ދުނިޔެ

ޑީލެއްގެ ތެރެއިން ޖޫލިއަން އަސާންޖް އިނގިރޭސިވިލާތުގެ ޖަލުން ދޫކޮށްލައިފި

އެމެރިކާގެ ގައުމީ ދިފާއީ ލިޔުންތަކެއް ދައުލަތުގެ ހުއްދައެއް ނެތި ގާނޫނާ ހިލާފަށް ހޯދައި އާންމުކުރުމުގެ ކުށުގައި އެމެރިކާގެ ކޯޓަށް ހާޒިރުކުރަން ބޭނުންޖެހިފައި ހުރި ޖޫލިއަން އަސާންޖް އިނގިރޭސިވިލާތުގެ ޖަލުން ދޫކޮށްލައިފި އެވެ.

ޖޫލިއަން އަސާންޖް މަޝްހޫރުވެފައި ވަނީ ވިކިލީކްސްއޭ ކިޔާ އިންޓަނެޓް ޕްލެޓްފޯމެއް އުފައްދައި ގައުމުތަކުގެ ދިފާއީ ސިއްރުތައް ބޭޒާރުކުރުމަށް މީހުންނަށް މަގުފަހިކޮށްދިން މީހެއްގެ ގޮތުގަ އެވެ.

އޭނާގެ މައްޗަށް އުފުލާފައި ހުރި ދައުވާތަކުގެ ތެރޭގައި ބަދުއަހްލާގީ އަމަލުތަކެއްގެ މައްސަލަވެސް ހިމެނެ އެވެ. އަދި އެމެރިކާ ސިފައިން އީރާގުގައި ހިންގި ޖަރީމާތަކާ ގުޅުން ހުރި ލިޔުންތަކެއް އިންޓަނެޓްގައި އާންމުކުރުން ހިމެނެ އެވެ. މިއީ އެމެރިކާގެ ގައުމީ ދިފާއާ ގުޅުން ހުރި ލިޔުންތަކެއް ކަމަށް އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓުން ބުނެ އެވެ.

އޭނާއަށް ޝަރީއަތްކުރުމަށް އެމެރިކާއަށް ބޭނުންޖެހިފައި ހުރި ނަމަވެސް ފާއިތުވި ފަސް އަހަރު އޭނާ ހުރީ އިނގިރޭސިވިލާތުގެ ޖަލެއްގަ އެވެ.

ޖޫލިއަން އަސާންޖްގެ މައްޗަށް ސްވިޑަންގެ ކޯޓުން އުފުލާފައި އޮތް ބަދުއަހްލާގީ މައްސަލަތައް ބެލުމަށް، އިނގިރޭސި ސިފައިން އޭނާ ހައްޔަރުކޮށް ސްވިޑަނަށް ފޮނުވަފާނެ ކަަމަށް ބިރަށް ލަންޑަންގައި ހުންނަ އިކުއޭޑޯގެ އެމްބަސީން ޖޫން 14، 2012 ގައި ހިމާޔަތް ހޯދި އެވެ.

އެއަށް ފަހު މިއަދާ ހަމައަށްވެސް އޭނާ އުޅެފައިވަނީ ޖަލު ބަންދުގައި ދަތިހާލުގަ އެވެ.

އިނގިރޭސި ޖަލުން ދޫކޮށްލުމާ އެކު އޭނާ ވަނީ އަމިއްލަ ގައުމަށް -- އޮސްޓްރޭލިއާއަށް ފުރާފައި ކަމަށް ހަބަރުތައް ބުނެ އެވެ.

އިނގިރޭސި ޖަލުން އޭނާ ދޫކޮށްލީ އެމެރިކާ ސަރުކާރާ އެކު ހެދި ޑީލެއްގެ ދަށުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. މި ޑީލުގެ ދަށުން އެމެރިކާގެ ކޯޓަކަށް އޭނާ ހާޒިރުވާނެ އެވެ. އަދި އޭނާ ކުރި ހުރިހާ ކުށަކަށް އެއްބަސްވާނެ އެވެ. ނަމަވެސް އޭނާގެ މައްޗަށް ދިގު ޖަލު ހުކުމެއް ނުއިއްވާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން އެމެރިކާގެ ކޯޓުގައި ލިޔެކިޔުންތައް ތަރުތީބު ކުރުމަށްފަހު އަދި އެމެރިކާޑެ ޑިފެންސް ޑިޕާޓްމަންޓުން ހަމަޖައްސާ އުސޫލުތަކުގެ ދަށުން އަސާންޖް އޮސްޓްރޭލިއާއަށް ދާން ހުއްދަ ދޭނެ އެވެ.