ހަބަރު

ވެލިދޫ ކަރަންޓް މައްސަލަ 12 ގަޑިއިރު ތެރޭ ހައްލުވާނެ: ފެނަކަ

Jan 24, 2016

ވެލިދޫގައި ހަލާކުވެފައި ހުރި އިންޖީނު މަރާމާތުކޮށް ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި މުޅި ރަށަށް ކަރަންޓް ދެވި، މައްސަލަ ހައްލު ކުރެވޭނެ ކަމަށް ފެނެކަ ކޯޕަރޭޝަނުން މިރޭ ބުނެފި އެވެ. 

ވެލިދޫގެ ކަރަންޓްގެ މައްސަލައާ ގުޅޭ ގޮތުން ފެނަކަ ކޯޕަރޭޝަނުން ނެރުނު ބަޔާނެއްގައި ބުނީ، ވެލިދޫގައި ކަރަންޓްގެ ހިދުމަތް ދިނުމަށް ބޭނުން ކުރާ ތިން ޖަނަރޭޓަރުގެ ތެރެއިން 300 ކިލޯވޯޓްގެ ޖަނަރޭޓަރަށް މައްސަލައެއް ދިމާވެ، އެންމެ ލޯޑް ބޮޑުވާ ވަގުތު ރަށުން އިރުއިރުކޮޅާ ކަރަންޓް ކެނޑެމުން އަންނަ ކަމަށެވެ. އަދި އެ އިންޖީނަށް ދިމާވި މައްސަލަ ހައްލު ކުރުމަށް ކުޅަދާނަ އިންޖިނިއަރުންގެ ޓީމެއް މެދުކެނޑުމެއް ނެތި އަންނަނީ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުން ކަމަށެވެ.

"އިންޖިނިއަރުން މައުލޫމާތު ދެއްވާ ގޮތުގައި ކުރިއަށް އޮތް 12 ގަޑިއިރުގެ ތެރޭގައި ނ. ވެލިދޫގެ ކަރަންޓަށް މިހާރު ދިމާވެފައިވާ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ އެވެ،" ފެނަކައިގެ ބަޔާނުގައިވެ އެވެ.

ފެނަކައިން ބުނީ، ވެލިދޫގެ ރައްޔިތން ދޭ އެއްބާރުލުމާއި ކެތްތެރިކަމަށް ޝުކުރު ދަންނަވާ ކަމަށެވެ. އަދި ކަރަންޓްކެޑޭތީ ދިމާވާ ދަތިތަކަށް މާފަށް އެދޭ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. ވެލިދޫގައި ދެން ކަރަންޓްގެ ހިދުމަތް ދޭން ބޭނުން ކުރަނީ 160 އާއި 112 ކިލޯވޯޓްގެ އިންޖީނެވެ. މިހާރު ކަރަންޓް ދެމުން ދަނީ އެ ދެ އިންޖީނު ބޭނުންކޮށްގެންނެވެ.