އެމަނިކުފާނު 2018 ވަނަ އަހަރު ވެރިކަމާއި ހަވާލުވީއިރު ރާއްޖޭގައި އާބާދީގެ ގޮތުން ކުދި ރަށްރަށުގައި ދިރިއުޅެނީ ދިވެހިން ކަމެއް ނުވަތަ އިންސާނުން ކަމެށް ދޭހަ ނުވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ކެމްޕޭންގައި އުތުރަށް ކުރައްވާ ދަތުރުފުޅުގައި ހދ. ކުމުންދޫއަށް ވަޑައިގެން ވާހަކުފުޅު ދައްކަވަމުން ރައީސް ސޯލިހް ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވިއިރު ހާއްސަކޮށް ކުދި ރަށްރަށުން ސާފު ބޯފެން ނުލިބޭ ކަމަށާއި ނަރުދާމާގެ ނިޒާމެއް ވެސް ނެތް ކަމަށެވެ. އަދި ރަނގަޅު ފެންވަރުގެ ސިއްހީ ހިދުމަތާއި ތައުލީމު ވެސް އެ ރަށްރަށުގެ ރައްޔިތުންނަށް ނުލިބޭ ކަމަށް ވިދާޅުވި އެވެ.
މިގޮތުން އޭރު އެ ރަށްރަށުގައި ދިރިއުޅުނު މީހުންނާމެދު ކަންތައް ކުރަމުން އައި ގޮތުން އެ މީހުންނަކީ ދިވެހި ރައްޔިތުން ކަމެއް ނުވަތަ އިންސާނުން ކަމެށް ވެސް ދޭހަ ނުވާ ކަމަށް ރައީސް ވިދާޅުވި އެވެ.
"އޭރު އެ ރަށްރަށުގައި ދިރިއުޅެނީ ދިވެހިން ކަމެއް، ދިވެހި ރައްޔިތުން ކަމެއް، އިންސާނުން ކަމެއް ބައެއް ފަހަރަށް ދޭހަ ނުވާ ގޮތަށް ކަންތައްތައް ކުރަމުން ދިއައީ. އެހެން ނަމަވެސް އަޅުގަނޑު ގަބޫލުކުރީ ދިވެހިރާއްޖޭގެ ކޮންމެ ރަށެއްގައި ދިރިއުޅުނަސް ކޮންމެ ރައްޔިތަކީ ލިބެންޖެހޭ އަސާސީ ހިދުމަތްތަކެއް ކަށަވަރުވެ ހުންނަން ޖެހޭނެ ރައްޔިތެއް ކަމަށް،" ރައީސް ސޯލިހް ވިދާޅުވި އެވެ.
ރައްޔިތުންނަށް ލިބެން ޖެހޭ އަސާސީ ހިދުމަތްތައް ކަށަވަރު ކޮށްދިނުމުގެ ގޮތުން މިއަދުގެ ސަރުކާރުން ކުޑަ ރަށެއް، ބޮޑު ރަށެއް، މެދު ރަށެއް އަދި ސިޓީއެއް ނުބަލައި އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ވިދާޅުވި އެވެ.
ރައީސް ސޯލިހް ވިދާޅުވީ ކެމްޕޭން ދަތުރުތަކުގައި ރަށްރަށަށް ވަޑައިގަތުމުން ކަރަންޓުގެ ހިދުމަތާއި ގުޅޭ އެއްވެސް ޝަކުވާއެއް މިހާރު ނުލިބޭ ކަމަށެވެ.
"ރަށްރަށަށް ދާއިރުގަ އެއްވެސް ރަށަކުން ކަރަންޓުގެ ޝަކުވާއެއް މިހާރަކު ނާދޭ. ހަމަގައިމު ވެސް ކަމެއް ކޮށް ނިމިއްޖެތާ،" ރައީސް ވިދާޅުވި އެވެ.
މީގެ އިތުރުން ކުރިއަށް އޮތް ދެތިން ދުވަސް ތެރޭގައި ކުމުންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއަށް ބޭނުންވާ ސާމާނު ރަށަށް ގެނެސް މަސައްކަތް ފެށޭނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހް ދެއްވި އެވެ. އަދި ހދ. މަކުނުދޫގެ ރައްޔިތުން އެދޭ ގޮތަށް އެ ރަށުގައި އެއާޕޯޓު އެޅުން އިއުލާނުކުރާނެ ކަމަށް ނުސީދާކޮށް ވިދާޅުވި އެވެ.
"މަކުނުދޫގެ ރައްޔިތުން އެ އެދޭގޮތަށް މިރޭ ހަނިމާދޫގަ ބާއްވާ ޖަލްސާގަ އުންމީދީ ޖަވާބެއް ދޭނަން،" މަކުނުދޫގެ ދަތުރުފަތުރާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވި އެވެ.
ހަނިމާދޫ އެއާޕޯޓު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފެށުމުގެ ގޮތުން ބާއްވާ ހާއްސަ ރަސްމިއްޔާތު މިރޭ ހަނިމާދޫގައި އޮންނާނެ އެވެ. މި ރަސްމިއްޔާތުގައި ރައީސް ސޯލިހްގެ އިތުރުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރް ވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.