ބޮލީވުޑް

ސަލްމާން އަދިވެސް ކެޓްރީނާއާ ހެދި މޮޔަވެފައި، ރަންބީރު ބުނާނީ ކީކޭ؟

Jan 24, 2016

ރޭގަ ދެއްކި ސެލެބްރިޓީ ރިއަލިޓީ ޝޯ "ބިގް ބޮސް 9"ގެ ގްރޭންޑް ފިނާލޭ އަށް ބެލުންތެރިން ކުރަމުން އައި އިންތިޒާރު ދެގުނަ އަށް ބޮޑުވީ ސަބަބެއް ނެތިއެއް ނޫނެވެ. މިޝޯގެ ހޮސްޓް ކުރާ ސުޕަސްޓާ ސަލްމާން ޚާންގެ ކުރީގެ ލޯބިވެރިޔާ ކެޓްރީނާ ކައިފް އޭނާގެ ރިލީޒްވުމަށް ތައްޔާރުވަމުން އަންނަ ފިލްމު 'ފިތޫރް" ޕްރޮމޯޓްކުރުމަށް ބައިވެރިވާކަން ޔަގީންވި ހިސާބުން މިޝޯއަށް ބެލުންތެރިންގެ ސަމާލުކަން ވަނީ ހުއްޓިފަ އެވެ.

ކެޓްރީނާއާ ރަންބީރު ރުޅިވިތާ ހަފްތާއެއް ހާ ދުވަސްވީއިރު، ކުރީގެ ލޯބިވެރިޔާ އާއި ކެޓްރީނާ އެއް ސެޓޭޖެއްގެ މަތިން ފެނިގެން ދިއުމުން އެންމެންގެ ސަމާލުކަން ހުއްޓިފައިވަނީ މިދެތަރިންނަށެވެ.

ރަންބީރާ ރުޅިވުމުގެ ކުރިން ކެޓްރީނާ ސަލްމާން ކުރެން ލަފައެއް ހޯދާފައިވާ ކަމަށް ދެކެވެމުން އަންނަ ވާހަކަތަކަށް އަދިވެސް ހުއްޓުމެއް އައިސްފައިނުވާއިރު، މިޝޯގައި ސަލްމާން ވަނީ އަދިވެސް އޭނާގެ ހިތުން ހާއްސަ ޖާގައެއް ކެޓްރީނާއަށް ދެވިފައިވާ ކަން ހާމަކޮށްދީފަ އެވެ.

އެތަކެއް ލައްކަ ބަޔަކު މިޝޯގެ ގްރޭންޑް ފިނާލޭ އެޕިސޯޑް ބަލާފައިވާއިރު، ހާއްސަ މެހުމާނެއްގެ ގޮތުން ކެޓްރީނާ އާއި އަދިތްޔަ ރޯއި ކަޕޫރު ބައިވެރިވުމުން ސަލްމާން ވަނީ މުޅި އިންޑިއާގެ ރައްޔިތުންނެކޭ އެއްގޮތަށް އޭނާވެސް ކެޓްރީނާއާ ހެދި މޮޔަވެފައިވާ ކަމަށެވެ.

"މުޅި އިންޑިއާ ރައްޔިތުން ކެޓްރީނާއާ ހެދި މޮޔަވޭ. ހުދު އަހަރެންވެސް" ސަލްމާން ބުނެފައިވެ އެވެ.

މީގެއިތުރުން ވެސް ކެޓްރީނާ އަށް ތައުރީފުކުރަމުން ގޮސް ސަލްމާން ވަނީ ކެޓްރީނާ އަކީ އޭނާގެ މުޅި ހަޔާތުގައިވެސް ދިމާވި އެންމެ ހިތްވަރުގަދަ އަންހެނާ ކަމަށް ބުނެފަ އެވެ. ސަލްމާން ކެޓްރީނާ އަކީ ހިތްވަރު ގަދަ އަންހެނެއް ކަމަށް ބުނެފައިވަނީ ކީއްވެގެން ކަމެއް ނޭނގެ އެވެ. ފަހަރުގައި އެއީ ރަންބީރާއި ރުޅިވެ ހިތްހަލާވެފައިވާއިރު ވެސް ކޮންމެ ދުވަހަކުވެސް 'ފިތޫރް" ޕްރޮމޯޓްކުރުމަށް އާންމުންނާއި ނޫސްވެރިންނާއި ކުރިމަތިލާތީ ކަމަށްވެދާނެ އެވެ.

ސަލްމާން ކެޓްރީނާއާ ހެދި މޮޔަވާ ކަމަށް ބުނުމުން އޭނާއާ ރަންބީރުގެ ދެމެދުގައި މިކަމާ ގުޅިގެން އިތުރު މައްސަލަތަކެއް ޖެހިދާނެ ހެއްޔެވެ؟ ބުނެވޭ ގޮތުގައި މިދެތަރިން ރުޅިވުމުން އެމީހުންގެ ގާތް އެކުވެރިން އަންނަނީ މިދެތަރިން ގުޅުވުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރަމުންނެވެ. ނަމަވެސް ސަލްމާންގެ ހިތުގައި ކެޓްރީނާ އަށް ދެވިފައިވާ މަގާމު މިފަދަ ދަނޑިވަޅެއްގައި ހާމަކުރުމުން ވަނީ ކިހިނެއް ހެއްޔެވެ؟

ހައަހަރުވީ ލޯބި ކެޓްރީނާ އާއ ރަންބީރު ނިމުމަކަށް ގެނައި ގޮތާއި ބެހޭގޮތުން އެކި ގޮތްގޮތަށް އަންނަނީ ވާހަކަ ދެކެވެމުންނެވެ. ބައެއް ފަރާތްތަކުން ވަނީ ކެޓްރީނާ އޭނާެ ފިލްމު ޕްރޮމޯޓްކުރުމަށް މިޝޯގައި ބައިވެރިވާން ނިންމުމުން ރަންބީރު އެކަމާއި ހިތްހަމަނުޖެހުނީ ކަމަށްވެސް ބުނެފަ އެވެ.