ބޭސް އުފެއްދުމުގައި ދުނިޔޭގެ ނަން މަޝްހޫރު ކުންފުންޏެއް ކަމަށްވާ އެސްޓްރޭޒެނެކާ އާއި އޮކްސްފޯޑް ޔުނިވާސިޓީ ގުޅިގެން މިހާރު ކުރިޔަށް ގެންދާ ކޮވިޑް-19 ވެކްސިންގެ ޓްރަޔަލްގައި ބައިވެރިކޮށް ވެކްސިން ދީފައިވާ ބްރެޒިލްގެ ވޮލަންޓިއަރަކު މަރުވެއްޖެ އެވެ.
ބްރެޒީލްގެ ހެލްތު އޮތޯރިޓީން އެ މީހާއާ ބެހޭ އިތުރު މައުލޫމާތު ހާމައެއް ނުކުރެ އެވެ. އެ ފަރާތުން ބުނެފައި ވަނީ އެ މައުލޫމާތު ސިއްރު ކުރަން މަޖްބޫރުވެފައިވާ ކަމަށެވެ.
މިކަމާ ގުޅިގެން އޮކްސްފޯޑް ޔުނިވަސިޓީން ބުނެފައި ވަނީ މިކަން ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން ގެންދާ ކަމަށެވެ. އަދި ވެކްސިންގެ ރައްކާތެރިކަމާމެދު އެއްވެސް ކަންބޮޑުވުމެއް ނެތް ކަމަށް ވެސް އޮކްސްފޯޑުން ބުނެފައި ވެއެވެ.
ވެކްސިން އާއި އެނޫން ވެސް ބޭސްތައް އަޖުމަ ބެލުމުގެ ގޮތުން ކުރިޔަށް ގެންދާ ޓްރަޔަލްތަކުގައި އާއްމުކޮށް ދެ ގްރޫޕަކަށް ވޮލަންޓިއަރުން ބަހާލައި އެއް ގްރޫޕަކަށް ދެނީ ތައްޔާރުކުރި ބޭހެއް ނުވަތަ ވެކްސިނެކެވެ. އަނެއް ގްރޫޕަށް ދޭނީ ޕްލެސީބޯ ނުވަތަ ތައްޔާރުކުރި ވެކްސިން ނޫން އެހެން އެއްޗެކެވެ. މިއީ އެ ބޭހެއް ނުވަތަ ވެކްސިނެއްގެ މަސައްކަތް ހަގީގަތުގައި ކުރާ ގޮތް ދެނެގަތުމަށް އާންމުކޮށް ކަން ކުރާ އުސޫލެވެ. ނަމަވެސް ވޮލަންޓިއަރަކަށް ވެސް އަދި ބޭސް / އިންޖެކްޝަން ދޭ މީހުންނަކަށް ވެސް، އެމީހުންގެ އާއިލާ އަކަށް ވެސް މިކަމެއް ނޭނގޭނެ އެވެ.
އަސްލު ވެކްސިން ޖެހީ ކޮން ބަޔަކަށް ކަން އެނގޭނީ ވެކްސިން ތައްޔާރު ކުރުމުގައި މަސައްކަތުގައި އުޅޭ އެންމެ އިސް ސައިންސްވެރިންނަށް އެކަންޏެވެ. މިފަހަރު މަރުވީ އަސްލު ނޫން ވެކްސިން ދީފައިވާ މީހެއް ކަމަށް ބީބީސީ އަށް ޔަގީން ކުރެވިފައިވާ ކަމަށް އެ ނޫސް އެޖެންސީން ބުނެފައި ވެއެވެ.
