އިނގިރޭސި ބޮޑުވަޒީރު ރީޝީ ސުނަކު ވިދާޅުވި ގޮތުގައި ނަރުހުންގެ މުސާރަ ބޮޑުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވުމަށް އޭނާ ހުންނެވީ ތައްޔާރަށެވެ.
އޭނާ މިހެން މި ވިދާޅުވީ މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދިނުމަށް އެދި ނަރުހުންނާއި ރޭލު ދަގަނޑުގައި މަސައްކަތްކުރާ މީހުން އަދި މެރިޓައިމް ދާއިރާ އާއި ބޯޑަރު ބެލެހެއްޓުމުގައި މަސައްކަތްކުރާ އެތައް ހާސް ބަޔަކު ޝުއޫރު ފާޅުކޮށް ސިޔާސަތަށް ފާޑުކިޔައި ސަރުކާރަށް ޕްރެޝަރުކުރަމުން ގެންދާ ދަނޑިވަޅެއްގަ އެވެ.
ސިއްހީ ދާއިރާގެ ހަޅުތާލުތަކާ ގުޅިގެން ހޮސްޕިޓަލުތަކަށާއި ސިއްހީ މަރުކަޒުތަކަށް ވަނީ މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފަ އެވެ. އާންމުކޮށް ފިނި މޫސުމާ ދިމާކޮށް ފެތުރިގަންނަ ރޯގާގެ ސަބަބުން ބައެއް ހޮސްޕިޓަލްތަކަށް ވަނީ ފަރުވާދޭން ދަތިވެފަ އެވެ.
އިނގިރޭސި ޚަބަރުތައް ބުނާ ގޮތުން އެމްބިއުލާންސްގެ އިންތިޒާރުގައި އެތައް ގަޑިއިރެއް ވަންދެން ބަލި މީހުން ތިބެން ޖެހުމާއި ފަރުވާގެ އިންތިޒާރުގައި ތިބި މީހުންނާއިގެން ކޮރިޑޯތައް ތޮއްޖެހި ސިއްހީ މަރުކަޒުތައް ވަނީ ތޮއްޖެހިފަ އެވެ.
ސިއްހީ ޚިދުމަތްތެރިންނަށް މުސާރަ އާއި އިނާޔަތްތައް ބޮޑުކޮށްދިނުމަށް އެދި އޭނާގެ އަމިއްލަ ޕާޓީން ވެސް ވަނީ ސުނަކަށް ޕްރެޝަރު ކުރިމަތިވެ ވަޑައިގެންފަ އެވެ.
ބޮޑުވަޒީރު ސުނަކަށް ލަފާދެއްވާ ކެބިނެޓްގެ ބައެއް މެމްބަރުން މީގެ ކުރިން މަޝްވަރާއަށް އޮތީ އިންކާރު ކުރައްވާފަ އެވެ. އެހެންނަމަވެސް، ކޮވިޑާ ގުޅިގެން އިނގިރޭސިވިލާތް ވެއްޓިފައި އޮތް ސިއްހީ ވަޅުގަނޑުން އަރައިގަތުމަށް -- ސިއްހީ ޚިދުމަތްތެރިންގެ އެހީތެރިކަމަށް ބޭނުން ޖެހިފައި އޮތްލެއް ބޮޑުކަމުން -- މަޝްވަރާއަށް އެއްބަސްވެ ވަޑައިގަތީ އެވެ.
ބީބީސީއަށް ދެއްވި އިންޓަވިއުއެއްގައި ސުނަކް ވިދާޅުވީ މުސާރަ ބޮޑުކުރުމާ ބެހޭ ގޮތުން މަޝްވަރާކުރަން ސަރުކާރު ތައްޔާރު ކަމަށެވެ. އަދި ދެ ފަރާތުން ވެސް ތެދުވެރިކަމާއި އިޚްލާސްތެރި ކަމާއެކު ވާހަކަދައްކައިގެން ދެމެހެއްޓެނިވި ހައްލެއް ހޯއްދެވިދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަރުކާރުގެ ސިޔާސަތަށް ބަދަލު ގެނެސް މުސާރައާ ބެހޭ ގޮތުން މަޝްވަރާ ނުކޮށްފިނަމަ މިމަހު 18 އަދި 19 ގައި ނަރުހުން އިހުތިޖާޖަށް އަލުން ނުކުންނާނެ ކަމަށް އޮތީ ބުނެފަ އެވެ.