ބަންގުލަދޭޝްގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާދެއްވައި މިހާރު ހުންނެވީ އިންޑިއާ ގައެވެ. ހަބަރުތައް ބުނާ ގޮތުން އިނގިރޭސިވިލާތުން ހިމާޔަތް ލިބިވަޑައިގަންނަވަންދެން އިންޑިއާގައި އޭނާ މަޑުކުރައްވާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި ސަރުކާރުން ވަކި ގޮތެއް ނިންމަންދެން ޝައިޚް ހަސީނާގެ ހުރިހާ ކަމެއް އިންޑިއާއިން ބަލަހައްޓައިދޭނެ އެވެ. އަދި އިނިގޭސިވިލާތުން ހިމާޔަތް ހޯދުމަށް އިންޑިއާ ވަރަށް ބޮޑަށް އެހީތެރިވާނެ ކަމަށް އެ ގައުމުން ލިބޭ ހަބަރުތައް ބުނެ އެވެ.
ބަންގްލަދޭޝްގައި ހަމަނުޖެހުން ބޮޑުވެ ގޮތްހުސްވެ ވަޑައިގަތުމުން ހަސީނާ އިންޑިއާގެ އެހީއަށް އެދިވަޑައިގަތް ކަމަށް މިކަމުގެ މައުލޫމާތު ހުރި މީހުން ބުނެ އެވެ. އިންޑިއާއަށް ވަޑައިގަތުމުން ހަސީނާއަށް މަރުހަބާ ދެންނެވީ އިންޑިއާގެ ގައުމީ ސަލާމަތާ ބެހޭ މުޝީރު އަޖީދު ދޮވާލް އެވެ.
ހަސީނާގެ ސަލާމަތާއި ރައްކާތެރިކަން އިންޑިއާގެ ވައިގެ ސިފައިންނާއި ސެކިއުރިޓީ އެޖެންސީތަކުން ބަހަލައްޓާނެ ކަމަށް ހަބަރުތައް ބުނެ އެވެ.
ހަސީނާ ދެކެ އަންނަ ރުޅީގައި އިންޑިއާގައި ދިރިއުޅޭ ބަންގުލަދޭޝް ރައްޔިތުން ހަމަނުޖެހުން ހިންގަފާނެ ކަމަށް ބަލައި ނިއުދިއްލީގައި ހުންނަ ބަންގުލަދޭޝްގެ އެމްބަސީގައި ވަނީ ރައްކާތެރިކަމުގެ ފިޔަވޅުތައް ވަރަށް ބޮޑަށް ވަރުގަދަކޮށްފަ އެވެ. އަދި ވޯލްޑް ހެލްތު އޮގަނައިޒޭޝަނަށް މަސައްކަތްކޮށްދޭ ހަސީނާގެ އަންހެން ދަރިކަލުން ސައިމަ ވަޒީދުގެ ރައްކާތެރިކަމާ މެދުވެސް އިންޑިއާއިން ވިސްނާނެ ކަމަށް ބުނެވެ އެވެ. އޭނާ އަދާކުރާ ވަޒީފާގެ ގޮތުން އުޅުއްވަނީ ނިއުދިއްލީގަ އެވެ.
ބަންގްލަދޭޝްގެ ހަމަނުޖެހުންތަކުގައި 283 އަށް ވުރެ ގިނަ މީހުން މަރުވެފައިވާ ކަމަށް އޮފިޝަލުން ބުނެ އެވެ. މަގުތަކުގައި ހަމަނުޖެހުން އުފައްދައި މުޒާހަރަކާ ކުރި މީހުން ގަސްދުގައި މީހުން މެރި މައްސަލަތަކެއް ވެސް މިހާރު އޮތީ ތަހުގީގުގަ އެވެ.
ބަންގްލަދޭޝްގައި ޖުލައި ކުރީކޮޅު އެންމެ ފުރަތަމަ ހަމަނުޖެހުން އުފެދުނީ ސިވިލް ސާވިސް ވަޒީފާ ދިނުމުގައި ސަރުކާރުން ވަކި ބަޔަކަށް ބައިއަޅާ ކަމަށް ބުނެ ދަރިވަރުން ފެށި މަދަނީ ބަސްނޭހުމަކުންނެވެ.
މި ހަމަނުޖެހުންތަކުގެ ރާގު ފަހުން ބަދަލުކޮށް ބޮޑުވަޒީރު ޝައިޚް ހަސީނާ އިސްތިއުފާއަށް ގޮވަން ފެށީ އެވެ.
ސަރުކާރުން ތުހުމަތުކުރި ގޮތުން ހަމަނުޖެހުންތަކުގެ ފަހަތުގައި ތިބީ ސިޔާސީ ތަފާތު ފިކުރުގެ މީހުންނެވެ. އެ މީހުންގެ ބޭނުމަކަށް ވެފައި އޮތީ ހަސީނާ މަގާމުން ދުރުކޮށް އާ ސަރުކާރެއް އެކުލަވާލުމެވެ.