ދުނިޔެ

ފިންލޭންޑް - ސްވިޑަންގެ ނޭޓޯ ބިޑާއި އެފް-16ގެ ޖެޓްތަކާ ގުޅުމެއް ނެތް: ތުރުކީ

އެމެރިކާގައި އުފައްދާ އެފް-16ގެ ފައިޓަރު ޖެޓްތައް ގަތުމަށް ތުރުކީން ކުރާ މަސައްކަތްތަކަށް ނޭޓޯގައި ބައިވެެރިވުމަށް ފިންލޭންޑާއި ސްވިޑަން ކުރާ މަސައްކަތްތަކާ ގުޅުމެއް ނެތް ކަމަށް ތުރުކީގެ ފޮރިން މިނިސްޓަރު މަވްލޫތު ޗަވްސޯލޫ ވިދާޅުވެއްޖެ އެވެ.

އޭނާ މިހެން ވިދާޅުވީ ފިންލޭންޑާއި ސްވިޑަން ނޭޓޯގައި ބައިވެރިވުމަށް އޮތް ހުރަހަކީ ތުރުކީ ކަމަށް ބުނެ ދެކެވޭ ވާހަކަތަކަށް ޖަވާބު ދެއްވަމުންނެވެ.

ފިންލޭންޑާއި ސްވިޑަން ނޭޓޯ ޖަމާއަތުގައި ބައިވެރިވުމަށް ތުރުކީން ހުރުންދޭން ޖެހެ އެވެ. ތުރުކީ ބުނެފައި އޮތީ ފިންލެންޑާއި ސްވިޑަަން އަކީ ޓެރަރިސްޓުންނަށް ހިމާޔަތްދޭ ދެ ގައުމު ކަމަށާއި ތުރުކީން އެދޭ ބަދަލުތަކެއް އެ ދެ ގައުމުގެ ޚާރިޖީ ސިޔާސަތަށް ނުގެންނަހާ ހިނދު ތުރުކީއަށް ގޮތެއް ނިންމަން ދަތިވާނެ ކަމަށެވެ.

އަނެއްކޮޅުން ދެކެވޭ ވާހަކަތަކަކީ، އެމެރިކާއިން ތުރުކީއަށް އެފް-16ގެ ޖެޓްތައް ވިއްކުމުގައި ޝަރުތުތަކެއް ކުރިމަތިކުރުވާ ވާހަކަ އެވެ. މި ގޮތުން ނޭޓޯގައި ބައިވެރިވުމަށް ފިންލޭންޑަށާއި ސްވިޑަންއަށް ރުހުން ދިނުމުން ނޫނީ ޖެޓްތަކަށް ހުއްދަ ނުދެވޭނެ ކަމަށް އެމެރިކާ ބުނާ ކަމަަށް ވެސް ވާހަކަތަކެއް ފެތުރިފަ އެވެ.

މި ވާހަކަތަކަށް ރައްދުދެއްވާ މަވްލޫތު ޗަވްސޯލޫ ވިދާޅުވީ ނޫސްތަކުން އެ ދައްކަނީ މުޅިން ތަފާތު ދެ ވާހަކައެއް ކަމަށެވެ. އޭނާ އަދި ވިދާޅުވީ އެމެރިކާއިން އެފް-16ގެ ޖެޓްތައް ތުރުކީއަށް ވިއްކާނެ ކަމަށާއި އަދި ތުރުކީގައި މިހާރު ބޭނުންކުރާ ޖެޓްތައް ޒަމާނީކުރަން ބޭނުންވާ ސާމާނު ވެސް ލިބޭނެ ކަމަށެވެ.

ވަޒީރު ވިދާޅުވީ ޖެޓްތައް ވިއްކުމުގައި އޮތީ ބައިޑަންގެ ސަރުކާރުން ގޮތެއް ނިންމެވުން ކަމަށެވެ. އެމެރިކާގެ ގާނޫނުހަދާ މަޖިލީހުގައި މި ދެ މައުލޫއަށް ބަހުސްކުރާ ކަމަށް ވިދާޅުވެ ވަޒީރު ވިދާޅުވީ ގޮތެއް ނިންމަވަން އެންމެ ފަސޭހަވާނީ ބައިޑަންއަށް ކަމަށެވެ.

މަވްލޫތު ޗަވްސޯލޫ ވިދާޅުވި ގޮތުގައި އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން އާއެކު ކުރެއްވި މަޝްވަރާތަކުގަައި ވެސް ފިންލޭންޑް، ސްވިޑަންގެ ވާހަކަތައް ނުނަންގަވާ ކަމަށެވެ.

ވަޒީރު ވިދާޅުވީ އެމެރިކާއިން ބައެއް ކަންތައްތަކަށް އެދިފައިވާތީ އެ ކަންތައްތަކާ މެދު ތުރުކީ ސަރުކާރުން ވަކި ގޮތެއް ނިންމަވާނެ ކަމަށެވެ. އަދި އެމެރިކާ އާއި ތުރުކީއާ ދެމެދު ނުތަނަވަސް ކަމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.