އިނގިރޭސިވިލާތުގައި ބުރާސްފަތި ދުވަހު އޮތް އާންމު އިންތިހާބުގައި ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީއަށް ވަރަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެއްޖެ އެވެ.
އަވަސް ނަތީޖާ ދައްކާ ގޮތުން 410 ގޮނޑިއާ އެކު އިދިކޮޅު ލޭބާ ޕާޓީން އިންތިހާބު ކާމިޔާބުކުރާނެ އެވެ.
އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގައި ހިމެނޭ 650 ގޮނޑިއަށް ވާދަކުރި ކޮންޒަވޭޓިވުންނަށް -- ވެރިކަން ކުރާ ޕާޓީއަށް ލިބޭނެ ކަމަށް ބެލެވެނީ 131 ގޮނޑި އެވެ.
ކޮންޒަވޭޓިވް ޕާޓީން 2010 އިން ފެށިގެން ކުރަމުން އައި ވެރިކަން 14 އަހަރަށް ފަހު މިއޮތީ ނިމުމަކަށް އައިސްފަ އެވެ.
ބޮޑުވަޒީރު ރިޝީ ސުނަކްގެ ޒައާމަތުގައި ބުރާސްފަތި ދުވަހު ބޭއްވި އަވަސް އިންތިހާބުގެ ނަތީޖާ ދައްކާ ގޮތުން އިނގިރޭސި ބޮޑުވަޒީރުގެ މަގާމު އޭނާއަށް ގެއްލޭނެ އެވެ.
އިނގިރޭސި ބޮޑުވަޒީރުގެ މަގާމާ ދެން ހަވާލުވެ ވަޑައިގަންނަވާނީ ލޭބާ ޕާޓީގެ ލީޑަރު ކީރު ސްޓޯމާ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިނގިރޭސި ސަރުކާރު ބަދަލުވުމަކުން އެ ގައުމުގެ ހާރިޖީ އަދި ދާހިލީ ސިޔާސަތަކަށް މާބޮޑު ބަދަލެއް ނާންނާނެ އެވެ. އެމެރިކާއާ ޔޫރަޕްގެ ސިޔާސަތަށް ތަބާވުން ނޫން ގޮތެއް އިނގިރޭސިންނަކަށްވެސް ނޯންނާނެ އެވެ.
ދުނިޔޭގެ މަސްރަހުގައި މިހާރު އޮތް ފަލަ ސުރުހީތަކަށް ބަލާއިރު ޔުކްރޭނާ މެދު އިނގިރޭސިވިލާތް ދެކޭ ގޮތަށް ބަަދަލެއް ނާންނާނެ އެވެ. ރަޝިއާ ބަލިކުރުމަށް ހުޅަނގުން ކިޔާ އަންބާގައި އިނގިރޭސިވިލާތްވެސް ބައިވެރިވާނެ އެވެ.
އެމެރިކާއާއި ޔޫރަޕްގެ އިއްތިހާދުން ޗައިނާއާ މެދު ދެކޭ ގޮތް އިނގިރޭސި ސަރުކާރުން ވެސް ދަމަހައްޓާނެ އެވެ. ދުނިޔޭގައި އޮތް ސިޔާސީ، އިގުތިސާދީ އަދި ސަލާމަތީ ވާދަވެރިކަމުގައި އިނގިރޭސި ސަރުކާރު ބުރަވާނީ އެމެރިކާ އަށެވެ.
ވެރިކަންކުރާ ކޮންޒަވޭޓިވުން ދެކޭ ގޮތުގައި އިދިކޮޅު ލޭބާ ޕާޓީގެ ފިކުރަށް އިނގިރޭސިވިލާތް އަދި ތައްޔާރެއް ނޫނެވެ. ޒަމާންތަކެއް ވަންދެން ކޮންޒަވޭޓިވުން ކުރި ވެރިކަމަށް ވުރެ ގައުމަށް -- އާންމު ރައްޔިތުންނަށް މަންފާކުރާނެ ވެރިކަމެއް، ލޭބާ ޕާޓީއަކަށް ނުކުރެވޭނެ އެވެ.
ބޮޑުވަޒީރު ރިޝީ ސުނަކު ކެމްޕޭންގައިވެސް މުޅިން ދެއްކެވީ ލޭބާ ޕާޓީގެ ނުރައްކާތެރި ކަމުގެ ވާހަކަ އެވެ. އިދިކޮޅުން ވެރިކަމަށް އަތުވެއްޖެނަމަ އިނގިރޭސިންނަށް ދުނިޔޭގެ އިހުތިރާމު ގެއްލޭނެ ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް 14 އަހަރަށް ފަހު އިނގިރޭސި ރައްޔިތުން މިވަނީ އެ މީހުންނަށް އެންމެ ރަނގަޅު ގޮތް ވޯޓުން ކަށަވަރުކޮށްދީފަ އެވެ.
މި ނަތީޖާ އާއެކު ބޮޑުވަޒީރު ރިޝީ ސުނަކަށް މަގާމުން ދުރުވުން ނޫން ގޮތެއް ނޯންނާނެ އެވެ.