ދުނިޔެ

ޝައިޚް ހަސީނާ އެނބުރި ގައުމަށް، ވިދާޅުވަނީ އިސްތިއުފާ ނުދެއްވާ ކަމަށް

ބަންގުލަދޭޝްގައި ކުރިއަށް އޮތް އާންމު އިންތިޚާބުގައި ޝައިޚް ހަސީނާ ވާދަކުރައްވާނެ ކަމަށް އޭނާގެ ފަރާތުން އޭނާގެ ފިރިހެން ދަރިކަލުން ސަޖީބު ވަޒީދު ޖޯއީ ވިދާޅުވެއްޖެ އެވެ.

ސަޖީބު ވިދާޅުވި ގޮތުގައި ހަސީނާ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާއެއް ނުދެއްވަ އެވެ. އިސްތިއުފާދެއްވާނެ ވަގުތު ލިބިވަޑައި ނުގަތީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ބަންގުލަދޭޝްގައި ހިނގާދިޔަ ހަމަނުޖެހުންތަކާ ގުޅިގެން އިސްތިއުފާ ދެއްވަން ހަސީނާ ވިސްނެވި ކަމަށް ދަރިކަލުން ސަޖީބު ވިދާޅުވި އެވެ. އެކަމަކު އިސްތިއުފާގެ ލިޔުން ތައްޔާރުކުރުމުގެ ކުރިން މުޒާހަރާކުރި މީހުން ރިޔާސީ ގަނޑުވަރަށް ވަދެގަތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ސަޖީބު މިހެން ވިދާޅުވި ނަމަވެސް، ހަސީނާ ދެން ބަނގުލަދޭޝްގެ ސިޔާސީ އެއްވެސް ކަމެއްގައި ބައިވެރިވެވަޑައި ނުގަންނާނެ ކަމަށް އޭނާ ކުރިން ވިދާޅުވި އެވެ.

ޝައިޚް ހަސީނާ މިހާރު އިންނެވީ އިންޑިއާގައި، އަސްކަރީ ހިމާޔަތުގަ އެވެ. ޚަބަރުތައް ބުނާ ގޮތުން ހަސީނާގެ ވިސްނުމަކީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދެވުމެވެ.

ނަމަވެސް، ސަޖީބު ވިދާޅުވަނީ އޭނާގެ މަންމަ އެއްވެސް ގައުމަކުން ހިމާޔަތް ނުހޯއްދަވާނެ ކަމަށެެވެ. އަދި އިންތިޚާބު އިއުލާންކުރުމާ އެކު ބަންގުލަދޭޝްއަށް އެނބުރި ވަޑައިގަންނަވާނެ ކަމަށެވެ.

ބަންގުލަދޭޝްގެ ރައީސް މުހައްމަދު ޝަހާބުއްދީން ގާނުންހަދާ މަޖިލީސް އުވާލެއްވި ނަމަވެސް، ހަސީނާ އަކީ އަދިވެސް އެ ގައުމުގެ ބޮޑުވަޒީރު ކަމަށް ސަޖީބު ވިދާޅުވި އެވެ.

ހަސީނާ އަކީ ގާނޫނީ ހަމަތަކުގެ މަތިން ބަންގުލަދޭޝްގެ ބޮޑުވަޒީރުކަން ކޯޓުގައި ވެސް ސާބިތުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް، ކޯޓުން ހަސީނާ ބޮޑުވަޒީރުގެ މަގާމުން ދުރުކޮށްފި ނަމަ އެކަން ބަލައިގަންނާނެ ކަމަށްވެސް ވިދާޅުވި އެވެ. އެ ހާލަތުގައި ހަސީނާ ނިސްބަތްވާ ސިޔާސީ ޕާޓީ -- އައްވާމީ ލީގު އޮންނާނީ އިދިކޮޅުގައި ކަމަށްވެސް ވިދާޅުވި އެވެ.

ބަންގުލަދޭޝްގެ ސަރުކާރު މިހާރު ހިންގަނީ 17 މެމްބަރުންގެ މައްޗަށް އެކުލެވޭ ލަފާދޭ ކޮމެޓީއަކުންނެވެ. މި ކޮމެޓީގެ ވެރިއަކީ ރައިސް އައްޔަންކުރައްވާފައި ހުންނަވާ މުޝީރު -- މުހައްމަދު ޔޫނުސް އެވެ.