އިޓަލީ

އިޓަލީގެ އެންމެ ނުރައްކާތެރި މާފިއާ ބޮސް މެސީންނާ ޑިނޭރޯ މިއީ ކާކު

އިޓަލީގެ އެންމެ ނުރައްކާތެރި މާފިއާ ބޮސް، މެސީންނާ ޑިނޭރޯ، ތިރީސް އަހަރަށްވުރެ ގިނަދުވަހު ފިލައިގެން އުޅެނިކޮށް އިއްޔެގެ ވަގުތެއްގައި މިވަނީ ހައްޔަރުކޮށްފަ އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ ސިސިލީގެ ކެޕިޓަލް ޕެލާމޯގައި ޕްރައިވެޓް ކްލިނިކެއްގައި ހުއްޓަ އެވެ.

މެސީންނާ ޑިނޭރޯ އަކީ އިޓަލީގެ މާފިއާގެ ނުރައްކާތެރި ޖަމާއަތެއް ކަމަށްވާ ކޯސާ ނޯސްޓްރާގެ އެއް ބޮސް އެވެ.

އިޓަލީގެ މީޑިއާތަކުން ރިޕޯޓް ކޮށްފައިވަނީ ހެނދުނު 10:00 ހާއިރު އޭނާ ހައްޔަރުކުރިއިރު ދިޔައީ ކްލިނިކުގައި ފަރުވާ ހޯދަމުން ކަމަށެވެ. އަދި ހައްޔަރުކޮށްގެން ކަރަބިނިއޭރީ ކައިރި ސިއްރު ތަނަކަށް ގެންގޮސްފައިވާ ކަމަށެވެ.

އޭނާ ހައްޔަރުކުރުމުގައި އަސްކަރިއްޔާގެ ހަތިޔާރުއެޅި ސަތޭކައެއްހާ ސިފައިން ހަރަކާތްތެރިވި އެވެ.

އިޓަލީގެ މީޑިއާގައި ދައުރުކޮށްފައިވާ ވީޑީއޯއަކުން ފެންނަ ގޮތުގައި އޭނާ ހައްޔަރުކޮށްގެން ގެންދާއިރު އެތައް ބަޔަކު މަގުމަތީގައި ސިފައިންނަށް ތާއީދުކުރަމުން ވަނީ ގޮސްފަ އެވެ.

އެތަކެއް ރައްޔިތުން މަރާލިކަމުގެ ކުށުގައި އޭނާގެ މައްޗަށް ދައުވާކޮށް ޣައިރު ހާޒިރުގައި 2002 ވަނަ އަހަރު ޝަރީއަތް ހިންގައި އުމުރަށް ޖަލަށް ލުމަށްވެސް ހުކުމް ކޮށްފައިވެ އެވެ.

މީގެތެރޭގައި 1992ގައި މާފިއާ މީހުންނާ ދެކޮޅަށް ޕްރޮސެކިއުޓް ކުރި ޖިއޮވާނީ ފެލްކޯން އަދި ޕައުލޯ ބޮރްސެލީން މަރާލުމުގެ އިތުރުން 1993 ގައި މިލާން، ފްލޮރެންސް އަދި ރޯމްގައި ބޮން ގޮއްވުމާއި އަދި ކުރީގެ މާފިއާ މީހެއް ނަމަވެސް ފަހުން މާފިއާއާއި އިދިކޮޅަށް ދައުލަތުގެ ފަރާތުން ހެކިބަސް ދިން ދިން ފަރާތެއްގެ 11 އަހަރުގެ ފިރިހެން ދަރިފުޅު މަރާލުން ހިމެނެ އެވެ.

ވަރުގަދަ ކޯސާ ނޮސްޓްރާ އިން ރާވައިގެން ހިންގަމުން އަންނަ ޑްރަގް ޓްރެފިކިން، ޓެކުން، މަނާ ކުނި ޑަމްޕް ކުރުން، އަދި މަނީ ލޯންޑްރިން ފަދަ ބޮޑެތި ކުށްތައް މެސީންނާ ޑިނޭރޯގެ ބެލުމުގެ ދަށުން ވަނީ ހިންގާފަ އެވެ.

