ބްރެޒިލް

ބްރެޒިލްގެ ރައީސް ލޫލާ، އަސްކަރިއްޔާގެ ޗީފް ވަކިކޮށްފި

އަސްކަރިއްޔާގެ ޗީފް، ޖެނެރަލް ހޫލިއޯ ސެޒަ ޑި އަރޫޑާ ވަކިކޮށްފައި މިވަނީ ރައީސް ލޫލާގެ ސަލާމަތީ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ތިބި ދޮޅަހަކަށް ސިފައިން ވަކިކުރިތާ މާގިނައިރުތަކެއް ނުވަނީހެވެ.

ރައިސް ލޫލާ، ޖެނެރަލް އަރޫޑާ ވަކިކޮށްފައި މިވަނީ ކުރީގެ ރައިސް ބޮލްސޮނާރޯއަށް ތާއީދުކުރާ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ އިމާރާތްތަކަށް އަރައިގަނެ ބޮޑު ހަމަނުޖެހުމެއް ހިންގާފައި ވަނިކޮށެވެ.

ރައީސް ލޫލާ މިކަމާބެހޭގޮތުން އަދި އެއްވެސް ބަޔާނެއް ނުނެރުއްވަ އެވެ. ނަމަވެސް ބްރެޒިލްގެ އާމްޑް ފޯސަސްގެ ރަސްމީ ވެބްސައިޓްގައި ވަނީ އަސްކަރިއްޔާގެ އިސްވެރިޔާ ކަމުގެ މަގާމުން އަރޫޑާ ވަކިކޮށްފައިވާ ކަމަށް ބުނެފަ އެވެ.

ޖެނެރަލް އަރޫޑާގެ ބަދަލުގައި ސައުތު އީސްޓް މިލިޓަރީ ކޮމާންޑުގެ ވެރިޔާ، ޖެނެރަލް ތޯމަސް މިގުއެލް ރިބޭރޯ ޕައިވާ ވަނީ އައްޔަންކޮށްފަ އެވެ.

މިބަދަލު ގެނެސްފައި މިވަނީ ޖެނުއަރީ އަށްވަނަ ދުވަހު ބޮލްސޮނާރޯއަށް ތާއީދުކުރާ ފަރާތްތަކުން ގާނޫނު ހަދާ މަޖލިހާއި، ނެޝަނަލް ކޮންގްރެސްއާއި، ރިޔާސީ ގަނޑުވަރާއި އަދި ސުޕްރީމް ކޯޓަށް ވަދެގަނެ ހަމަނުޖެހުން ހިންގިތާ ދެހަފްތާއެއްހާ ދުވަސް ފަހުންނެވެ.

ހަޅުތާލުކުރި މީހުން އަސްކަރިއްޔާއަށް ގޮވާލާފައިވަނީ ރިޔާސީ އިންތިޚާބުގައި ބޮލްސޮނާރޯގެ މައްޗަށް ރައިސް ލޫލާ ކުރިހޯދިހޯދުމުގެ މައްސަލަ ބެލުމަށް އެހީތެރިވުމަށެވެ.

ރައީސް ލޫލާ ވިދާޅުވެފައިވަނީ ހަޅުތާލުތައް ފެށުނުތާ ގިނައިރެއް ނުވަނީސް އަސްކަރިއްޔާގެ އަތެއް މިކަމުގައިވާނެ ކަމަށް އޭނާއަށް ތުހުމަތު ކުރެވުނު ކަމަށެވެ.

ބްރަޒިލްގެ ވައަތު ފިޔައިގެ ލީޑަރު ލޫލާ ދާދިފަހުން ވިދާޅުވެފައިވަނީ ސެކިއުރިޓީ ފޯސްތަކުގައި ތިބި ބޮލްސޮނާރޯގެ ރަތްލާޖެހި ވަފާތެރިން ވަކިކުރާނެ ކަމަށެވެ. މިހަމަނުޖެހުންތަކަށްފަހު ރައީސް ލޫލާ ވަނީ އޭނާގެ ސެކިއުރިޓީ ކަންކަން ބަލަހައްޓާ ފަރާތްތަކުގެ ތެރެއިން 12 ވަރަކަށް ސިފައިން ވަކިކޮށްފަ އެވެ.

ހަޅުތާލުތަކާއި ގުޅިގެން 2000 މީހުން މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. މި ހަނުޖެހުން ހިންގީ ކާކުތޯ ބެލުމަށް ފަށާފައިވާ ތަހުގީގު ތެރެއަށް ބޮލްސޮނާރޯވެސް ލުމަށް ބްރެޒިލްގެ ސުޕްރީމް ކޯޓު ފަނޑިޔާރަކު ވަނީ ހުއްދަ ދެއްވާފަ އެވެ.

ރިޓަޔާޑް މިލިޓަރީ އޮފިސަރެއް ކަމަށްވާ ބޮލްސޮނާރޯ އަކީ އޭނާގެ ރިޔާސަތުގައިވެސް އަސްކަރިއްޔާއާ ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ބޭފުޅެކެވެ.

ރައިސް ލޫލާ ވަނީ ޖެނެރަލް އަރޫޑާއާ އެކު މިދިޔަ ހުކުރު ދުވަހު ނޭވީ ކޮމާންޑަރު، މާކޯސް ސަމްޕާއިއޯ އޮލްސަން އަދި އެއާފޯސް ކޮމާންޑަރު، މާސެލޯ ކަނީޒް ދަމަޝޭނޯ ހިމެނޭގޮތުން ބައްދަލުވުމެއް ބާއްވާފަ އެވެ.

އެބައްދަލުކުރެއްވުމަށްފަހު ޑިފެންސް މިނިސްޓަރު، ހޯސޭ މޫސިއޯ މޮންޓޭރޯ ވިދާޅުވެފައިވަނީ އަސްކަރިއްޔާގެ ސީދާ ބައިވެރިވުމެއް މި ހަޅުތާލުތަކުގައި ނެތް ކަމަށާއި ނަމަވެސް ގުޅުމެއް އޮތް އަސްކަރިއްޔާގެ ކޮންމެ މީހަކުވެސް ޒިންމާ އުފުލަންޖެހޭނެ ކަމަށެވެ.