ވޯލްޑް ބޭންކް

އުފެއްދުންތެރިކަން ކުރި އަރާނެ ކަމަށް ލަފާކުރި މިންވަރު ދަށްކޮށްފި

ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިން މަތީ ފަންތީގެ ރިސޯޓްތަކުގެ ބަދަލުގައި ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރާތީ އުފެއްދުންތެރިކަން މިއަހަރު ކުރިއަރާނެ ކަމަށް ވޯލްޑް ބޭންކުން ކުރި އަންދާޒާ ދަށްކޮށްފި އެވެ.

ވޯލްޑް ބޭންކްގެ "ސައުތު އޭޝިއާ ޑިވެލޮޕްމަންޓް އަޕްޑޭޓް އެޕްރީލް 2024" ރިޕޯޓްގައި ވަނީ 2022 ވަނަ އަހަރާއި އަޅާބަލާއިރު 2023 ވަނަ އަހަރު ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 12 ޕަސަންޓް އިތުރުވެ ޖުމްލަ ފަތުރުވެރިންގެ އަދަދު 1.88 މިލިއަނަށް އެރިކަން ފާހަގަކޮށްފަ އެވެ.

ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވި ނަމަވެސް އުފެއްދުންތެރިކަމަށް އޭގެ އަސަރު ނުކުރަނީ މަތީ ފަންތީގެ ރިސޯޓްތަކުގެ ބަދަލުގައި ފަތުރުވެރިން ގެސްޓްހައުސްތައް ހިޔާރުކުރާތީ ކަމަށް ރިޕޯޓްގައި ބުނެފައިވެ އެވެ.

ރާއްޖޭގެ އުފެއްދުންތެރިކަން މިއަހަރު ކުރި އަރާނެ ކަމަށް މިހާރު ލަފާކުރެވެނީ 4.7 ޕަސަންޓްގައި ކަމަށް ވޯލްޑް ބޭންކުން ބުނެ އެވެ.

މިއީ ކުރިން އަންދާޒާ ކުރި ވަރަށްވުރެ 0.5 ޕަސަންޓް ދަށް އަދަދެކެވެ.

ވޯލްޑް ބޭންކުން ލަފާކުރާ ގޮތުން އަންނަ އަހަރު ރާއްޖޭގެ އުފެއްދުންތެރިކަން 5.2 ޕަސަންޓް ކުރި އަރާނެ އެވެ. އަދި 2026 ވަނަ އަހަރު 4.1 ޕަސަންޓަށް އުފެއްދުންތެރިކަން ކުރި އަރާނެ އެވެ.