ޓޫރިޒަމް

އިނގިރޭސިވިލާތުން އެއް ލައްކަ ފަތުރުވެރިން

އިނގިރޭސިވިލާތުން މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އެއް ލައްކައަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އާދިއްތަ ދުވަހުގެ ނިޔަލަށް އިނގިރޭސިވިލާތުން 100،830 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.

މި އަދަދާއެކު އެގައުމު އޮތީ ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ ތިންވަނައިގަ އެވެ.

ރާއްޖެއަށް މި އަހަރުގެ މިހާތަނަށް ޖުމްލަ 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު މީގެ ތެރެއިން ނުވަ ޕަސެންޓަކީ އިނގިރޭސިވިލާތުގެ ފަތުރުވެރިންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ މާކެޓްގެ އެއް ވަނައިގައި އޮތް ޗައިނާއިން މި އަހަރުގެ މިހާތަނަށް 144،577 ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ. މާކެޓްގެ ދެވަނައިގައި އޮތް ރަޝިއާއިން 119،060 ފަތުރުވެރިން ޒިޔާރަތްކުރި އެވެ.

އިޓަލީވިލާތުން މި އަހަރުގެ މިހާތަނަށް 84،296 ފަތުރުވެރިން ރާއްޖެ އައިސްފައިވާއިރު ޖަރުމަނުވިލާތުން 83،653 ފަތުރުވެރިން އަދި އިންޑިއާއިން 69،022 ފަތުރުވެރިން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ދައްކާ ގޮތުން އަހަރުގެ މިހާތަނަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު ވަނީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 9.6 ޕަސެންޓް އިތުރުވެފަ އެވެ.