ދުނިޔެ

ޕާކިސްތާންގައި ޓެރަރިސްޓް ހަމަލާއެއް ދީފާނެ ކަމަށް ބުނެފި

ޕާކިސްތާންގެ ވެރިރަށް އިސްލާމާބާދުގައި ހުންނަ މަޝްހޫރު ހޮޓަލެއްގައި އެމެރިކާގެ ރައްޔިތުންނަށް ހަމަލާއެއް ދީފާނެ ކަމުގެ އިންޒާރު ޕާކިސްތާނުގައި ހުންނަ އެމެރިކާގެ އެންބަސީ އިން ދީފި އެވެ.

އެމްބަސީ އިން ބުނެފަވަނީ އިސްލާމާބާދުގައި ހުންނަ މެރިއޮޓް ހޮޓެލްގައި އެމެރިކާގެ ރައްޔިތުންނަށް ހަމަލާދީފާނެ ކަމުގެ މައުލޫމާތުތަކެއް ލިބިފައިވާ ކަމަށެވެ. ހަމަލާ ދިނުމަށް މަސައްކަތް ކުރާ ބައެއްގެ މައުލޫމާތު ހާމަކޮށްފައި ނުވި ނަމަވެސް ހަމަލާ ދޭނޭ ކަމަށް ލަފާކުރެވެނީ މިދުވަސްވަރު ކަމަށް ލަފާކޮށްފައިވެ އެވެ.

ޕާކިސްތާންގައި ދިރިއުޅޭ އެމެރިކާގެ އެއްވެސް ރައްޔިތަކު މެރިއޮޓް ހޮޓަލަށް ނުދިއުމަށްވެސް އަންގާފައިވެ އެވެ. އަދި އެހެން ގައުމުތަކުގެ ރައްޔިތުން ވެސް މި ދުވަސްވަރު އެ ހޮޓަލަށް ދިއުން ރަނގަޅު ނޫން ކަމަށްވެސް ބުނެފައިވެ އެވެ. އަދި މިދުވަސް ވަރު ޕާކިސްތާނަށް ދަތުރުކުރުން ރަނގަޅު ނޫން ކަމަށްވެސް ބުނެފައިވެ އެވެ.

އެމެރިކާގެ އެމްބަސީ އިން ސަމާލުވުމަށް އަންގާ ބަޔާނެއް ނެރުނީ އިސްލާމާބާދުގައި ގޮއްވާލި ބޮމެއްގައި ފުލުހަކު މަރުވެ 10 މީހަކަށް އަނިޔާވި ހާދިސާއަށްފަހު އެވެ.

ޕާކިސްތާންގައި ހަރަކާތްތެރިވާ ތޯލިބާނުންނަށް ތާއީދުކުރާ ގުރޫޕަކުން ވަނީ ހަމަލާގެ ޒިންމާ ނަގާފަ އެވެ. ބޮމުގެ ހަމަލާއާއި ގުޅިގެން ޕާކިސްތާނުގެ ސަރުކާރުން ވަނީ އިސްލާމާބާދުގައި ސަލާމަތީ ކަންކަން ވަރަށް ބޮޑަށް ވަރުގަދަކޮށް އާންމު އެއްވުންތައް މިދުވަސްވަރު ބޭއްވުން މަނާކޮށްފަ އެވެ.