ތުރުކީ

ފިންލެންޑަށް ނޭޓޯ މެންބަރުކަން ދިނުމަށް އުރުދުޣާން ތާއީދު!

ނޭޓޯގެ މެންބަރަކަށް ފިނެލްންޑް ހެދުމަށް ތުުރުކީ އިން އެއްބަސްވެދާނެ ކަމަށް ތުރުކީގެ ރައީސް އުރުދުޢާން ވިދާޅުވެއްޖެ އެވެ. އެކަމަކު ސްވިޑްން އަށް ނޭޓޯގެ މެންބަރުކަން ދިނުމަށް އެއްބަސް ނުވެވޭނެ ކަމަށްވެސް ރައީސް އުރުދުޣާން ވިދާޅުވި އެވެ.

ސްވިޑްންގައި އުޅޭ ކުރުދީ ހަނގުރާމަވެރި ޖަމާއަތްތަކާއި ގުޅުން އޮންނަ ފަރާތްތަކާ އަދި ރައީސް އުރުދުޣާންގެ ސަރުކާރަށް ފާޑު ކިޔާ ފަރާތްތައް ތުުރުކީ ފޮނުވުމަށް ސްވިޑްންގެ އެއްބާރުލުން ނުލިބޭ ކަމަށް ވިދާޅުވެ ރައީސް އުރުދުޣާން ވަނީ ސްވިޑްންއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ.

"ނޭޓޯ ގެ މެންބަރަކަށް ވުމަށް ސީދާ ކަލޭމެން ބޭނުންވާނަމަ ޓެރަރިސްޓުން އަހަރެމެންނާ ހަވާލުކުރޭ،" ރައީސް އުރުދުޣާން ވިދާޅުވި އެވެ.

ރައީސް އުރުދުޣާންގެ ބަސްފުޅެއް މިކަމުގައި އައިސްފައި މިވަނީ ނޯޑިކް ދެ ގައުމު ކަމަށްވާ ފިންލެންޑް އަދި ސްވިޑްން، ނޭޓޯގެ މެންބަރުންނަށް ހެދުމަށް ދެކެވެމުން އައި ވާހަކަ ތުރުކީ އިން ހުއްޓާލާފައި އޮތްވަ އެވެ. ވާހަކަތައް ހުއްޓާލުމާ ގުޅިގެން ސްޓޮކްހޯމްގައި ސުވާލުއުފެދޭ ފަދަ ހަޅުތާލުތަކެއް ކޮށް، އެއިން ހަޅުތާލެއްގެ ތެރޭގައި ވަނީ ކީރިތި ޤުރުއާންގެ ކޮޕީއެއް އަންދާލާފަ އެވެ.

ސްވިޑްން ގެ އޮފިޝަލުން މިކަން ކުއްވެރިކޮށްފައިވިނަމަވެސް ޚިޔާލުފާޅުކުރުމުގެ މިނިވަންކަމާގުޅޭ ގާނޫނުތައް އެމީހުންވަނީ ދިފާއުކުރުމަށް ވާހަކަ ދައްކާފަ އެވެ.

ރަޝިއާއިން ޔޫކްރޭނު ހަނގުރާމަ ފެއްޓުމާއި ގުޅިގެން، ފިންލެންޑް އާއި ސްވިޑްން ވަނީ އެދެގައުމުން ޒަމާންތަކެއްވަންދެން އަސްކަރީ ކަންކަމުގައި ގެންގުޅުނު ވަކިއަތަކަށްނުޖެހޭ ސިޔާސަތު ދޫކޮށް ނޭޓޯގެ މެންބަރު ގައުމަކަށް ވުމަށް މިދިޔަ އަހަރު ނޭޓޯއަށް ހުށަހަޅާފަ އެވެ.

މި ދެގައުމުގެ ނޭޓޯ މެންބަރުކަމަށް ނޭޓޯގެ ހުރިހާ މެންބަރު ގައުމުތަކުން އިއްތިފާގުވާންޖެހެ އެވެ. ނަމަވެސް ތުރުކީ އަދި ހަންގޭރީންވަނީ މިކަމުގައި މިހާތަނަށް ގޮތެއް ނުނިންމައެވެ.

ރައީސް އުރުދުޢާން ވިދާޅުވެފައިވަނީ ފިންލެންޑް އާއި ގުޅިގެން މިފަހަރު ތަފާތު ގޮތެއް މިކަމުގައި ނިންމިދާނެ ކަމަށާއި، މިކަމުން ސްވިޑްން އަށް ކުއްލި ހައިރާންކަމެއް ލިބިގެންދާނެ ކަމަށެވެ.

