ދުނިޔެ

ޗައިނާއަށް އެންމެ އާބާދީ ބޮޑު ގައުމުގެ ޝަރަފު މިއަހަރު ގެއްލޭނެ - އދ

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ޝަރަފު -- އދ. އިން ބުނާ ގޮތުން، މި އަހަރުގެ އޭޕްރީލް 14 ގައި -- އިންޑިއާއަށް ލިބޭނެ އެވެ. އެ އާއެކު އެންމެ އާބާދީ ބޮޑު ގައުމުގެ ގޮތުގައި ޗައިނާއަށް އޮތް ލަގަބު ހަމަ އެ ތާރީހުގައި ގެއްލިގެން ދާނެ އެވެ.

އދ. އިން ބުނާ ގޮތުން އޭޕްރީލް 14 ގައި އިންޑިއާގެ އާބާދީ 1.43 ބިލިއަނަށް އަރާނެ އެވެ. އިންޑިއާގެ މިހާރުގެ އާބާދީ އަކީ 2021 ގެ ހިސާބުތައް ދައްކާ ގޮތުން 1.408 ބިލިއަނެވެ. ޗައިނާގެ އާބާދީ އަކީ 1.412 ބިލިއަނެވެ. އދ. އިން މި ހިސާބު ޖަހާފައި އެ ވަނީ އާބާދީ އިތުރުވަމުން އަންނަ ނިސްބަތަށް ބަލައިގެންނެވެ.

މިއީ އެންމެ ބޮޑު އާބާދީއަށް އިންޑިއާ ވާނެ ކަމަށް އދ. އިން ކުރިން އަންދާޒާކުރި ތާރީހަށް ވުރެ އަވަސް ތާރީހެކެވެ.

އދ. އިން ބުނާ ގޮތުން އިންޑިއާގެ އަބާދީ މި ނިސްބަތުން އިތުރުވަމުން ދާނެ އެވެ. އަދި 2064 ގައި 1.7 ބިލިއަނަށް އަރަންދެން އިންޑިއާގެ އާބާދީއަށް މަޑުޖެހުމެއް ނާންނާނެ އެވެ.

ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ލަގަބު އިންޑިއާއަށް ލިބޭނެ ކަމަށް އދ. އިން ކުރިން ލަފާކޮށްފައި އޮތީ 2027 ގައެވެ.

ޗައިނާއަށް ދުނިޔޭގެ އެންމެ އާބާދީ ބޮޑު ގައުމުގެ ލަގަބު އޮންނަތާ 300 އަހަރު ވެދާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.

ޗައިނާގެ އާބާދީ އިތުރުވުން ކޮންޓްރޯލް ކުރުމަށް އެ ގައުމުގެ ސަރުކާރުން އޮތީ ފިޔަވަޅުތަކެއް އަޅާފަ އެވެ. އެ ގޮތުން ދަރިއަކަށް ވުރެ ގިނައިން ކުދިން ނުހޯދުމަށް ކޮންމެ ދެމަފިރިއަކަށް އޮތީ އަންގާފަ އެވެ. އެހެން ނަމަވެސް، މިހާރު އެ މީހަކު ބޭނުން ވަރަކަށް ކުދިން ހޯދެ އެވެ.

އދ. އިން ލަފާކުރާ ގޮތުން ޗައިނާގެ އާބާދީ ދަށަށް ދާން މެދުވެރިވި ސަބަބަކީ ކުދިން ހޯދުމަށް ސަރުކާރުން ކޯޓާ ކަނޑައެޅުމެވެ. އިންޑިއާގައި އެ ފަދަ އުސޫލެއް ނެތުމުން އާބާދީ އިތުރުވަމުން ދިޔައީ ކަމަށް އދ. އިން ބުނެ އެވެ.

އިންޑިއާގެ އާބާދީ އިތުރުވަމުން ދިޔަ ނަމަވެސް، އިގުތިސާދު ވެން ދަނީ ކުރިއަރަމުންނެވެ. އިގުތިސާދީ ރޭހުގައި އިނގިރޭސިވިލާތް ފަހަތަށް ޖައްސާލުމަށް ފަހު އިންޑިއާ މިހާރު އޮތީ ފަސްވަނާގަ އެވެ. އދ. އިން ލަފާކުރާ ގޮތުން 2029 ގައި އެންމެ ބޮޑު ތިން އިގުތިސާދުގެ ތެރޭގައި އިންޑިއާ ހިމެނޭނެ އެވެ.