ދުނިޔެ

ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ޔޫކްރޭންގެ ވަޒީރަކު އަވަހާރަވެއްޖެ

ޔުކްރޭންގެ އިންޓީރިއާ މިނިސްޓަރު -- ޑެނީސް މޮނާސްޓީރްސްކިޔީއާ އެކު ސަރުކާރުގެ މަތީ އޮފިޝަލުންތަކެއް، ވެރިރަށް ކިޔޭވްއިން ބޭރުގެ ޓައުންއެއް ކަމަށްވާ ބްރޮވަރީގެ ނާސަރީއެއް ކައިރިއަށް ދަތުރުކުރެއްވި ހެލިކޮޕްޓަރު ވެއްޓި ބަޔަކު މަރުވެއްޖެ އެވެ.

މިހާދިސާގައި ޔޫކްރޭނުގެ އިންޓީރިއާ މިނިސްޓަރުގެ އިތުރަށް ތިން ކުޑަކުދީންނާއި 18 މީހަކު މަރުވި އެވެ.

މިހާދިސާގައި މަރުވީ އިންޓީރިއާ މިނިސްޓަރު ޑެނީސް މޮނާސްޓީރްސްކިޔީއާއި، އޭނާގެ ނައިބު ޔެވްހެން ޔެނިން އަދި ސްޓޭޓް ސެކްރެޓަރީ އޮފް ދި މިނިސްޓްރީ އޮފް އިންޓާނަލް އެފެއާޒް ޔޫރީ ލުބްކޮވިޗް ކަމަށް ޔޫކްރޭންގެ ޗީފް އޮފް ނޭޝަނަލް ޕޮލިސް އީހޯ ކްލިމެންކޯ ވިދާޅުވި އެވެ.

ރަޝިއާއާއި ޔޫކްރޭނުގެ ހަނގުރާމަ ފެއްޓުނުތާ ކައިރީ ވަރުގަދައަށް ހަނގުރާމަ ކުރެވުނު ބުރޯވަރީ ޓައުންގައި ހެލިކޮޕްޓަރު ވެއްޓުނީ ކޮންސަބަބަކާ ހެދި ކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.

މިހާދިސާއާއި ގުޅިގެން 15 ކުޑަކުއްޖަކާއެކު 29 މީހަކަށް އަނިޔާވެފައިވާ ކަމަށް ސަރަހައްދީ ގަވަރުނަރު ވިދާޅުވި އެވެ. މިހާދިސާ ހިނގިއިރު ނާސާރީގައި ކުޑަކުދިންނާއެކު ސްޓާފުން ތިބި ކަމަށް އޮލެކްސީ ކުލެބާ އޭނާގެ ޓެލެގްރާމުގައި ވިދާޅުވެފައިވެ އެވެ.

ގެއްލުން ލިބިފައިވާ ނާސަރީގެ ބޭރުގައި އޮންނަ ކޯޓުޔާޑެއްގައި މަރުވެފައިވާ މީހުންގެ ހަށިތައް ފޮއިލް ބްލަންކެޓް ތަކަކަށްލުމަށްފަހު ވަނީ ބަހައްޓާފަ އެވެ.

ހާދިސާ ހިނގިތަނުގައި އިމަޖެންސީ އެހީ ފޯރުކޮށްދޭ ފަރާތްތަކުންދަނީ ހަރަކާތްތެރިވަމުންނެވެ. ވެއްޓުނު ހެލިކޮޕޓަރުގެ ބައިތައް ނާސަރީގެ ޕްލޭގްރައުންޑަށް ބުރުއްސައިގެންގޮސްފައިވެ އެވެ.

މަރުވެފައިވާ މީހުންގެ ތެރެއިން ނުވަ މީހަކީ ހެލިކޮޕްޓަރުން ދަތުރުކުރި މީހުން ކަމުގައި ޔޫކްރޭނުގެ ފުލުހުން ބުނެ އެވެ.

މި ހާދިސާއަކީ ޔޫކްރޭނަށް އިތުރަށް މިވަގުތު ދިމާވި ބޮޑު ޝޮކެކެވެ. ޚާއްސަކޮށް ޔޫކްރޭނުގެ އިންޓީރިއާ މިނިސްޓަރާއެކު ސަރުކާރުގެ މަތީ ފަރާތްތަކެއް މިވަގުތު މަރުވެގެން ދިއުން އެއީ އެގައުމަށް އިންތިހާއަށް ގެއްލުން ބޮޑު ކަމެކެވެ. ރަޝިއާ އާއި ޔޫކްރޭނާ ދެމެދު މިވަގުތު ދަނީ ވަރުގަދައަށް ހަނގުރާމަ ކުރަމުންނެވެ.

