ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ޕޯލްތަކުގެ ނަތީޖާއަށް ވުރެވެސް އިތުރު ވޯޓު ލިބޭނެ: ރައީސް

ރިޔާސީ އިންތިހާބުގައި އެކިއެކި ފަރާތްތަކުން ނަގަމުންދާ ޕޯލްތަކުގައި ދައްކާ ނަތީޖާއަށް ވުރެވެސް ގިނަ ވޯޓު އެމަނިކުފާނަށް ލިބޭ މަންޒަރު ފެނިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސް މިހެން ވިދާޅުވީ ކެމްޕޭން ދަތުރުފުޅެއްގައި މިއަދު ހދ. ކުމުންދޫއަށް ވަޑައިގެން އެރަށު ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގަ އެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އެންމެ ފަސް ދުވަހަށްވެފައިވާއިރު ކެމްޕޭނު ދަތުރުތަކުގައި އެމަނިކުފާނު ވަޑައިގަންނަވާ ކޮންމެ ރަށަކުންވެސް ތަފާތުތަކެއް ފެނިގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ. ކުރިން ބައެއް ރަށްރަށުގެ މީހުން ވޯޓުލުމާމެދު ގޮތެއް ނިންމާފައި ނުވި ކަމުގައި ވިޔަސް މިހާރު ރަށްރަށުން ފެނިގެން ދަނީ ބޮޑުތަނުން އެ މީހުން އެމްޑީޕީއާއި ގުޅިގެން ރައީސަށް އެއްބުރުން މި އިންތިހާބު ކާމިޔާބު ކޮށްދިނުމަށް ތިބިތަން ކަމަށްވެސް ވދާޅުވި އެވެ.

"މިހާތަނަށް މިކުރެވުނު ދަތުރުތަކުގައި ކޮންމެ ރަށަކުން އަޅުގަނޑަށް އެމަންޒަރު އެބަ ފެނޭ. އަޅުގަނޑުމެންނަށް ކުރިން ލިބިފައިހުރި ޕޯލްތަކުން ދައްކާ ވަރަށް ވުރެ އިތުރަށް މިހާރު އެ އަދަދު އަޅުގަނޑުމެންނާއި އެކީގައި ތިބިތަން މިއަދު އަޅުގަނޑަށް އެބަ ފެނޭ،" ރައީސް ވިދާޅުވި އެވެ.

މިދައުރުގައި ކުރެވެނު ކަމަކަށް އެންމެ ފާހަގަ ކުރެވެނީ ގައުމަށް ގެނެވުނު ހަމަޖެހުން ކަމަށްވެސް ރައީސް ވިދާޅުވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެއްވެސް ވަރަކަށް މިނިވަންކަމެއް ނެތް ކަމަށާއި ގައުމު އޮތީ ބިރުވެރިކަމެއްގެ ތެރޭގައި ކަމަށްވެސް ވިދާޅުވި އެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ވެރިކަމުގައި ރައްޔިތުންނަށް އުނދަގޫވާފަދަ އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށްވެސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި މާލޭގައި ޖަލްސާއެއް ބާއްވާލަން ތަނެއް ނުލިބިގެން ކުރެއްވި އިހުތިޖާޖު އަދިވެސް ހަނދާން އެބަ ހުންނެވި ކަމަށެވެ.

"އެންމެ ފަހުން ގޮތެއް ނެތިގެން ގޮތް ހުސްވެގެން، އެތައް ޕްރެޝާއެއް ސަރުކާރަށް އައިސްގެން އަޅުގަނޑުމެންނަށް ޖަލްސާއެއް ބާއްވާލާނެ ތަނެއް މާލެއިން ލިބުނީ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުުވީ އެއީ އޭރުގެ ހާލަތު އޮތް ގޮތް ކަމަށާއި އޭރު ކަންތައްތައް ކުރަމުން އައީ "ފިއްތައިގެން" ބިރުވެރިކަމުގެ ތެރޭގައި ބައިތިއްބައިގެން ކަމަށެވެ. އެހެންނަމަވެސް މިހާރު ރައްޔިތުންނަށް އަމާންކަމާއި ހަމަޖެހުން ލިބިއްޖެ ކަމަށް ރައީސް ފާހަގަ ކުރެއްވި އެވެ.

ހިޔާލު ފާޅު ކުރުމުމާއި، ޝުއޫރު ފާޅުކުރުމާއި، ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުސަތުދީގެން މަސައްކަތާއިގެން ޝާމިލުވެ އެމަނިކުފާނު ރައްޔިތުންނަށް ހިދުމަތްކުރެއްވި ކަމަށްވެސް ފާހަގަ ކުރެއްވި އެވެ.

