ދުނިޔެ

ޕާކިސްތާނުގެ ޕަވާ ގްރިޑް ހަލާކުވެ މުޅި ގައުމު ކަނުއަނދިރީގައި

ކަރަންޓް ވިއުގައަށް ޓެކްނިކަލް މައްސަލައެއް ދިމާވެ ވެރިރަށް އިސްލާމް އާބާދާއިއެކު މުޅި ޕާކިސްތާނުގެ އެތަންމިތަނުން ކަރަންޓް ކެނޑިއްޖެއެވެ.

ޕާކިސްތާންގައި ކަރަންޓް އަނބުރައި ލިބޭނެ އިރެއް ރަސްމީ ފަރާތްތަކަށް ބުނެދޭން ނޭނގުމުގެ ސަބަބުން ވިޔަފާރިތަކާއި ހޮސްޕިޓަލްތައް ވެސް ވަނީ ދަތިހާލަތަކަށް ވެއްޓިފަ އެވެ.

ޓުވިޓާގައި ޕާކިސްތާނުގެ އެނާޖީ މިނިސްޓްރީން ބުނެފައިވަނީ މުޅި ގައުމުގެ ޕަވާ ގްރިޑް ފްރީކުއެންސީ ސިސްޓަމް ދަށަށް ގޮސްފައިވަނީ ހޯމަ ދުވަހު ހެނދުނު 7:40ގައި ކަމަށެވެ. އަދި މެއިންޓެނަންސް މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވެސް ބުނެފައިވެ އެވެ.

"ފިނިމޫސުމުގައި ރޭގަނޑު ހަކަތަ އިގްތިސޯދު ކުރުމަށް ދޭތެރެ ދޭތެރެއިން ނެޝަނަލް ގްރިޑުން ވަގުތީގޮތުން ކަރަންޓް ދިނުން މެދުކަނޑާލާ، ނަމަވެސް މިއަދު ހެނދުނު ހަތްގަޑި ބައިގައި ކަރަންޓް އަނބުރާ ދިން އިރު ދެކުނު ސިންދު ސަރަހައްދުގެ ޖަމްޝޯރޯ އާއި ދާދޫގައި ފްރީކުއެންސީ ތަފާތު އުޅުނުކަމަށް ރިޕޯޓް ލިބުނު"، ލޯކަލް ޓީވީ ޗެނަލެއްގައި ޕާކިސްތާނުގެ ޕަވާ މިނިސްޓަރު ޚުއްރާމް ދަސްތްގީރް ޚާން ވިދާޅުވެފައިވެ އެވެ.

"ވޯލްޓޭޖަށް ބަދަލުތައް އައުމުން ކަރަންޓް ދެމުންދިޔަ ޕަވާ ޔުނިޓްތައް އެއްފަހަރާ ނިއްވާނުލާ ފަހަރަކު އެއްޗެއް ކަނޑަމުން ދިޔައީ ކުއްލި ބާރުމިނެއްގެ ޝޮކަކުން ސަލާމަތް ކުރުމަށް. މިއީ ބޮޑު ކާރިސާއެއް ނޫން" އޭނާ އިތުރަށް ވިދާޅުވެފައިވެ އެވެ.

ޚާން ވިދާޅުވެފައިވަނީ އަނބުރައި ކަރަންޓް ދިނުމުގެ މަސައްކަތަށް 12 ގަޑިއިރުވަރު ނަގާފާނެ ކަމަށާއި މަދު ޕަވަ ގްރިޑްތަކެއް އަނބުރައި މަސައްކަތް ކުރަން ފަށާފައިވާ ކަމަށެވެ. ނަމަވެސް ބައެއް އޮފިޝަލުން ވަނީ މިކަމާ ވާހަކަ ދައްކަން މީޑީއާތަކާ ދެކޮޅު ހަދާފަ އެވެ.

ޕާކިސްތާނުގެ އެންމެ ބޮޑު ސިޓީ ކަމުގައިވާ ކަރާޗީގައި އުމުރުން 54 އަހަރުގެ ޕަރްވޭޒް މުހައްމަދު ބުނެފައިވަނީ ހާލުބޮޑުވަމުން އަންނަ އޭނާގެ ބައްޕަ ޑޮކްޓަރަށް ދައްކަން ޕްރައިވެޓް ކްލިނިކަކަށް އައިސް، އެތަނުގެ އިލެކްޓްރޯނިކް ނިޒާމު ހުއްޓިފައިވާތީ ޑޮކްޓަރަށް ދައްކަން އިންތިޒާރު ކުރާތާ ގަޑިއަކަށްވުރެ ގިނައިރުވެފައިވާ ކަމަށެވެ.

"ބޮޑެތި ހޮސްޕިޓަލްތަކުގައި ބެކަޕް ޖެނެރޭޓަރު ހުރުމުން ޚިދުމަތް ކުރިއަށް ގެންދެވޭނެ. ނަމަވެސް މިފަދަ ކުދި ކްލިނިކްތަކުގައި ޑޮކްޓަރަށް ދައްކަން އެންމެ އާދައިގެ ޓޯކަން އެއް ދޫކުރުންވެސް އިރުތަކެއް ހޭދަވެގެންދަނީ މެނުއަލްކޮށް ކަންކަން ކުރަންޖެހޭތީ" އޭނާ ބުންޏެވެ.

