ވޯލްޑް ބޭންކް

"ދެކުނު އޭޝިޔާގައި އެންމެ ބޮޑަށް ކުރިއަރާނީ ރާއްޖޭގެ އިގްތިސޯދު"

ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ހަލުވިކޮށް ކުރިއަރައިގެން ދާނީ ރާއްޖޭގެ އިގްތިސޯދު ކަމަށް ވޯލްޑް ބޭންކުން ބުނެފި އެވެ.

ވޯލްޑް ބޭންކުން މިއަދު ނެރުނު ރިޕޯޓެއްގައިވާ ގޮތުން މިއަހަރު ރާއްޖޭގެ އިގްތިސޯދު 8.2 އިންސައްތަ އިން ކުރި އަރާނެ އެވެ. މިއީ މިއަހަރު ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި އިންސައްތައަށް ވުރެ ދަށް އަދަދެއް ކަމަށްވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

"އެކަމަކު އަދިވެސް ރާއްޖޭގެ އިގްތިސޯދަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އެންމެ ކުރި އަރާނެ އިގްތިސޯދު،" ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ބުނެފައިވަނީ ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ކުރިން ލަފާ ކުރި އިންސައްތައަށް ވުރެ މިހާރު ދަށްވެގެން ގޮސްފައިވަނީ ކޮވިޑަށްފަހު އިގްތިސޯދުތަކަށް އައި ބޮޑު ކުރިއެރުމަށް ކޮންމެވެސް ވަރެއްގެ މަޑުޖެހުމެއް އައިސް އާންމު ހާލަތައް ރުޖޫއަވަމުން ދާތީ ކަމަށެވެ.

ދެކުނު އޭޝިއާގެ އެހެން ގައުމުތަކަށް ވުރެ ރާއްޖޭގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ލަފާ ކުރާ ސަބަބެއް ކަމުގައި ރިޕޯޓުގައި ބުނެފައިވަނީ ފަތުރުވެރިން ޒިޔާރާތް ކުރާ މިންވަރު މަތިވުމާއި އުމްރާނީ ތަރައްގީއަށް ރާއްޖެއިން ހޭދަ ކުރާ މިންވަރު ގިނަވެ ތަރައްގީވަމުން ދާތީ އެވެ.

ރާއްޖެއާ ޖެހިގެން ދެކުނު އޭޝިއާ އިން ދެން އެންމެ ބޮޑަށް ކުރި އަރާނެ ކަމަށް ލަފާކޮށްފައިވަނީ އިންޑިއާގެ އިގްތިސޯދެވެ.

އިންޑިއާގެ އިގްތިސޯދު ކުރިއަރާނެ ކަމަށް ލަފާކޮށްފައިވަނީ 6.6 އިންސައްތަ އެވެ. އަވައްޓެރި ލަންކާގެ އިގްތިސޯދު 4.2 އިންސައްތަ ދަށްވެގެން ދާނެ ކަމަށްވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. ލަންކާ އަކީ ދެކުނު އޭޝިޔާގެ ގައުމުތަކުގެ ތެރެއިން އިގްތިސޯދު ދަށަށް ދާނެ ކަމަށް ލަފާ ކޮށްފައިވާ ހަމައެކަނި ގައުމެވެ.