެއިން ދަތުރުފުޅެއް ފައްޓަވާފަ އެވެ.

ޕާޓީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕެއިންގައި ރައީސް ސޯލިހް ވަނީ މިއަދު ރ. މާކުރަތަށާއި އެ އަތޮޅު އިންނަމާދޫއަށް ވަޑައިގެންފަ އެވެ. އަދި އެމަނިކުފާނުގެ ޕްރައިމަރީ ކެމްޕެއިންގެ ޖަލްސާއެއް މިރޭ ރ. މީދޫގައި އޮންނާނެ އެވެ.