ތުރުކީ އެދޭހާ ގޮތަކަށް އެނބުރި ގަތުމަކީ ފިންލޭންޑަށް ކުރެވޭނެ ކަމެއް ނޫން ކަމަށް ފޮރިން މިނިސްޓަރު ޕެއްކާ ހާވިސްތޯ ވިދާޅުވެއްޖެ އެވެ.
އޭނާ އަދި ވިދާޅުވީ ތުރުކީ އެދޭހާ ގޮތަށް ކަމެއް ކުރެވެން އޮތީ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށް ވާނަމަ ގާތީ އެކަމެއް ނުވުން ކަމަށެވެ.
ފިންލޭންޑްގެ ފޮރިން މިނިސްޓަރު މި މޭރުމުން ވާހަކަދެއްކެވި ސަބަބަކީ ފިންލޭންޑާއި ސްވިންޑްން ނޭޓޯގައި ބައިވެރިވުމަށް ތުރުކީ ދެކޮޅުހެދުމުންނެވެ.
ތުރުކީން އެއިރު ބުނެފައި އޮތީ ފިންލޭންޑާއި ސްވިންޑްން އަކީ ޓެރަރިސްޓުންނަށް ވާގިވެރިވާ ދެ ގައުމު ކަމަށާއި އެއީ ޓެރަރިސްޓް ގުރޫޕްތަކުން ޗުއްޓީ ހޭދަކުރާ މަންޒިލްތަކެއް ކަމަށެވެ.
ޓެރަރިސްޓުންނާ ގުޅިފައި ތިބި ސީޔާސީ ލީޑަރުން ވެސް ފިންލޭންޑާއި ސްވިޑްންގައި ތިބި ކަމަށް ތުރުކީ ބުނެ އެވެ. އަދި ގާނޫން ހަދާ މަޖިލީހުގެ މެމްބަރުންނާ ގުޅިފައި ތިބި ޓެރަރިސްޓުން ވެސް އެ ދެ ގައުމުގައި އުޅޭ ކަމަށް ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ވެސް ވިދާޅުވި އެވެ.
ފިންލޭންޑާއި ސްވިޑްން އަކީ ކުރުދީ ޓެރަރިސްޓުންނަށް ހިމާޔަތްދޭ ދެ ގައުމެވެ. ތުރުކީ، ސީރިއާ ބޯޑަރުގައި ހަނގުރާމަކުރާ ކުރުދީންނަށް ފިންލޭންޑާއި ސްވިޑްންގެ ތެރެއިން މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭ ކަމަށްވެސް ތުރުކީ ބުނެ އެވެ.
ހާވިސްތޯ ވިދާޅުވި ގޮތުގައި ވަކި ފަރުދަކާ ބެހޭ ގޮތުން ތުރުކީން ޝަކުވާކޮށްފި ނަމަ ބަލާނެ ކަމަށާއި އެކަމަކު އެއިން މީހަކު ތުރުކީއާ ހަވާލު ކުރެވޭނީ އެ މީހެއްގެ ފުރާނައަށް ނުރައްކާ ނުވާ ނަމަ ކަމަށެވެ.
ޓެރަރިސްޓުންނޭ ކިޔައިގެން ތުރުކީން ހޯދަން އެދޭހާ ބަޔަކު ތުރުކީއާ ހަވާލުނުކުރައްވާނެ ކަމަށްވެސް ފޮރިން މިނިސްޓަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެރަރިސްޓުން ކަމަށް ލޭބަލްކުރާ ޖަމާއަތްތަކާ މެދު ފިންލޭންޑުން ވިސްނާނީ އެކަމުގައި އެއްވެސް އަސާސެއް އޮތް ނަމަ ކަމަށެވެ.
އުރުދުޣާން ވިދާޅުވި ގޮތުގައި ފިންލޭންޑާއި ސްވިޑްން އިން އަމަލުކުރަން އެއްބަސްވި ގޮތަށް އަމަލުނުކުރާ ނަމަ އެ ދެ ގައުމަށް ނޭޓޯ މެމްބަރުކަން ދިނުމާ އަދިވެސް ދެކޮޅު ހައްދަވާނެ އެވެ.
ތުރުކީ ދެކޮޅު ހަދައިފި ނަމަ ނޭޓޯ ފުޅާކުރަން ހުޅަނގުން ގެންގުޅޭ އެޖެންޑާ ކާމިޔާބެއް ނުވާނެ އެވެ.