ދުނިޔެ

ހަސީނާ ހިމޭނުން ހުންނެވުމަށް ދެންނެވުމަށް އިންޑިއާއަށް އަންގައިފި

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އިންޑިއާގައި ބަހައްޓާނަމަ ހިމޭނުން ހުންނެވުމަށް ދެންނެވުމަށް ބަންގުލަދޭޝްގެ އިންތިގާލީ ސަރުކާރުން އިންޑިއާއަށް އަންގައިފި އެވެ.

ބަންގްލަދޭޝްގެ ވަގުތީ ސަރުކާރު ހިންގެވުމާ ހަވާލުވެ ހުންނެވި މުހައްމަދު ޔޫނުސް ވިދާޅުވީ -- ހަސީނާ އިންޑިއާގައި ހުންނަވައިގެން އޭތި މީތި ވިދާޅުވާން ހައްދަވައިގެން ދެ ގައުމުގެ ދެމެދުގައި ކުނިޖެހި ބޮޑު މައްސަލައަކަށް ވެދާނެ ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.

ޕްރެސް ޓްރަސްޓް އޮފް އިންޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ޔޫނުސް ވިދާޅުވީ ހަސީނާ އިންޑިއާގައި ހުންނަވައިގެން ސިޔާސީ ކޮމެންޓްތައް ދެއްވުވަކީ އިންޑިއާއާ މެދު ރަހުމަތްތެރި ނޫން އޮއިވަރެއް އުފެދިދާނެ ކަމެއް ކަމަށެވެ.

ޔޫނުސް ވިދާޅުވީ ހަސީނާއަށް އިންޑިއާއިން ވަގުތީ ހިމާޔަތެއް ދެއްވި ނަމަވެސް ބަންގްލަދޭޝްއާ ހަވާލުކުރަން އެދިވަޑައިގަންނަވަން ޖެހިވަޑައިގެންފާނެ ކަމަށެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު ހަސީނާ އިންޑިއާއަށް ވަޑައިގަތީ އޯގަސްޓް ފަހެއްގަ އެވެ.

އިންޑިއާގެ އެހީތެރިކަމަށް ޝައިޚް ހަސީނާ އެދިވަޑައިގަތީ ބަންގްލަދޭޝްގައި ހިނގައިދިޔަ ހަމަނުޖެހުންތަކުގައި ޖާނަށް ނުރައްކާޥާ ހިސާބަށް ދިއުމުންނެވެ.

ބޮޑުވަޒީރުގެ މަގާމުން ހަސީނާ އިސްތިއުފާ ދެއްވުމާ ގުޅިގެން ބަންގުލަދޭޝްގެ ސަރުކާރު މިހާރު ހިންގަނީ 17 މެމްބަރުންގެ މައްޗަށް އެކުލެވޭ ލަފާދޭ ކޮމިޓީއަކުންނެވެ. މި ކޮމިޓީގެ ވެރިއަކީ ރައީސް އައްޔަންކުރައްވާފައި ހުންނަވާ މުޝީރު -- މުހައްމަދު ޔޫނުސް އެވެ.

ޔޫނުސް ވިދާޅުވީ ހަސީނާއަށް އިންޑިއާގައި މަޑުކުރެއްވުމުގެ މުއްދަތު ކުރުވުމާއި ނުވުން އޮތީ އޭނާގެ އަތްމަތީގައި ކަމަށެވެ. ބަންގްލަދޭޝްއާ ބެހޭ ގޮތުން އަދި ގައުމު ހިންގަން ޖެހޭ ގޮތާ ބެހޭ ގޮތުން ފާޑުވިދާޅުވެ އިދިކޮޅަށް ހިތްވަރުދެއްވާނަމަ ހަސީނާއަށް ދައުވާކުރަން ޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް ޔޫނުސް ވިދާޅުވި އެވެ.

މިފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ ހަސީނާ ބަންގްލަދޭޝްގެ ސަރުކާރާ ހަވާލުކުރުމަށް އިންޑިއާއަށް ދަންނަވާނެ ކަމަށްވެސް ޔޫނުސް ވިދާޅުވި އެވެ.