އިޒުރޭލުން ސަރަހައްދީ މަސްލަހަތަށް ބެލުމެއް ނެތި އަސްކަރީ ބާރު ބޭނުންކުރުމަކީ ޒިންމާދާރުކަން ކުޑަ ކަމެއް ކަމަށް ގަތަރުގެ ޚާރިޖީ ވަޒީރު ޝައިޚް މުހައްމަދު ބިން އަބްދުއްރަޙްމާން ބިން ޖާސިމް އަައްސާނީ ވިދާޅުވެއްޖެ އެވެ.
އީރާންގެ ޚާރިޖީ ވަޒީރު ހުސައިން އަމީރު އަބްދުއްލަހިޔާންއަށް ފޯނުން ގުޅުއްވައި އައްސާނީ ވަނީ މަސްލަހަތަށް އެދިވަޑައިގެންފަ އެވެ. ކެތްތެރިކަމާއި ސަރަހައްދީ އެކުވެެރިކަން ދެމެހެއްޓުމަށް ވެސް ގަތަރުގެ ޚާރިޖީ ވަޒީރު އެދިވަޑައިގެންނެވި އެވެ.
އައްސާނީ ވިދާޅުވި ގޮތުގައި ހަތިޔާރުން މަސްލަހަތު ދެމެހެއްޓޭނެ ކަމަށް އެއްވެސް ބަޔަކު ގަބޫލުކުރުމަކީ ގޯހެކެވެ. އިޒުރޭލު އަތުގައި ކިތަންމެ ވަރުގަދަ އަސްކަރީ ބާރެއް އޮތް ނަމަވެސް ސައްހަ ގޮތުގައި ބޭނުންހިފުން ލާޒިމް ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
އީރާންގެ ޚާރިޖީ ވަޒީރު ވިދާޅުވީ ހުރިހާވެސް ގޯހެއް ހަދަނީ ޒަޔަނިސްޓު ސަރުކާރުން ކަމަށެވެ. އީރާނާ ތޮޅެއް އުޅޭތާ ލައްކަ ޒަމާންވެއްޖެ ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ.
އޭނާ އަދި ވިދާޅުވީ ސަރަހައްދުގައި ބޮޑު ހަނގުރާމައެއް ނުފެށި އޮތީވެސް އިރާންގެ ސަބަބުން ކަމަށެވެ. ޒަޔަނިސްޓުން އީރާނަށް ދޭ ކޮންމެ ހަމަލާއަކަށް އީރާނުން ބަދަލުހިފާ ނަމަ މަސްލަހަތު މިހާރު އޮތް ގޮތަށް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ހުސައިން އަމީރު އަދި ވިދާޅުވީ އިޒުރޭލަށް ދިން ހަމަލާތަކަކީ ހަމަ ކިރިޔާ ފުދޭވަރު ކަމަށެވެ. އީރާނުގައި ހުރި ބާރުގަދަ ހަތިޔާރު އަދި ހުރީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒުރޭލަށް ބޮޑު ގެއްލުމެއް ދިނުމަކީ އީރާންގެ ވިސްނުމެއް ނޫން ކަމަށް ވެސް ވަޒީރު ވިދާޅުވި އެވެ. އީރާނުން ދައްކަން ބޭނުންވީ ހިމޭނުން އޮންނަނީ ކަމެއް ނުކުރެވިގެން ނޫންކަން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މޮޔައިން އުޅޭ ގޮތަށް އެންމެން އުޅެންވެއްޖެ ނަމަ ހުރިހާ މީހުން ވަނީ މޮޔައިންނަށް ކަމަށް ވެސް އީރާންގެ ވަޒީރު ވިދާޅުވި އެވެ.
އަތުގައި ބަޑިއެއް ޖެހޭއިރަށް ޖަހަން ހަދައިފި ނަމަ އަމިއްލަ ގަޔަށް އުންޑައަރާ ފަހަރު ވެސް އަންނާނެ ކަމަށް ހުސައިން އަމީރު ވިދާޅުވި އެވެ.