ބްރެޒީލްގައި މިހާރު ކުރިޔަށްދާ އެ ޓްރަޔަލްގައި ބައިވެރިވި ވޮލަންޓިއަރުންގެ ދެބައިކުޅަ އެއްބައި މީހުންނަށް ކޮވިޑް-19 އަށް ތައްޔާރުކުރި ވެކްސިން ދީފައިވާއިރު އަނެއް 50 ޕަސެންޓަށް ދީފައި ވަނީ މެނިންޖައިޓިސް އިން ދިފާއުވުމަށް ވަރަށް ކުރިންސުރެ ވެސް ތައްޔާރުކޮށް ލައިސަންސް ލިބިފައިވާ ވެކްސިނެކެވެ.
މި ވެކްސިން އާ މެދު އިތުރު ކަންބޮޑުވުމެއް ނެތްކަމަށް އޮކްސްފޯޑުން ބުނެފައިވަނީ އެހެންވެ އެވެ.
އެސްޓްރާޒެނެކާ އިން މިކަމާ ގުޅިގެން ނެރުނު ބަޔާނުގައި ބުނެފައި ވަނީ ވަކި މީހަކާ ގުޅޭ ގޮތުން ކޮމެންޓު ކުރަން ބޭނުން ނޫން ކަމަށާއި އަޅަންޖެހޭ ހުރިހާ ފިޔަވަޅުތަކެއް އަޅައި މިކަން ރިވިއުކޮށް ބަލާނެކަމުގެ ޔަގީންކަން ދޭ ކަމަށެވެ.
"ޓްރަޔަލް މަރުހަލާގައި ދިމާވާ ހުރިހާ ކަމެއް ޓްރަޔަލް އިންވެސްޓިގޭޓަރުން ވަރަށް ފަރުވާތެރިކަމާއެކު ބަލަމުން ގެންދާނެ. އަދި ކަމާ ބެހޭ އޮތޯރިޓީތަކުންނާއި ސޭފްޓީ މޮނިޓަރިން ކޮމެޓީން ވެސް މިކަންކަން ބަލަމުންދާނެ. މި ދިމާވި މައްސަލައިގެ ސަބަބުން ޓްރަޔަލް އަށް އެއްވެސް މަޑުޖެހުމެއް ނައިސް ކުރިޔަށް ދާނެކަމުގެ ޔަގީންކަން ދެން،" އެސްޓްރާޒެނެކާގެ ބަޔާނުގައި ބުނެފައި ވެއެވެ.
ކޮވިޑް-19 އިން ދިފާއުވުމަށް އުފައްދާ ވެކްސިންގެ ތެރެއިން އެންމެ އަވަހަށް ބާޒާރަށް ނުކުންނާނެ އެއް ވެކްސިންގެ ތެރޭގައި މި ވެކްސިން ހިމެނޭނެކަމަށް އުންމީދުކުރެވެ އެވެ. އަދި އެންމެ ރައްކާތެރިކަމާއެކު ބޭނުންކުރެވޭނެ ކަމުގެ އުންމީދު އެންމެ ބޮޑީ އޮކްސްފޯޑް/އެސްޓްރާޒެނެކާ ވެކްސިނެވެ. އަދި ގިނަ ބައެއްގެ އިތުބާރު އެންމެ ބޮޑަށް ލިބިފައިވަނީ ވެސް މި ވެކްސިނަށެވެ.
މި ވެކްސިންގެ ފުރަތަމަ ދެ މަރުހަލާ ވަރަށް ކާމިޔާބުކަމާއެކު ވަނީ ނިމިފަ އެވެ. މިހާރު ކުރިޔަށްދާ ތިން ވަނަ މަރުހަލާގައި އިނގިރޭސި ވިލާތާއި ބްރެޒީލް އަދި އިންޑިޔާގެ ގިނަ އަދަދެއްގެ ބަޔަކަށް ވެކްސިން ދީގެން ދަނީ ޓެސްޓްކުރަމުންނެވެ.