ކަމްރާން އަރުޝާދު ބުނެފައިވަނީ ކަރަންޓް ނުލިބުމުގެ ސަބަބުން އޭނާގެ ޓެކްސްޓައިލް ފެކްޓަރީ ހޯމަ ދުވަހު ބަންދު ކޮށްފައިވާ ކަމަށެވެ.

"އަހަރެމެން އޮޕަރޭޓް ކުރަނީ 40 އިންސައްތަ ގޭސް އަދި 60 އިންސައްތަ ތެލުން. ނަމަވެސް މިހާރުވެސް ގޭހުގެ ދަތިކަން ވަނީ ފޯރާފައި އަދި ކަރަންޓް ކެނޑުމުން އެއްކޮށް މިވަނީ މިއަދަށް ފެކްޓަރީ ބަންދުކުރަންޖެހިފައި" އޭނާ ބުންޏެވެ.

ޕާކިސްތާނުގެ ޓެކްސްޓައިލް މިލް އެސޯސިއޭޝަންގެވެސް އިސް އޮފިޝަލެއް ކަމުގައިވާ އަރުޝަދު ބުނެފައިވަނީ ކަރަންޓް ކެނޑުމުން ލިބުނު ގެއްލުމުގެ އަދަދު ބިލިއަނަށް އަރާނެ ކަމަށެވެ.

"އަހަރެމެންގެ އުފެއްދުންތައް އެކަނި އެންމެ ދުވަހަކު ނުއުފެއްދުނަސް އެއީ 20 މިލިއަން ޕާކިސްތާން ރުޕީސްގެ ގެއްލުން. މުޅި އިންޑަސްޓްރީއަށް ބަލާއިރު ބިލިއަނުން ގެއްލުންވުން އެކަށީގެންވޭ"، އޭނާ ބުންޏެވެ.

އިސްލާމްއާބާދުގެ ސަރުކާރު ހޮސްޕިޓަލެއް ކަމަށްވާ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައެންސަސްގެ އޮފިޝަލަކު ބުނެފައިވަނީ ކަރަންޓް ނެތުމުގެ ސަބަބުން އޮޕަރޭޝަން ތިއޭޓަރުތައް ބަންދުކުރަން ޖެހިފައިވާ ކަމަށެވެ.
ނަމަވެސް ކަރާޗީގެ އެންމެ ބޮޑު އާންމު ހޮސްޕިޓަލް ކަމުގައިވާ ޖިނާހް ޕޯސްޓް ގްރެޖުއޭޓް މެޑިކަލް ސެންޓަރުގެ އޮފިޝަލަކު ބުނެފައިވަނީ މަސައްކަތަށް ހުރަހެއް ނޭޅޭނެ ކަމަށެވެ.

"މެދުނުކެނޑި ފަސް ދުވަސް ވަންދެން އަހަރެމެންނަށް މަސައްކަތް ކުރެވޭނެ ބެކަޕް ނިޒާމެއް އަހަރަމެންގެ ހުރޭ"، އެތަނުގެ ތަރުޖަމާން ޖަހާންގީރު ދުރާނީ މީޑީއާއަށް ބުނެފައިވެ އެވެ.

220 މިލިއަންގެ އާބާދީ އެއް އޮތް ޕާކިސްތާނަށް ކަރަންޓް ކެނޑުމުގެ ކާރިސާ މިދިމާވީ އިގްތިސޯދީ ގޮތުން އެތަކެއް މައްސަލަތަކެއް ދިމާވެފައިވާ ވަގުތެއްގަ އެވެ.

މިމަހު ކުރީކޮޅު ޕާކިސްތާނު ސަރުކާރުން ވަނީ ތެލުގެ ދަތިކަން ކުރިމަތިވުމުގެ ސަބބަބުން ހަކަތަ އިގްތިސޯދު ކުރުމަށް، މާރުކޭޓުތަކާއި ފިހާރަތައް ރޭގަނޑު އަށްގަޑިބައިގައި ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. އެހެންނަމަވެސް މިކަން ތަންފީޒު ކުރެވިފައެއް ނުވެ އެވެ.

ޕާކިސްތާނުގައި ކަރަންޓް ކެނޑުމުގެ މިވަރުގެ ބޮޑު ހާދިސާއެއް މިދިޔަ ހަތަރު މަހުގެ ތެރޭގައި ހިނގި މިއީ މިފަދަ ދެވަނަ ހާދިސާ އެވެ. ޕާކިސްތާނުގެ ދެކުނުގެ ސަރަހައްދުތަކަށް ބޮޑަށް ގެއްލުންވި، މިދިޔަ އޮކްޓޯބަރުގައި ހިނގި އެ ހާދިސާގައި 12 ގަޑިއިރަށް ކަރަންޓް ނުލިބި ގޮސްފައިވެ އެވެ.