އިސްލާމިކް މިނިސްޓްރީ

ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ ޝާއިއުކުރަން ފަށައިފި

ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރަން ފަށައިފި އެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ އިސްލާމްދީނަށް ލޯބިޖައްސައި ދީނީ މައުލޫމާތު ފެތުރުމުގެ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ތެރެއިން އެ މިނިސްޓްރީން ކުރިއަށްގެންދާ ކަމެއް ކަމަށެވެ.

ހުކުރު ޚުތުބާގެ އިނގިރޭސި ތަރުޖަމާ ވެބްސައިޓުގައި ޝާއިއުކުރަން ފެށުމުގެ ބޭނުމަކީ ރާއްޖެއަކީ ގިނަ އަދަދެއްގެ ބިދޭސީން މަސައްކަތްކުރާ ގައުމަކަށްވެފައި، އިސްލާމްދީނުގެ މައުލޫމާތު ވީހާވެސް ބޮޑަށް އެ މަސައްކަތްތެރިންނަށް ވެސް ފޯރުކޮށްދިނުން ކަމުގައި މިނިސްޓްރީން ބުނެ އެވެ.

މިގޮތުން ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދުގެ ފަހުން ހުކުރު ހުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުގައި ޝާއިއުކުރާނެ އެވެ. އަދި މި އަހަރުގެ ފުރަތަމަ ދެ ހުކުރުގެ ޚުތުބާގެ އިނގިރޭސި ތަރުޖަމާ މިނިސްޓްރީގެ ވެބްސައިޓުން މިހާރު ޑައުންލޯޑް ކުރެވޭނެ އެވެ.

އިސްލާމީ ދައުވަތު ފެތުރުމަށް އިސްލާމިކް މިނިސްޓްރީން ކުރަމުން އަންނަ މަސައްކަތް އިތުރަށް ފުޅާކުރުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށްވެސް އެ މިނިސްޓްރީން ބުންޏެވެ.