"އަހަރެމެން ވާނީ ސްވިޑްން ގައި ތިބި 120 ޓެރަރިސްޓުން އަންކާރާއަށް އަނބުރައި ފޮނުވުމަށް އެދި ސްވިޑްން އަށް ލިސްޓެއް ފޮނުވާފައި، އެ މީހުން ފޮނުވައި ނުދެނީސް ދެން މިކަމުގައި ބުނަންޖެހޭނީ ސޮރީ އޭ" ރައީސް އުރުދުޢާން ވިދާޅުވި އެވެ.

ފިންލެންޑް އަށް ވުރެ ގިނައިން ކުރުދީން ސްވިޑްންގައި އުޅެމުން ގެންދެ އެވެ. މިކަމާއި ގުޅިގެން މި ދެގައުމުން ނޭޓޯ ގެ މެންބަރަކަށް ހެދުމާމެދު ދެކެވޭ ވާހަކަތައް ހޫނުވެގެންދެ އެވެ.

ތުރުކީ އިން ވަނީ ކުރުދިސްތާން ވާކާސް ޕާޓީ (ޕީކޭކޭ) އާ ދުރުވެގެން ތިބުމަށް ސްވިޑްން އަށް ގޮވާލާފަ އެވެ. ޕީކޭކޭ އަކީ ތުރުކީ، ޔޫރަޕިއަން ޔުނިއަން (އީޔޫ) އަދި އެމެރިކާއިންވެސް އެއީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ކަނޑައަޅާފައިވާ ބައެކެވެ.

މިކަމާއި ވިދިގެން ސްވިޑްން އިން ވަނީ އެގައުމުގެ ގާނޫނުއަސާސީއަށް ބަދަލެއް ގެނެސް ޓެރަރިސްޓުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ ފަދަ ގާނޫނު، ތުރުކީން ބާރުއަޅައިގެން، ފާސްކޮށްފަ އެވެ.

މިއާއި ވިދިގެން ސްވިޑްން އާއި ފިންލެންޑް އިން ވަނީ ތުރުކީއަށް ހަތިޔާރު ވިއްކުން މަނާކުރި ކުރުން ނިމުމަކަށް ގެނެސްފަ އެވެ. ތުރުކީ އަށް ހަތިޔާރު ވިއްކުން އެ ދެ ގައުމުން މަނާ ކުރީ 2019 ގައި ސީރިއާ މައްސަލައިގެ ތެރެއަށް އަސްކަރީ ގޮތުން ތުރުކީ އިން ވަނުމުން ނެވެ.

ތުރުކީ އިން ވަނީ ސްޓޮކްހޯމް ގައި ދާދި ފަހުން ކުރި ހަޅުތާލުތަކާއި ކުރުދީންނަށް ތާއީދު ކުރާ ގުރޫޕަކުން ރައީސް އުރުދުޢާންގެ ކާޓޫނެއް ސްޓޮކްހޯމް ސިޓީ ހޯލް ގާތުގައި ބޮކި ހޮޅި ދަނޑި އެއްގައި އެލުވާލުމުން މިކަންކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ރައީސް އުރުދުޢާން ވަނީ ތުރުކީގެ ރިޔާސީ އިންތިޚާބު ޖޫން މަހު ބޭއްވުމަށް ނިންމާފައިވާ ނިންމުން މެއި 14 އަށް އަވަސްކޮށްފަ އެވެ.

ހެލްސިންކީގެ ހާރިޖީ ވަޒީރު ވިދާޅުވެފައިވަނީ ތުރުކީ އިންތިހާބުތައް ކައިރިވެފައިވާތީ މިކަމުން ވާހަކަތައް ތުރުކީގެ ތެރޭގައި ހޫނު ވެފައިވާތީ މަޝްވަރާ ކުރުންތައް ހުއްޓާލުމަށް ވިދާޅުވެފަ އެވެ.

ހެލްސިންކީގެ ޑިޕްލޮމެޓް ކުރިން ވިދާޅުވެފައިވަނީ ފިންލެންޑް ގެ އަވައްޓެރިޔާ ސްވިޑްން އާ ނުލައި ނޭޓޯ އާ ގުޅެންޖެހިދާނެ ކަމަށެވެ. ނަމަވެސް އެއާ ހިލާފަށް މިހާރު ވިދާޅުވެފައިވަނީ ނޭޓޯ އާ ގުޅޭނީ ސްވިޑްން އާ ފިންލެންޑް އާ އެކުއެކީގައި ކަމަށެވެ.