އުމުރުން 42 އަހަރުގެ މޮނާސްޓީރްސްކިޔީ އަކީ ޔޫކްރޭނުގެ އެތެރޭގެ ރައްކާތެރިކަމާއި ފުލުހުންގެ އެންމެހާ މަސްއޫލިއްޔަތެއް ބަލަހައްޓަވަމުން ގެންދެވި އެންމެ އިސް ފަރާތެވެ. އަދި ހަނގުރާމަ ފެށުނު ފަހުން މަރުވި ޔޫކްރޭނު ސަރުކާރުގެ އެންމެ އިސް ފަރާތްވެސްމެ އެވެ.

ގާނޫނީ ވަކީލުކަމުގެ ދާއިރާއިން ކިޔަވާ ވިދާޅުވެގެން ހުންނެވި މޮނާސްޓީރްސްކިޔީ އަކީ ޖުލައި 2021 އިން ފެށިގެން އެގައުމުގެ އިންޓީރިއާ މިނިސްޓަރެވެ. އަދި އޭނާ އަކީ ޔޫކްރޭނުގެ ރައިސް ޒެލެންސްކީ ނިސްބަތްވާ ސިޔާސީ ޕާޓީގެ އެންމެ އިސް އެއްފަރާތެވެ.

ޔޫރޭޝިއާ ޑިމޮކްރަސީ އިނިޝިއޭޓިވްގެ ފަރާތުން ވާހަކަ ދެއްކެވި ޕީޓާ ޒަލްމަޔޭވް ވިދާޅުވެފައިވަނީ ހެލިކޮޕްޓަރު ވެއްޓެން މެދުވެރިވި ސަބަބަކަށް މޫސުން ފުސްވުން ވެދާނެ ކަމަށެވެ. މިހާދިސާ އަކީ ޓެރަރިސްޓް ހަމަލާއެއް ކަމަށް ނުވެދާނެ ކަމަށް އަދި ނުނިންމާ ކަމުގައިވެސް ވިދާޅުވި އެވެ.

ވައިގެދަތުރުފަތުރުގެ ހާދިސާތައް ހިނގުން ޔޫކްރޭނުގައި ވަރަށް އާންމެވެ. ސަބަބަކީ އޭވިއޭޝަނުގައި ބޭނުންކުރާ އުޅަނދުތަކާއި ސާމާނަކީ ސޯވިއެޓް ދުވަސްވަރުގެ ނުވަތަ ގިނަ ދުވަސްތަކެއްވެފައިވާ ތަކެއްޗަށްވުމެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހިނގި ހާދިސާއެއްގައިވެސް އެންޓެނޯވް-26ގެ ބޯޓެއް ވެއްޓި 26 މީހަކު ވަނީ ޔޫކްރޭނުގެ އިރުމަތީ ސަރަހައްދެއް ކަމުގައިވާ ކަރްކީވްގައި މަރުވެފަ އެވެ.

ބްރޮވަރީ ޓައުނަކީ ވެރިރަށް ކިއޭވްގެ އިރުއުތުރުން 20 ކިލޯމީޓަރު ދުރުގައިވާ ތަނެކެވެ. އެ ޓައުނަކީ ރަޝިއާ އާއި ޔުކްރޭނާ ދެމެދު ހިނގަމުންދާ ހަނގުރާމަ ފެއްޓުނުއިރު ރަޝިއާގެ ބާރުގެ ދަށަށް ގެނައުމަށް ވަރުގަދަ ހަމަލާތައް ބަދަލުކުރެވުނު ސަރަހައްދެކެވެ.

އެސަރަހައްދުތަކުގައި ހިނގަމުންދާ ވަރުގަދަ ހަމަލަތައް މިވަގުތައް ހުއްޓި ރަޝިއާ ސިފައިން ފަހަތަށް ޖެހިފައިވިޔަސް ވެރިރަށް ކިއޭވް އާއި ވަށައިގެންވާ ސަރަހައްދުތަކަށް ދާދިފަހުން ރަޝިއާއިން ދީފައިވާ މިސައިލް ހަމަލާތަކުގެ ސަބަބުން އެސަރަހައްދުތަކުގައި ކަރަންޓް ވަނީ ކެނޑިފަ އެވެ.