މިދިޔަ މަހުގެ ތެރޭގައި ވެސް އޮކްސްފޯޑް ވެކްސިންގެ ޓްރަޔަލްއަށް ކުޑަ ހުއްޓުމެއް އައެވެ. ވެކްސިން ދިން މީހަކަށް ގޮތްނޭނގޭ ޒާތުގެ ބައްޔެއް ޖެހިގެންނެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ އަނެއްކާވެސް ވަނީ ޓްރަޔަލްގެ މަސައްކަތް ކުރިޔަށް ގެންދަން ފަށާފަ އެވެ. ނަމަވެސް އެމެރިކާގައި އަދިވެސް މި ވެކްސިންގެ ޓްރަޔަލް ވަނީ ހުއްޓުވާފަ އެވެ. އެ ގައުމުގެ ކަމާ ބެހޭ އިދާރާތަކުން ބަލަން ޖެހޭ ކަންތައްތައް ބަލައި ވެކްސިންގައި މައްސަލައެއް ނެތްކަން އެ ފަރާތަށް ޔަގީން ވަންދެނެވެ. އަދި ކުރިޔަށް އޮތް ހަފުތާގައި އެގައުމުގައި ވެސް ޓްރަޔަލް އަލުންކުރިޔަށް ގެންދިއުމުގެ ހުއްދަ ލިބޭނެ ކަމަށް ވަނީ ބެލެވިފަ އެވެ.
ބްރެޒީލްގެ ހެލްތު އޮތޯރިޓީ އަންވީސާ އިން ބުނެފައިވާ ގޮތުގައި ޓްރަޔަލްގައި ބައިވެރިވި ވޮލަންޓިއަރަކު އޮކްޓޯބަރު 19 ވަނަ ދުވަހު ވަނީ މަރުވެފަ އެވެ. ބްރެޒީލްގެ މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުގައި މަރުވީ 28 އަހަރުގެ ޑޮކްޓަރެކެވެ. އޭނާ މަރުވެފައިވަނީ ކޮވިޑް ޖެހި ސިއްހީ ހާލަތު ގޯސްވެގެންނެވެ. މި ޑޮކްޓަރަކީ ބަލި ޖެހިފައިވާ މީހުންނަށް ފަރުވާ ކުރުމުގައި ހަރަކާތްތެރިވި ޑޮކްޓަރެއް ކަމަށް ވެސް ބުނެފައި ވެއެވެ.
ނަމަވެސް މި ޑޮކްޓަރަށް ދީފައިވަނީ އަސްލު ވެކްސިން ނޫންކަން ޔަގީންވުމުން އެންމެންނަށް ވެސް ވަނީ ހަމަޖެހުމެއް ނޭވާއެއް ލެވިފަ އެވެ. އަދި އޮކްސްފޯޑް ވެކްސިން ބޭނުންކުރުމުގެ ހުއްދަ ލިބުނުހާ އަވަހަކަށް އެ ވެކްސިން ގަންނަން ބްރެޒީލް ތައްޔާރުކަމަށް އެ ގައުމުގެ ހެލްތު އޮތޯރިޓީން ބުނެފައި ވެއެވެ.
ބްރެޒީލް އަކީ މިހާރު ތިން ވަނަޔަށް އެންމެ ގިނައިން ކޮރޯނާވައިރަސް ޖެހިފައިވާ މީހުން ތިބި ގައުމެވެ. އެ ގައުމުގެ 5.3 މިލިއަން މީހުންނަށް މިހާތަނަށް ބަލި ޖެހިފައިވާއިރު އެމެރިކާ ފިޔަވައި ދެ ވަނަ އަށް އެންމެ ގިނަ މީހުން މަރުވެފައިވަނީ ވެސް އެ ގައުމުންނެވެ. މިހާތަނަށް ބްރެޒީލުން ކޮވިޑް-19 ޖެހިގެން 155،000 މީހުން މަރުވެފައިވާ ކަމަށް ޖޯންސް ހޮޕްކިންސް ޔުނިވަސިޓީގެ ޑޭޓާ ތަކުން ދައްކަ އެވެ.