ތުރުކީ

ތުރުކީގެ ރައީސް އުރުދުޣާންގެ އިންޒާރު ސްވިޑްން އަށް

ޔޫރަޕުގެ އަސްކަރީ ގުޅުމުގެ ޖަމާއަތް -- ނޭޓޯއާ ގުޅުމަށް ސްވިޑްން އިން ކުރިމަތިލާފައިވާ ބިޑަށް އަންކާރާގެ ތާއީދަށް އުއްމީދު ނުކުރުމަށް ރައިސް އުރުދުޣާން ވިދާޅުވެއްޖެ އެވެ.

ސްޓޮކްހޯމްގައި ހުންނަ އަންކާރާގެ އެމްބަސީ ކުރިމަތީ ކުރި އިހުތިޖާޖުގައި ކީރިތި ޤުރުއާންގެ ކޮޕީއެއް އަންދާފައިވާތީ، ސްވިޑްން އިން ނޭޓޯއާ ގުޅުމަށް ކުރަމުންގެންދާ މަސައްކަތަށް އަންކާރާގެ ތާއީދު ހޯދުމަށް އުއްމީދުކޮށްގެން ނުވާނެކަމަށް ރައިސް އުރުދުޣާން ވަނީ ވިދާޅުވެފަ އެވެ.

"އަހަރެމެންގެ އެމްބަސީ ކުރިމަތީގައި އިސްލާމްދީނަށް ފުރައްސާރަކުރުމަށް ހުއްދަ ދޭފަރާތްތަކަށް ނޭޓޯއާ ގުޅުމަށް އަހަރެމެންގެ ތާއީދު ހޯދުމަށް ދެން އިތުރަށް އުއްމީދުކޮށްގެން ނުވާނެ"، ހަފްތާ ބަންދުގައި ސްވިޑްންގެ ފުލުހުން ހުއްދަ ދީގެން ކުރި އިހުތިޖާޖުގައި ކަނާތުފިޔައިގެ ހަރުކަށި ހައްދުފަހަނަޅާފައިވާ ސިޔާސީ ފަރާތަކުން ހިންގި އަމަލާމެދު ފުރަތަމަ ފަހަރަށް ރައިސް އުރުދުޣާން ދެއްވި ރައްދުގައި ވިދާޅުވި އެވެ.

ރަޝިއާއިން ޔޫކްރޭނަށް ދެމުންދާ ހަމަލަތަކާ ގުޅިގެން ސްވިޑްން އިން ވަނީ އެގައުމުގެ ޒަމާންވީ އަސްކަރީގޮތުން ވަކިފަރާތަކަށް ނުޖެހި އޮންނަ އޮތުމުގެ ސިޔާސަތު ނިމުމަކަށް ގެނެސް ނޭޓޯއާ ގުޅުމަށް ނިންމާފަ އެވެ. ސްވިޑްންގެ މި ނިންމުން ތަސްދީގު ނުކުރާ ނޭޓޯގެ ހަމައެކަނި ދެ ގައުމަކީ ތުރުކީއާއި ހަންގޭރީ އެވެ.

ހަންގޭރީގެ ބޮޑުވަޒީރު ވިކްޓާ އޯބާން ވިދާޅުވެފައިވަނީ މިއަންނަ މަހު ތެރޭ ސްވިޑްންގެ ބިޑަށް ހަންގޭރީގެ ޕާލިމަންޓުން ރުހުން ދޭނެ ކަމަށެވެ.

ރައީސް އުރުދުޣާން މިވަނީ މިއަންނަ މެއި މަހު ތުރުކީގައި ބާއްވާ ވާދަވެރި ރިޔާސީ އިންތިޚާބާ ހެދި ތުރުކީގެ އިސްލާމީ ގައުމިއްޔަތަށް ތާއީދުކުރާ ފަރާތްތަކުގެ ވޯޓު ހޯދުމަށް މިމައްސަލަ ފެންމަތިކޮށްފައި ކަމަށް ބައެއް މީޑިއާތަކުން ބުނެ އެވެ.

"ކަލޭމެން ތުރުކީ ނުވަތަ މުސްލިމުންގެ އިސްލާމީ އަގީދާއަށް އިހުތިރާމް ނުކުރާނަމަ، ނޭޓޯއާ ގުޅުމަށް އަހަރެމެންގެ ފަރާތުން ކަލޭމެންނަށް އެއްވެސް ތާއީދެއް ނުލިބޭނެ"، ކީރިތި ޤުރުއާން އެންދުމަކީ ތުރުކީގެ 85 މިލިއަން ތުރުކީ ރައްޔިތުންނަށް ދިން ހަމަލާއެއް ކަމަށް ސިފަކޮށް ރައީސް އުރުދުޣާން ވިދާޅުވި އެވެ.

ސްވިޑްން އިންދަނީ ރައީސް އުރުދުޣާންގެ އިންޒާރާމެދު އެއްޗެއް ބުނުމާމެދު ވަރަށް ބޮޑަށް ފަރުވާތެރިވަމުންނެވެ.

"އަހަންނަކަށް މިރޭގެ ބަޔާނާމެދު އެއްޗެކޭ ނުބުނެވޭނެ. އަހަރެންނަށް އެނގެން ބޭނުން ފުރަތަމަ ބުނެފައިވަނީ ކީކޭ ކަން"، ސްވިޑްންގެ ފޮރިން މިނިސްޓަރު ޓޯބިއަސް ބިލްސްޓްރޮމް އެގައުމުގެ ޓީޓީ ނޫސް އެޖެންސީއަށް ދެއްވި އިންޓަވިއުއެއްގައި ބުނެފައިވެ އެވެ.

