ބޮލީވުޑް

ޕަތާންގެ ޓްރެއިލާ: ފޭނުން ބުނަނީ ޝާހް މޮޅުކަމުން ހީބިހި ނެގިޔޭ!

ޝާހް ރުކް ޚާންގެ އާ ފިލްމު "ޕަތާން"ގެ ޓްރެއިލާ އިއްޔެ ވަނީ ލޯންޗުކޮށްފަ އެވެ.

ޓްރެއިލާ ބަލާފައި ޝާހް ރުކްގެ ފޭނުންތައް އުފަލުން ގޮސް ސޯޝަލް މީޑިއާގައި ވަރަށް އަޑުގަދަ ކޮށްފައި ވެއެވެ. ފޭނުން ބުނަނީ ޓްރެއިލާގައި ޝާހް ރުކްގެ މޮޅުކަން ފެނިފައި ގައިން ހީބިހި ނެގި ކަމަށެވެ. އަދި ފިލްމު ބެލުމުގެ ޝައުގުވެރިކަން އެތައް ގުނައަކަށް އިތުރުވެއްޖެ ކަމަށެވެ.

މި ފިލްމުގައި ޝާހް ރުކް ކުޅެނީ ގައުމެއް ސަލާމަތްކުރަން މަސައްކަތްކުރާ ބަތަލެއްގެ ރޯލެވެ. ޓްރެއިލާގައި ފެނުނު އެކްޝަން މަންޒަރުތަކާއި ޑައިލޯގްތައް މޮޅުކަމުން ބެލުންތެރިން ވަނީ ވަރަށް ހިތްހަމަޖެހިފަ އެވެ.

"ސިފައިންގެ މީހަކު ނާހާނެ ގައުމު އޭނާއަށް ކޮށްދެނީ ކޮން ކަމެއް ހެއްޔެކޭ! އޭނާ އަހާނީ ގައުމަށް އޭނާއަށް ކޮށްދެވޭނީ ކޮން ކަމެއްހޭ!" ފިލްމުގައި ޓްރެއިލާގައި ޝާހް ރުކް ކިޔާ ޑައިލޯގެއްގައި ބުނެ އެވެ.

ޝާހް ރުކްގެ ފޭނުންގެ ގައިން ހީބިހި ނެގީ މި ޑައިލޯގުން ކަމަށް ވެއެވެ.

މިހިނގާ ޖެނުއަރީ 25 ވަނަ ދުވަހު "ޕަތާން" ރިލީޒްކުރުމަށް ތައްޔާރުވަމުންދާއިރު ފޭނުން ބުނަނީ ފުރަތަމަ ދުވަހުގެ ފުރަތަމަ ޝޯ ބަލާލަން އެމީހުން ވެސް މިހާރުއްސުރެ ތައްޔާރުވާން ފަށައިފި ކަމަށެވެ.

ޔާޝް ރާޖް ފިލްމްސް އިން ޕްރޮޑިއުސްކޮށްފައިވާ "ޕަތާން"އަކީ އެ ޕްރޮޑަކްޝަން ހައުސް އިން އުފައްދާ 'ސްޕައި ޔުނިވާސް'ގެ ފިލްމުތަކުގެ ތެރެއިން ފިލްމެކެވެ.

ދީޕިކާ ޕަދުކޯން އާއި ޖޯން އަބްރަހަމް ވެސް މި ފިލްމުގައި ވަރަށް މުހިއްމު ރޯލުތަކެއް އަދާ ކުރެ އެވެ. ދީޕިކާ ވެސް ކުޅެނީ އަންހެން ސިފައިންގެ މީހެއްގެ ރޯލެވެ. ޖޯން ކުޅެނީ ނުބައި ބައެވެ.