ޓޫރިޒަމް

އިނގިރޭސިވިލާތުން އެއްލައްކަ ފަތުރުވެރިން

އިނގިރޭސިވިލާތުން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ލައްކައަކަށްވުރެ އިތުރުވެއްޖެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިމަހުގެ 29 ވަނަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 100،325 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މި އަދަދާއެކު ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ހަތަރުވަނައިގައި އެ ގައުމު އޮތްއިރު މާކެޓްގެ އެންމެ ކުރީގައި އުޅޭ ރަޝިއާ، އިންޑިއާ އަދި ޗައިނާ މި ތިން ގައުމުން 398،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ފަތުރުވެރިންގެ ގަދަ 10 ގައުމު

  • ރަޝިއާ - 143،986
  • އިންޑިއާ - 134،690
  • ޗައިނާ - 120،023
  • އިނގިރޭސިވިލާތް - 100،325
  • ޖަރުމަނު - 80،654
  • އިޓަލީ - 79،400
  • އެމެރިކާ - 48،714
  • ފްރާންސް - 35،613
  • ސްޕެއިން - 24،364
  • ސްވިޓްޒަލޭންޑް - 23،395

ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރޭގައި އޮގަސްޓް މަހު ޒިޔާރަތްކުރި 148،319 ފަތުރުވެރިން ހިމެނެ އެވެ.

ފަތުރުވެރިންގެ އަދަދު މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 14 ޕަސަންޓް އިތުރުވެފައިވާއިރު އޮގަސްޓް މަހުގެ ފަތުރުވެރިންގެ އަދަދު ވަނީ 2022 ވަނަ އަހަރަށްވުރެ 17.6 ޕަސަންޓް އިތުރުވެފަ އެވެ.

ޓޫރިޒަމަށް މިހާރު ރާއްޖޭގައި 1،261 ފެސިލިޓީއެއް ދަނީ ހިންގަމުންނެވެ. އޭގެ ތެރޭގައި 173 ރިސޯޓާއި 912 ގެސްޓްހައުސް އާއި 162 ސަފަރީ އުޅަނދު އަދި 14 ހޮޓާ ހިމެނެ އެވެ