ރަޝިއާ - ޔުކްރޭން ހަނގުރާމައިގެ ތެރެއަށް އދ. ތަންކޮޅެއް ސީރިއަސްކޮށް ވަންނަން ޖެހިފައިވާ ކަމަށް ނުފޫޒު ގަދަ ގައުމުތަކުން ބުނެ އެވެ.
ރަޝިއާ ސިފައިން ޔުކްރޭންގައި ހިންގަމުން ގެންދާ އުދުވާނީ ހަމަލާތަކަށް ޒިންމާކުރުވައި ރަޝިއާ ސަރުކާރު ހިންގުމުގައި އިސްކޮށް ތިއްބެވި ވެރިންނަށް އަދަބުދިނުމަށް އދ. އިން ޚާއްސަ ޓްރައިބިއުނަލެއް އުފެއްދުމަކީވެސް ކުރަން ވެފައި އޮތް ކަމެއް ކަމަށްވެސް އެ ގައުމުތަކުން ބުނެ އެވެ.
ރަޝިއާ އިން އދ. އަށް ކަނޑަައަޅާފައި ހުންނަވާ ޑެޕިއުޓީ ސަފީރު، ދިމިތުރީ ޕޮލިޔަންސިކް ވިދާޅުވި ގޮތުގައި ވަކި ގައުމަކަށް ވަކި ގޮތެއް ހެދުމަށް ޓްރައިބިއުނަލްތައް އުފެއްދުމަކީ އާންމު މަޖިލީހަށް އޮތް ކަމެއް ނޫން ކަމަށެވެ.
އާންމު މަޖިލީހުން އުފައްދާ އެފަދަ އެއްވެސް ބާރެއްގައި ގާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ. އާންމު މަޖިލީހަކީ ޖިނާއީ ހުކުމްކުރާ ކޯޓެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ސަފީރު ވިދާޅުވީ ހުޅނަގުން ދައްކަނީ ފުލެއް ބިތެއް ނެތް ވާހަކަތަކެެއް ކަމަށެވެ. އެ މީހުން ކުޅެމުން ގެންދާ ސިޔާސީ ކުޅިގަނޑުގައި އދ. ތާށިކޮށްލުމަކީ އެ މީހުންގެ އޮތް ރޭވުމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
އދ. އަށް މައްސަލައެއް ވައްދައި ދުވަސްތަކެއް ނަގާލެވިދާނެ ކަމަށްވެސް ސަފީރު ވިދާޅުވި އެވެ. އެކަމަކު ގާނޫނީ ހައިސިއްޔަތަކުން ރަޝިއާއާ މެދު އެއްވެސް ފިޔަވަޅެއް ނޭޅޭނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.