ކީރިތި ޤުރުއާން އަންދާފައިވަނީ ސްވިޑްންގެ ކަނާތުފިޔައިގެ ހައްދުފަހަނަޅާފައިވާ ޕާޓީއެއް ކަމަށްވާ "ހާޑް ލައިން" ޕާޓީގެ ލީޑަރު -- ރަސްމުސް ޕަލުޑާން އެވެ.

ސްވިޑްންގެ ރައްޔިތެއް ކަމުގައިވާ ޕަލުޑާން ވަނީ ފާއިތުވި ތަނުގައި އެތަކެއް ހަޅުތާލުކޮށް ކީރިތި ޤުރުއާން އެންދުމުގެ ނުބައި އަމަލުތަކެއް ހިންގާފައިވެ އެވެ.

އަރަބި ދުނިޔޭގެ ގައުމުތައް ކަމުގައިވާ ސައުދީއަރަބިއާ، އުރުދުން އަދި ކުވޭތުން ވަނީ މިއަމަލު ކުށްވެރިކޮށްފަ އެވެ.

ޕަލުޑާންގެ އަމަލުތައް ވަރަށް ހަނިގޮތެއްގައި ސްވިޑްންގެ ލީޑަރުން ކުށްވެރިކޮށްފައިވިޔަސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ސްވިޑްންގައި ފުޅާކޮށް ދީފައި އޮންނަ އޮތުން ހިމާޔަތްކޮށް އެބޭފުޅުން ވާހަކަ ދައްކަވާފައިވެ އެވެ.

"ސްޓޮކްހޯމްގައި މިއަދު ހިންގި އަމަލާމެދު އަހަރަން ބޭނުންވަނީ ނުރުހުންވި އެންމެހާ މުސްލިމުންނަށް ހަމްދަރުދީ ފާޅުކުރަން،" ސްވިޑްންގެ ބޮޑުވަޒީރު އުލްފް ކްރިސްޓާސަން ހޮނިހިރު ދުވަހު ޓްވީޓްކުރައްވާފައިވެ އެވެ.

އަންކާރާގައި ހިންގި ޓެރަރިޒަމް ހާދިސާތަކަކާއި އަދި 2016 ގައި ތުރުކީއަށް ގެންނަން އުޅެ ފޭލްވި ބަޣާވާތާއި ގުޅިގެން ހޯދަމުންދާ ސްވިޑްންގައި ތިބި އެތައް ކުރުދީންނެއް އަނބުރާ އަންކާރާއަށް ފޮނުވައިދިނުމަށް އެދި ރައީސް އުރުދުޣާން މީގެކުރިން ވަނީ ސްވިޑްންއަށް ވަރަށް ގިނަ ޝަރުތުތަކެއް ކުރިމަތިކޮށްފަ އެވެ.

ތުރުކީއާއި ސްވިޑްންގެ މިވަގުތުގެ ގުޅުން ރަނގަޅު ކުރުމަށް ސްވިޑްންގެ އިސް މިނިސްޓަރުން އަންކާރާއަށް ގިނަ ދަތުރުތަކެއް ދަނީ ކުރައްވަމުންނެވެ.

ސްޓޮކްހޯމް އިން ވަނީ އަންކާރާއިން ބާރުއަޅައިގެން ޓެރިރަޒަމާ ދެކޮޅަށް ހަރުކަށި ގާނޫނުތައް ފާސްކުރުމަށް ގާނޫނުއަސާސީއަށް އިސްލާހީ ބަދަލެއް ގެނެސް އެކަން ފާސްވެސް ކޮށްފަ އެވެ. ނަމަވެސް މިމަހު ކުރީކޮޅު ސްޓޮކްހޯމް ސިޓީ ހޯލް ބޭރުގައި ކުރުދީންގެ ގުރޫޕަކުން ރައީސް އުރުދުޣާންގެ ކާޓޫނެއް އެލުވާފައި ބެހެއްޓުމުން ވަނީ ގުޅުން ނާޒުކުވެފަ އެވެ.

ތުރުކީން ވަނީ ސްވިޑްންގެ އެމްބެސެޑަރު ހާޒިރުކޮށް ސްވިޑްންގެ ޕާލިމަންޓް ސްޕީކަރު އަންކާރާއަށް ވަޑައިގަތުމަށް އަރުވާފައިވާ ދައުވަތުވެސް އަނބުރައި ގެނެސްފަ އެވެ.

ސްވިޑްންގެ ފުލުހުން ޕަލުޑާންގެ ހަޅުތާލުތަކަށް ހުއްދަ ދިނުމުން މިދެންނެވި ފަދަ ރައްދުތައް މިފަހަރުވެސް ތުރުކީން ވަނީ ދީފަ އެވެ.

ތުރުކީން މިފަހަރުވެސް މިވަނީ ސްވިޑްންގެ އެމްބެސެޑަރު ހާޒިރުކޮށް ސްވިޑްންގެ ޑިފެންސް މިނިސްޓަރު އަންކާރާއަށް ވަޑައިގަތުމަށް އަރުވާފައިވާ ދައުވަތުވެސް ކެންސަލްކޮށްފަ އެވެ.