މެސީންނާ ޑިނޭރޯ އަކީ 23 އަހަރު ވަންދެން ފިލައިގެން އުޅުމަށްފަހު 1993ގައި ހައްޔަރުކުރި ކާލިއޯން ކްލޭންގެ މާފިއާ ބޮސް އެއް ކަމުގައިވާ ޓޯޓޯ ރީނާ އަށް ނިސްބަތްވާ މީހެކެވެ.

މެސީންނާ ޑިނޭރޯ 1993 އިން ފެށިގެން ފިލައިގެން އުޅުނަސް އޭނާގެ ޖަމާއަތުގެ މީހުންނަށް، ސިއްރު ތަންތަނުގައި ހުރެގެން އަމުރު ހިންގަމުން ވަނީ ގޮސްފަ އެވެ.

މިދިޔަ ދުވަސްތަކުގައި ތަހުގީގުކުރާ ފަރާތްތަކުން އޭނާގެ ގާތްމީހުން މޮނިޓާ ކުރަމުންގޮސް ހައްޔަރުކުރުމާ ދާދި ގާތަށް ޖެހިފައިވެ އެވެ. މި ހަރަކާތުގެ ތެރޭގައި އޭނާގެ ދައްތަ ޕެޓްރީޒިއާއި މެސީންނާގެ ގާތް އެހެނިހެން މީހުންވެސް 2013ގައި ވަނީ ހައްޔަރުކޮށްފަ އެވެ.

ފުލުހުން މެސީންނާގެ ވިޔަފާރިތައް ހިފަހައްޓާފައިވުމުގެ ސަބަބުން އޭނާ ވަނީ ފަހުން ވަރަށް ބޮޑަށް އެކަހެރިވެފަ އެވެ.

މެސީންނާ ފިލިއިރު ފުލުހުން އަތުގައި ހުރި އޭނާގެ މަދު ފޮޓޯއާ އެކު އޭނާގެ ފަހުގެ ޑިޖިޓަލް ފޮޓޯތައް އެކި ގޮތްގޮތްގޮތުން ހޯދައި އެއްކޮށް އޭނާގެ ސިފަ ފުލުހުން ވަނީ ދެނެގަނެފަ އެވެ. ރެކޯޑްކޯށްފައިވާ އޭނާގެ އަޑުގެ ތަންކޮޅެއްވެސް 2021 ވަނަ އަހަރާ ޖެހެންދެން ވަނީ އާންމުނުކޮށް ހިފަހައްޓާފަ އެވެ.

އިޓަލީގެ އަސްކަރިއްޔާގެ މިމަސައްކަތަށް އިޓަލީގެ ސިޔާސީ އެންމެހާ ފަރާތްތަކުން ދަނީ ތައުރީފް ކުރަމުންނެވެ.

އިޓަލީގެ ކުރީގެ ޕްރޮސެކިއުޓާ ޖެނެރަލް ޖިއާން ކާލޯ ކަސޭލީ ވިދާޅުވެފައިވަނީ މިއީ "އާދަޔާޚިލާފް.....ތާޜީޚީ ކަމެއް" ކަމަށާއި މިކަމުން 1993 ގައި އިޓަލީގެ އެކި ސިޓީތަކުގައި ދިން ބޮމުގެ ހަމަލަތަކުގައި މަރާލި 10 މީހުންގެ ތަހުގީގަށް ކުރިއެރުން ހޯދޭނެ ކަމަށް ދެކޭ ކަމަށެވެ.

މާފިއާ ކްރިމިނަލް ގުރޫޕްގެ އެންމެ މުހިންމު ފަރާތް ހައްޔަރުކުރުމުން އިޓަލީގެ ބޮޑުވަޒީރު ޖިއޮޖިއާ މެލޯނީ ވެސް ވަނީ އަސްކަރިއްޔާއަށް ޝުކުރު އަދާކުރައްވާފަ އެވެ. އޭނާ ވިދާޅުވެފައިވަނީ މިއީ އިޓަލީ ދައުލަތަށްވެސް ލިބުނު ބޮޑު ކާމިޔާބެއް ކަމުގައެވެ.