"ސަރުކާރާއި ހިޔާލު ތަފާތުވާ ކޮން ސިޔާސީ ބޭފުޅެއްތޯ ސަލާމަތުން ހުރީ؟ ޖަލުގެ ކުޑަ ގޮޅީގަ ތިބީ. ނޫސްވެރިން ތިބީ ބިރުވެރިކަމެއްގެ ތެރޭގަ. ވިޔަފާރިވެރިން ތިބީ ކަންބޮޑުވުމެއްގެ ތެރޭގަ. ރައްޔިތުން ތިބީ ހަމަ އެހާލުގަ،" ކުރީގެ ސަރުކާރުގައި ރާއްޖެ އޮތް ހާލަތު ސިފަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ސަރުކާރުގެ ވަޒީފާއެއް އަދާ ކުރަމުންދާ މީހަކު ސަރުކާރާއި ހިޔާލު ތަފާތު ވެއްޖެ ނަމަ ވަޒީފާއިން ވަކިކޮށް މާ ދުރު ރަށަކަށް އާއިލާއާއި ވަކިން ފޮނުވާލާ ކަމަށެވެ. އަދި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުރީގެ ސަރުކާރުގައި މި ގޮތަށް 1،000 އަށް ވުރެ ގިނަ މީހުން އާއިލާއާއި ވަކިން ދުރުރަށް ރަށަށް ފޮނުވާލާފައި އެބަ ހުރި ކަމަށް ވެސް ވިދާޅުވި އެވެ.

"ކިހިނެއްތޯ އެ ބޭފުޅުން ދިރިއުޅެމުން ގެންދިޔައީ؟ ނިލަންދޫގަ މަސައްކަތް ކުރާ މީހަކު ފޮނުވާލަފާނެ ކެލައަށް، ގަމަށް. ކުމުންދޫގައި މަސައްކަތް ކުރާ މީހަކު ފޮނުވާލަފާނެ ލ. އަތޮޅު ގަމަށް،" ރައީސް ވިދާޅުވި އެވެ.

ގޭގައި ނިދާފައި ތިއްބައި ބައެއް މީހުން ހައްޔަރުކޮށްފައިވާ ކަމަށާއި ޓްވީޓެއް ކޮށްލައިގެންވެސް ހައްޔަރުކޮށްފައި ތިބި ކަމަށް ރައީސް ވިދާޅުވި އެވެ.

"މީ މިނިވަންކަން ހިފަހައްޓާ އޮބިއަޅާފައި އޭރު އޮތް ވަރު،" ރައީސް ވިދާޅުވި އެވެ.

މި ފަހަރުގެ ރިޔާސީ އިންތިހާބުގައި ކުމުންދޫގެ މެޖޯރިޓީވެސް އެމަނިކުފާނަށް ލިބޭނެތަން އެމަނިކުފާނަށް މިއަދު ފެނިގެންދާ ކަމަށާއި އެމަނިކުފާނު ދަތުރުކުރައްވަމުންދާ ކޮންމެ ރަށަކުން ފެނިގެންދަނީ ކުރިން އޮތް ބިރުވެރިކަމާއި ނާމާން ކަމުގެ ތެރެއަށް ދާން ބޭނުން ނުވާ މަންޒަރު ކަމަށް ފާހަގަ ކުރެއްވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮންމެ ރަށަކުންވެސް ފެނިގެންދަނީ ރަށްރަށަށް އައިސްފައި ހުރި ބޮޑެތި ބަދަލުތައް ކަމަށާއި މި ސަރުކާރުން ހިންގާފައިވާ ތަރައްގީގެ މަޝްރޫއުތަކާއި އެކީގައި ރައްޔިތުންނަށް އުފާވެރިކަމާއި ހަމަޖެހުން ލިބިފައިވާ ތަން ފެނިގެންދާ ކަމަށެވެ.

މިކަންތައް ކުރެވުނީ ސިޔާސީ ހަލަބޮލިކަމުގެ ތެރެއަށް ނުގޮސް ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމާއިގެން ކުރިއަށް ދިޔުމުން ކަމަށް އެމަނިކުފާނު ފާހަގަ ކުރެއްވި އެވެ.

ރައީސްގެ ކުމުންދޫގެ ވައުދުތައް

  • ނެރު ބަދަލު ކުރުން
  • އާ ބަނދަރެއް ހެދުން
  • ގިރާ ސަރަހައްދު ހިމާޔަތްކޮށްދިނުން
  • ބޮޑެތި މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހަދައިދިނުން
  • ސްކޫލަށް ބޭނުންވާ އިތުރު ވަސީލަތްތައް ހޯދައިދިނުން
  • ސްކޫލުގެ މަލްޓިޕާޕަސް ހޯލް އަޅައިދިނުން
  • ސްކޫލްގެ ވަށާ ފާރު އަޅައިދިނުން
  • ވޭސްޓް މެނޭޖްމެންޓް ސެންޓަރެއް ގާއިމްކުރުން

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ ރަށްރަށަށް މިހާރު ވެވަޑައިގަންނަވާ ވައުދުތައް ފުއްދޭނީ މި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިގެން ކަމަށެވެ.