ހަބަރު

ނުކުޅެދުންތެރިންނަށް ދޭ ފްލެޓްތަކަށް އަލުން ޕޮއިންޓް ދެނީ

  • ފްލެޓްތައް ދޭން މަސައްކަތް ކުރާތާ ދެ އަހަރު
  • އޭސީސީ އިން ވަނީ ޕޮއިންޓް އަލުން ދޭން އަންގާފައި
  • ފްލެޓް ދެނީ ހުޅުމާލެއިން

ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފްލެޓް ދޫކުރުމާއި ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅިފައިވާ ޝަކުވާތަކަކަށް ބެލުމަށްފަހު އަލުން ފޯމްތަކަށް ޕޮއިންޓް ދިނުމަށް އޭސީސީން ނިންމުމުން އެއްގޮތަށް އަމަލުކުރަމުންދާ ކަމަށް މިނިސްޓްރީ އޮފް ލޯ އެންޑް ޖެންޑަރ އިން ބުނެފި އެވެ.

ޖެންޑަރ މިނިސްޓްރީން މިއަދު ބުނީ އޭސީސީ އާ މަޝްވަރާ ކުރުމަށްފަހު ފްލެޓްތަކަށްޝޯޓްލިސްޓު ކުރެވުނު ފަރާތްތައް އަލުން އިއުލާނު ކުރާނެ ކަމަށެވެ. އަދި މީގެ އިތުރުން ޖެންޑަރ އިން ބުނީ ފޯމްތަކަށް އަލުން ޕޮއިންޓްދޭން ނިންމި ނަމަވެސް ފްލެޓަށް އަލުން ކުރިމަތިލުމަށް ހުޅުވާނުލާ ކަމަށެވެ.

މި ފްލެޓްތަކަކީ 2014 ވަނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭން މަސައްކަތް ކުރާ ފްލެޓްތަކެކެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަހަރަކު 15 ފުލެޓް ދޭން ސަރުކާރުން ނިންމީ 2013 ވަނަ އަހަރު އެވެ. ނަމަވެސް 2013 ވަނަ އަހަރު ފުލެޓް ހަވާލުކުރި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅުކޮށް ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އާއިލާތަކުން ގިނަ އަދަދަކަށް ޝަކުވާ ހުށަހެޅުމާއި ގުޅިގެން، ސަރުކާރުން އެންގީ 2014 ވަނަ އަހަރު ދޭން ނިންމި ފުލެޓުތަކަށް ލީ ފޯމުތައް އަލުން ރިވައިޒް ކުރުމަށެވެ. އެގޮތުގެ މަތިން ކުރިން ބޭނުންކުރި ފޯމުތައް އުވާލައި، މާކްސް ދިނުމުގެ އައު ގަވާއިދަކާއި އެކު އަލުން ފޯމުލާން އެންގި އެވެ.