ބައިޑަން ސަރުކާރުން ތުރުކީއަށް އެފް-16 މަރުކާގެ ފައިޓަރު ޖެޓްތައް ވިއްކާނެ ކަމަށް ބުނެފި އެވެ.
މި ވިޔަފާރި ގާނޫނު ހަދާ މަޖިލީހުގެ ތެރެއިން ފާސްކޮށް ކޮޅެއްގައި ޖައްސައި ޖެޓްތައް ތުރުކީއަށް ލިބޭނެ ގޮތް ހަދާނެ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މިއީ އެމެރިކާއިން ކުރިން ހިފަހައްޓާފައި އޮތް ވިޔަފާރި އެކެވެ. ތުރުކީގެ އަސްކަރިއްޔާ ޒަމާނަށް ފެއްތުމަށް ބޭނުންވާ އެފް-16ގެ ޖެޓްތަކަށް އަގުވެސް ވަނީ އެމެރިކާއަށް ދައްކާފަ އެވެ.
އެހެން ނަމަވެސް، ތުރުކި އާއި ރަޝިއާ އޮންނަ ގާތް ކަމަކާ ހެދި އެމެރިކާއިން މި ޑީލް ކުރިއަށް ގެންދަން އޮތީ ބޭނުން ނުވެފަ އެވެ. ތުރުކީން ތަކުރާރުކޮށް އާދޭސް ކުރުމުންވެސް ޖެޓްތަކާ ބެހޭ ގޮތޮން ވާހަކަދައްކަން ބޭނުމެއް ނުވި އެވެ. އަދި އަނބުރާ ފައިސާ ދިފާނެ ކަމަކަށް ވެސް ނުބުންޏެވެ.
އެމެރިކާއަށް ކުއްލިއަކަށް ތުރުކީ ކަމުގޮސްގެން މިއުޅެނީ ނޭޓޯ ފުޅާކުރަން ތުރުކީ އެއްބަސްވުމުންނެވެ. ފިންލޭޑަށާއި ސްވިޑަންއަށް ނޭޓޯ މެމްބަރުކަން ދިނުމަށް ތުރުކީ ކުރިން ދެކޮޅު ހެދި ނަމަވެސް، އެންމެ ރަނގަޅު ކަމަށް ފަހުން އޮތީ ބުނެފަ އެވެ.
ފިންލޭންޑާއި ސްވިޑަން ނޭޓޯގައި ބައިވެރި ކުރަން ތުރުކީ ދެކޮޅު ހެދީ އެެއީ ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާ ދެ ގައުމު ކަމަށް ބުނެ އެވެ. އެހެންނަމަވެސް ފަހުން ރުހުން ދިނީ މަޝްވަރާތަކަށްފަހު ތުރުކީ ބޭނުންވާ ގޮތަށް ދެ ގައުމުން އެއްބަސް ވުމުންނެވެ.
ޕެންޓަގަނުން ނޫސްވެރިންނަށް މައުލޫމާތު ދެމުން އެސިސްޓެންޓް ސެކްރެޓަރީ، ސެލެސްޓް ވޮލޭންޑާ ވިދާޅުވި ގޮތުގައި ތުރުކީގެ އަސްކަރިއްޔާ ޒަމާނީ ކުރުމަކީ ނޭޓޯ ޒަމާނީ ކުރުމެވެ. އަދި ތުރުކީއަށް ލިބޭ ބާރުވެރިކަމުން ނޭޓޯ ވެސް ބާރުވެރި ވާނެ އެވެ.
ތުރުކީގެ ޖެޓްތައް އެންމެ ފަހުގެ މޮޑެލްތަކަށް ބަދަލު ކުރުމަކީ އެމެރިކާ އެދޭ ގޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެން ނަމަވެސް ވިޔަފާރި ކޮންޓްރެކްޓެއްގެ ތެރެއިން ހިންގަން ޖެހޭ މުއާމަލާތް ތަކަކަށް ވާތީ ގިނަ ބަޔަކު ޝާމިލް ވާނެ ކަމަށްވެސް ވިދާޅުވި އެވެ.