ޓޫރިޒަމް

ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައަށް އިނގިރޭސިވިލާތް

ރަޝިއާ ފަހަތަށް ޖައްސާލުމަށްފަހު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ދެވަނައަށް އިނގިރޭސިވިލާތް އަރައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާ އާދިއްތަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 69،031 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މިއީ މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ޖުމްލަ 688،611 ފަތުރުވެރިންގެ ތެރެއިން 10 ޕަސަންޓެވެ.

ރާއްޖެއަށް މިހާރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރާ ޗައިނާއިން އަހަރުގެ މިހާތަނަށް 73،848 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު ތިންވަނައިގައި އޮތް ރަޝިއާއިން 68،342 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

އިޓަލީން އަހަރުގެ މިހާތަނަށް 63،020 ފަތުރުވެރިން އަދި ޖަރުމަނުން 54،311 ފަތުރުވެރިން އައިސްފައިވެ އެވެ.

ރާއްޖެއަށް މިދިޔަ އަހަރު އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރި އިންޑިއާ އިން އަހަރުގެ މިހާތަނަށް އައީ 38،578 ފަތުރުވެރިންނެވެ.

ރާއްޖެއަށް ދެން އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރަނީ ފްރާންސް، އެމެރިކާ ސްވިޓްޒަލޭންޑް އަދި ޕޮލެންޑުންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މި މުއްދަތާއި އަޅާބަލާއިރު މިއަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ 14.6 ޕަސަންޓް އިތުރުވެފަ އެވެ.