ހަތަރު އަހަރުގެ ދިގު އިންތިޒާރަކަށް ފަހު ޝާހް ރުކް ޚާން އެނބުރި ސްކްރީނަށް އަންނަ ފިލްމު "ޕަތާން" ބޮކްސް އޮފީހަށް ތޫފާނެއް ގެންނާނެ ކަމަށް ޓްރޭޑް އެނަލިސްޓުން ބުނެފި އެވެ. އެމީހުން މިހެން ބުނީ ފިލްމުގެ އެޑްވާންސް ބުކިންގްސް ހުޅުވާލުމާއެކު އިރުކޮޅެއް ތެރޭގައި 29،000 ޓިކެޓް ވިކި އެއް ކްރޯޑަށް ވުރެ ގިނަ ރުޕީސް ލިބިފައިވާތީ އެވެ.
"ޕަތާން" އިއުލާން ކުރީއްސުރެ އެ ފިލްމުގެ ވާހަކަތައް އަބަދުވެސް އިންޑިޔާގެ ނޫސްތަކުގައި ލިޔަމުން އާދެ އެވެ. ބައެއް ފަހަރަށް ފިލްމުގެ ރަނގަޅު ވާހަކަތައް ފެންނައިރު އަނެއްބައި ފަހަރަށް ފިލްމަށް ވަރަށް ގިނަ ފާޑުކިޔުންތައް އަމާޒުވިތަން ވެސް ފެނިފައިވެ އެވެ.
އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވީ "ޕަތާން"ގެ ލަވަތަކުގެ ތެރެއިން ފުރަތަމަ ރިލީޒްކުރި ލަވަ "ބޭޝަރަމް ރަންގް" އަށެވެ. މި ލަވައިގައި ދީޕިކާ އަޅާ ހެދުންތައް ނިވާކަންކުޑަކަމުންނާއި އިންޑިޔާ މީހުންނަށް މާ މުގައްދަސް ކުލައެއް ކަމަށްވާ އޮރެންޖް ކުލައިގެ ބިކިނީ ދީޕިކާ ލައިގެން ހުންނާތީ ގިނަ ބަޔަކު ހިތްހަމަނުޖެހި ބައެއް ސިޔާސީ ޕާޓީތަކާއި މީހުން ވަނީ ފިލްމު ބޮއިކޮޓް ކުރާށޭ ކިޔާފައި ވެސް އަޑުގަދަ ކޮށްފަ އެވެ.
ފިލްމު ކްރިޓިކް އަދި ޓްރޭޑް އެނަލިސްޓް ތަރަން އާދާޝް އޭނާގެ އޮފިޝަލް ޓުވިޓާ އެކައުންޓުން ކުރި ޓުވީޓެއްގައި ބުނެފައިވާ ގޮތުގައި "ޕަތާން"ގެ އެޑްވާންސް ބުކިން ބައެއް ހިސާބުތަކުގައި މިހާރު ވަނީ ފަށާފަ އެވެ. އަދި ޝާހް ރުކްގެ ފޭނުން މި ފިލްމަށް ބޮޑު ތަރުހީބެއް ދެމުން ގެންދާ ކަމަށް ތަރަން ބުނެފައި ވެއެވެ.
ޝާހް ރުކްގެ ފޭނުން ބުނަނީ މި އަހަރުގެ ހުރިހާ ރެކޯޑްތަކެއް މުގުރާލާފަދަ ބޮޑު ކާމިޔާބެއް ބޮކްސް އޮފީހުގައި "ޕަތާން" ހޯދާނެކަން ޔަގީން ކަމަށެވެ.
ބޮލީވުޑް ފިލްމުތައް ރިލީޒްކުރުމުގެ ކުރިން ވަރަށް ގަދަޔަށް ފިލްމު މާކެޓް ކުރެ އެވެ. އެކި އެކި ޓީވީ ޝޯތަކަށް ފިލްމުގެ ތަރިން އަރުވައިގެންނާއި ކޮންސެޓްތައް ބާއްވައިގެން އަދި އިންޓަވިއުތައް ހަމަޖައްސައިގެންނެވެ. ނަމަވެސް "ޕަތާން" ޕްރޮމޯޓްކުރަން ޝާހް ރުކް އޭނާގެ އެންމެ ގާތް އެކުވެރިޔާ ސަލްމާން ޚާން ހޯސްޓް ކުރާ "ބިގް ބޮސް" އަކަށް ވެސް ނުދާނެ އެވެ. އަދި "ދަ ކަޕިލް ޝަރުމާ ޝޯ"ގައި ވެސް މިފަހަރު ޝާހް ރުކް އާއި ދީޕިކާ ބައިވެރިއެއް ނުވެ އެވެ. ސަބަބަކީ މި ފިލްމު އިޝްތިހާރުކުރުމަށް ގެންގުޅޭ އުކުޅުތައް ވަރަށް ބޮޑަށް ބަދަލުކޮށްފައި ވެއެވެ.
ޔާޝް ރާޖް ފިލްމްސް އިން ބުނެފައިވާ ގޮތުގައި އެތައް އަހަރެއް ފިލްމު ނުކުޅެ ހުރެފައި ޝާހް ރުކް އެނބުރި ސްކްރީނަށް އަންނަ ފިލްމުން އޭނާ ދެކިލަން ފޭނުން ދާން ޖެހޭނީ ސީދާ ސިނަމާ ތަކަށެވެ. އެކި ޓީވީ ޝޯ ތަކަށް ޝާހް ރުކް އެރުމުން މާ ބޮޑަށް އޭނާ މީހުންނަށް ފެނި ފިލްމަށް ހުރި ޝައުގު ކުޑަވެދާނެ އެވެ. އެހެންވެ މިފަހަރު ރާވާފައިއޮތީ ޕްރޮމޯޝަންގެ މަސައްކަތް ފިލްމު ރިލީޒްކުރުމަށްފަހު ފަށާ ގޮތަށް ކަމަށް އެ ކުންފުނިން ބުނެފައި ވެއެވެ.