ދުނިޔެ

އީރާންގައި ހިޖާބާ ޚިލާފުވާ މީހުންނަށް ހަރުކަށި އަދަބު ދޭން އަންގައިފި

އީރާންގައި އާންމު ތަންތަނުގައި ހިޖާބު ގާނޫނާ ހިލާފުވާ މީހުންނަށް ހަރުކަށި އަދަބު ދިނުމަށް އެ ގައުމުގެ ޝަރުއީ ދާއިރާއިން ފުލުހުންނަށް އަންގައިފި އެވެ.

ހިޖާބު ގާނޫނާ ޚިލާފަށް ހެދުން އަޅައިގެން އުޅެނިކޮށް ސެޕްޓެމްބަރު 16، 2022 ގައި ކުރުދީ ދަރިކޮޅުގެ އުމުރުން 22 އަހަރުގެ މަހްސާ އަމީނީ ވަނީ ހައްޔަރުކޮށްފަ އެވެ. އަދި ފުލުހުންގެ ބެލުމުގެ ދަށުގައި އިންދައި އޭނާ ވަނީ މަރުވެފަ އެވެ.

މިކަމާ ގުޅިގެން އާންމުންގެ އެތައް ބަޔަކު މަގުތަކަށް ނުކުމެ ސަރުކާރުގެ މުދާލާއި އާންމުންގެ ތަންތަނަށް ވެސް ވަނީ ގެންލުން ދީފަ އެވެ. އަދި ބުރުގާ އެޅުމެއް ނެތި ކަނބަލުން މަގުތަކަށް ނުކުމެ ވެރިންނާ ދެކޮޅަށް އަޑުގަދަކޮށް ވަނީ މުޒާހަރާކޮށްފަ އެވެ.

އެހެން ނަމަވެސް، ހިޖާބު ގާނޫނަށް އާންމުން އަމަލުކުރޭތޯ ބަލަން މަގުތަކުގައި އުޅުނު ފުލުހުން މިހާރު އެއްގޮތަކަށްވެސް ނުފެންނަ ކަމަށްވެ އެވެ.

އީރާންގެ އިދާރާތަކުން ބުނާ ގޮތުން ކަނބަލުން ބޭނުންހާ ގޮތަކަށް އާންމު ތަންތަނުގައި އުޅެން ހުއްދައެއް ނުދެވޭނެ އެވެ. ހިޖާބު ގާނޫނަށް އަމަލުކުރުން އަވަސްކުރަން ވެސް ސަރުކާރުގެ އިދާރާތަކުން ވަނީ ގޮވާލާފަ އެވެ.

އީރާންގެ ޚަބަރުތައް ބުނާ ގޮތުން ހިޖާބު ނާޅައި -- އެ ގާނޫނާ ހިލާފުވެއްޖެ ނަމަ ހަރުކަށި އަދަބު ދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލް ފުލުހުންނަށް ވަނީ އަންގާފަ އެވެ.

ހިޖާބު ނާޅާ އުޅޭ ނަމަ ބަންދުކުރުމާއި ޖޫރިމަނާކުރުން އަދި މަސައްކަތު ނުދެވޭ ގޮތް ހެދުން ފަދަ އަދަބުތައް ދިނުމަށްވެސް ކޯޓުތަކާށް ވަނީ އަންގާފަ އެވެ.

އީރާންގައި ހިންގަމުން ގެންދާ ހަމަނުޖެހުންތަކާ ގުޅިގެން އެ ގައުމުން ހަތަރު މީހަކަށް މަރުގެ އަދަބު ވަނީ ދީފަ އެވެ. އަދި އިތުރު 13 މީހެއްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައި ވާއިރު އިތުރު ހަ މީހަކަށް ޝަރީއަތް ކުރަންވެސް ވަނީ އަމުރުކޮށްފަ އެވެ.