ޕާކިސްތާން

އިމްރާން ހާން ދެ ހަފްތާއަށް ބަންދުން ދޫކޮށްލައިފި

ކޮރަޕްޝަން މައްސަލަތަކެއްގައި އިސްލާމްއާބާދުގެ ހައި ކޯޓަށް ހާޒިރުކުރުމުން އިމްރާން ހާން ކަފާލާތުގެ ދަށުން ދެ ހަފްތާ އަށް ދޫކޮށްލައިފި އެވެ.

ހައި ކޯޓުގެ މި އަމުރު އައިސްފައި މިވަނީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އިމްރާން ހާން ބަންދު ކޮށްފައިވާ އަމުރު ގާނޫނާއި ހިލާފް ކަމަށް ކަނޑައެޅިތާ އެއް ދުވަސް ފަހުންނެވެ.

"ކޯޓުން ވަނީ ދެ ހަފްތާގެ ކަފާލާތެއް ދީފައި،" އިމްރާން ހާންގެ ވަކީލް ފައިސަލް ޗޯދްރީ އިއްޔެ ބުނެފައިވެ އެވެ.

އިމްރާން ހާން ހުކުރު ދުވަހު ކޯޓަށް ވަޑައިގެންފައިވަނީ ވަރަށް ވަރުގަދަ ސެކިއުރިޓީއާ އެކު އެވެ. ކޯޓަށް ވަޑައިގަތް މަގުމަތީގައިވެސް އިމްރާންއަށް ތާއީދު ކުރާ ފަރާތްތަކާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގާފައިވެ އެވެ.

ޕާކިސްތާނުގައި ފާއިތުވި މާޒީގައި އަސްކަރިއްޔާއިން ސަރުކާރުގެ ބާރުތައް ނެގުމާއި، ބޮޑެތި ސިޔާސީ މައްސަލަ އުފެއްދުމާއި، ހަމަނުޖެހުން ހިނގަމުން އައިސްފައިވާއިރު މިފަހަރުގެ މި ސިޔާސީ މައްސަލަ އެހެން ފަހަރުތަކާއި ނުބައްދަލެވެ.

އިމްރާން ހާން ހައްޔަރުކުރުމާ ގުޅިގެން މުޅި ޕާކިސްތާނުގައި ހަމަނުޖެހުން ދަނީ ހިންގަމުންނެވެ. އިމްރާނަށް ތާއީދު ކުރާ މީހުން ފުލުހުންނާއި ކުރިމަތިލުން ދަނީ އަދިވެސް ހިނގަމުންނެވެ. މި ހަމަނުޖެހުމުގެ ތެރޭގައި ސަރުކާރުގެ އިމާރާތްތަކާއި ފުލުހުންގެ މަރުކަޒުތަކަށް އެތަކެއް ގެއްލުމެއް ދީފައިވެ އެވެ. އަދި ފުލުހުންގެ މައި މަރުކަޒަށް އަރައިގަތުމަށް މަސައްކަތްކޮށް ލާހޫރުގެ އިސް ޖެނެރަލެއްގެ ގެ ވެސް ވަނީ އަންދާލާފަ އެވެ.

ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ ހުކުމުގައި އިމްރާން ހާން ހައްޔަރުކޮށްފައިވަނީ ގާނޫނާއި ހިލާފަށް ކަމަށް ކަނޑައަޅެމުން އިމްރާން މިނިވަންވެފައިވާއިރު، އިމްރާން ފުލުހުންގެ ހިމާޔަތުގައި ވެރިރަށުގައި ރައްކާތެރި ތަނެއްގައި ބެހެއްޓުމަށްވެސް އެ އަމުރުގައިވެ އެވެ.

އިމްރާންގެ އިސް ވަކީލު ބާބަރު އަވާން ބުނެފައިވަނީ އިމްރާނަކީ މިނިވަން ރައްޔިތެއް ކަމުގައެވެ. އެހެންކަމުން ވަކީލުންނާއި ތާއީދު ކުރާ ފަރާތްތަކާއި ބައްދަލުވުމަށް ފުރުސަތު ދެވޭނެ ކަމަށެވެ.

ޕާކިސްތާނުގެ ޗީފް ޖަސްޓިސް އުމަރު އަތާ ބަންދިއާލް އިމްރާން ހާން އަރިހު އިމްރާންގެ މަދަދުގާރުން ސުލްހަވެރިކަމާއެކު ތިބުމަށް އެދިވަޑައިގަތުމަށް ގޮވާލާފައިވެ އެވެ.

އިމްރާން މިދިޔަ އަންގާރަ ދުވަހު ހައްޔަރުކުރުމުން މިހާތަނަށް ހިނގި ހަމަނުޖެހުންތަކުގައި އަށް މީހަކު މަރުވެ، 2،000 އަށް ވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވެ އެވެ.