ދުނިޔެ

ހަސީނާ ހައްޔަރުކޮށް އަބުރާ ބަންގުލަދޭޝްއަށް ފޮނުވަން ގޮވަނީ

ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ހަސީނާ އާއި އެކަމަނާގެ ކޮއްކޮ ޝައިޚް ރެހާނާ ހައްޔަރުކޮށް އަނބުރާ ގައުމަށް ފޮނުވައިދިނުމަށް -- ބަންގުލަދޭޝްގެ ސުޕްރީމް ކޯޓު ބާ އެސޯސިއޭޝަން (އެސްސީބީއޭ)ގެ ރައީސް އޭއެމް މަހުބޫބުއްދީން ޚުކޯން އިންޑިއާއަށް ގޮވާލައްވައިފި އެވެ.

މަހުބޫބުއްދީން ވިދާޅުވި ގޮތުގައި އިންޑިއާއާ އެކު އޮތް ގުޅުން ޚަރާބުވާކަށް ބަންގުލަދޭޝްގެ އެކަކުވެސް ނޭދެ އެވެ.

ހަސީނާއަށް އިންޑިއާއިން ހިމާޔަތް ދީފައިވާއިރު އޭނާގެ އަތުގައި ބަންގުލަދޭޝްގެ އެތައް ބައެއްގެ ހައްގު އޮތް ކަމަށް އެސްސީބީއޭގެ ރައީސް ވިދާޅުވި އެވެ.

މަހުބޫބުއްދީން ވިދާޅުވި ގޮތުގައި ޝައިޚް ހަސީނާ އަކީ ގާތިލެއް ކަމަށް ކިތަންމެ ބަޔަކު ތުހުމަތުކުރެ އެވެ. އޭނާ ފިލައިގެން ހިނގައްޖެނަމަ ޒަހަމްތަކަށް އިންސާފެއް ނުލިބޭނެ ކަމަށްވެސް ވިދާޅުވި އެވެ.

އިންޑިއާގެ ގުޅުމަކީ ވަކި މީހަކަށް އަމާޒުކޮށްފައި އޮތް ގުޅުމެއް ނޫން ކަމަށް މަހުބޫބުއްދީން ވިދާޅުވި އެވެ. ގުޅުން ގާއިމުކުރެވިފައިވަނީ ދެ ގައުމުގެ ދެމެދުގައި -- އިންޑިއާ ސަރުކާރާ ބަންގުލަދޭޝްގެ ސަރުކާރާ ދެމެދުގައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަހުބޫބުއްދީން ވިދާޅުވީ ހަސީނާއާ ގުޅިފައި ހުރި ކޮރަޕްޝަންގެ އެތައް މައްސަލައެއް ވެސް ބަލަން ޖެހިފައި ހުރި ކަމަށެވެ.

ހަސީނާ ފިލުމަށް އިންޑިއާ މެދުވެރިއަކަށް ވެއްޖެނަމަ، އިންޑިއާ އަކީ ބަންގްލަދޭޝްއަށް އިޚްލާސްތެރި ގައުމެއް ނޫން ކަމަށް އާންމު ރައްޔިތުން ދެކޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ޝައިޚް ހަސީނާ ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ މަގާމުން އިސްތިއުފާ ދެއްވުމަށްފަހު މިހާރު ހުންނެވީ އިންޑިއާގައި -- އަސްކަރިއްޔާގެ ރައްކާތެރިކަމުގަ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން ހަސީނާ މަސައްކަތް ކުރައްވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދެވުމަށެވެ. އެކަމަކު އެކަން ވާގޮތް ނުވާ ކަމަށް ހަބަރުތައް ބުނެ އެވެ.

އިތުބާރު ހުރި ބައެއް އެހެން ހަބަރުތައް ބުނާ ގޮތުން އިނގިރޭސިވިލާތުން ހިމާޔަތް ދިނުމުގެ ކުރިން ހަސީނާ ލަންޑަނަށް ވަޑައިގެންފާނެ އެވެ.

ހަސީނާގެ ހިމާޔަތާ ބެހޭ ގޮތުން ވަކި ގޮތެއް އިނގިރޭސިވިލާތުން ނިންމުމުގެ ކުރިން އޭނާ ލަންޑަނަށް ވަޑައިގެންފިނަމަ، އިނގިރޭސިވިލާތުން ހިމާޔަތް ނުދޭނެ ކަމަށް ފޮރިން ސެކްރެޓަރީ އޮފީހުން އަންގާފައިވާ ކަމަށްވެސް ރިޕޯޓްތައް ބުނެ އެވެ.