ދުނިޔެ

ޕާކިސްތާނާއި އިންޑިއާ އިން ވަގަށް ނެގި އާސާރާ ތަކެތި ހަވާލުކޮށްފި

Dec 5, 2022

އިންޑިއާ އާއި ޕާކިސްތާނުން ވަގަށް ނަގާފައިވާ ތާރީހީ އެތައް އެއްޗެއް އެމެރިކާ އިން އަނބުރާ އެ ދެ ގައުމާ ހަވާލުކޮށްފި އެވެ.

މިތަކެއްޗަކީ ތާރީހީ ތަކެތި ވަގަށް ނެގުމުގައި ނަން މަޝްހޫރު މީހެއް ކަމަށްވާ ސުބާޝް ކަޕޫރު ވަގަށް ނަގާފައިވާ ތަކެއްޗެވެ.

އިންޑިއާ އާއި ޕާކިސްތާނުގެ އިތުރުން އެހެން ގައުމުތަކުން ތާރީހީ ތަކެތި ވަގަށް ނެގުމުގެ ކުށް ސުބާޝްގެ މައްޗަށް ސާބިތުވާ ކަމަށް އެމެރިކާގެ ނިއުޔޯކްގެ ކޯޓަކުން ވަނީ ކަނޑައަޅާފަ އެެވެ. އަދި މިފަދަ ތަކެތި އަނބުރާ އެ ގައުމުތަކަށް ރައްދުކުރުމަށް އެމެރިކާގެ ކަމާ ގުޅޭ އިދާރާތަކުން ވަނީ ނިންމާފަ އެވެ.

އެގޮތުން އިންޑިއާއާ ހަވާލުކުރި 307 އައިޓަމްގެ އަގު ހަތަރު މިލިއަން ޑޮލަރަށް އަރަ އެވެ. މީގެ އިތުރުން ޕާކިސްތާނުން ވަގަށް ނަގާފައިވާ ކަމަށް ބެލެވޭ 3.4 މިލިއަން ޑޮލަރުގެ އަގުހުރި 192 ބުދުވެސް ވަނީ ޕާކިސްތާނާ ހަވާލުކޮށްފަ އެވެ. މީގެތެރެއިން 187 ބުދު ފެނިފައިވަނީ ސުބާޝް ކަޕޫރުގެ އާޓް އޮފް ދަ ޕާސްޓް ކިޔާ ގެލަރީއެއްގައި ވިއްކަމުން ދަނިކޮށެވެ.

ސުބާޝް ކަޕޫރު ވަނީ އިންޑިއާ އާއި ޕާކިސްތާންގެ އިތުރުން ސްރީލަންކާ، ތައިލެންޑް، އަފްޣާނިސްތާން އިންޑޮނީޝިއާ ފަދަ އޭޝިއާގެ ގައުމުތަކުން ގިނަ އަދަދެއްގެ އާސާރީ ތަކެތި ވަގަށް ނަގާފަ އެވެ.

މިތަކެތި ފެނިފައިވަނީ އެމެރިކާގެ މެންހަޓަންގައި ހުންނަ ޝުބާޝް ކަޕޫރުގެ އާޓް އޮފް ދަ ޕާސްޓް ކިޔާ ގެލަރީއެއްގައި ވިއްކަން ބަހައްޓާފައި ވަނިކޮށެވެ.