ދުނިޔެ

ފިންލޭންޑް ނޭޓޯގައި ބައިވެރިވުމަށް އުރުދުޣާން އޯކޭ ދެއްވައިފި

ނޭޓޯ ޖަމާއަތުގައި ބައިވެރިވާން ފިންލޭންޑުއި ސްވިޑަން އިން ކުރަމުން ގެންދިޔަ މަސައްކަތްތަކުގައި، އަންކާރާއިން ވަކި ގޮތެއް ނުނިންމުގެ ސަބަބުން އޮތީ ބުރަކިޖެހިފަ އެވެ.

ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ކުރިން ވިދާޅުވި ގޮތުގައި، ފިންލޭންޑަށާއި ސްވިޑަންއަށް ރުހުން ނުދެވި އޮތީ އަންކާރާއިން ކުރަން އޮތް ކަމެއްގެ ސަބަބަކުން ނޫނެވެ. އެހެންނަަމަވެސް ޓެރަރިސްޓުން ހާލިހަދަން އެ ގައުމުތަކުގައި ފުރުސަތު އޮތުމުންނެވެ.

ފިންލޭންޑާއި ސްވިޑަން ނޭޓޯ ޖަމާއަތުގައި ބައިވެރިވުމަށް ތުރުކީން ހުރުންދޭން ޖެހެ އެވެ. ތުރުކީ ބުނެފައި އޮތީ ފިންލެންޑާއި ސްވިޑަަން އަކީ ޓެރަރިސްޓުންނަށް ހިމާޔަތްދޭ ދެ ގައުމު ކަމަށާއި ތުރުކީން އެދޭ ބަދަލުތަކެއް އެ ދެ ގައުމުގެ ޚާރިޖީ ސިޔާސަތަށް ނުގެންނަހާ ހިނދު ތުރުކީއަށް ގޮތެއް ނިންމަން ދަތިވާނެ ކަމަށެވެ.

އެހެން ނަމަވެސް، ނޭޓޯގައި ބައިވެރިވުމަށް ފިންލޭންޑަށް މިހާރު ވަނީ އަންކާރާގެ ރުހުން ލިބިފަ އެވެ. އުރުދުޣާން ވިދާޅުވި ގޮތުގައި ފިންލޭންޑުން ވަނީ ޚާރިޖީ ސިޔާސަތަށް ހެޔޮ ބަދަލުތަކެއް ގެނެސްަފަ އެވެ.

އެހެން ނަމަވެސް، ސްވިޑަން އަދި އެ ފުރުސަތު ނެތް ކަމަށް އުރުދުޣާން ވިދާޅުވި އެވެ. ސަބަބަކީ އެ ގައުމުގައި ހާލިހަދައިގެން ތިބި ޓެރަރިސްޓުންނާ ބެހޭ މައުލޫމާތު އަންކާރާއާ ހިއްސާ ނުކުރުމާއި ތުރުކީން އެދޭ ބަޔަކު އެގައުމާ ހަވާލު ނުކުރުމެވެ.

އަނެއްކޮޅުން، ތުރުކީ އާއި ސްވިޑަންއާ ދެމެދު ކުރިން އޮތް ނިކަމެތި ގުޅުން މިހާރު އޮތީ ވަރަށް ބޮޑަށް ކަމީނާވެ ވަރުބަލިވެފަ އެވެ.

ސަބަބަކީ ސްވިޑަންގެ ވެރިރަށް ސްޓޮކްހޯމްގައި ހުންނަ އަންކާރާގެ އެމްބަސީ ކުރިމަތީގައި ގުރުއާންގެ މުސްހަފެއް، އެ ގައުމުގެ ސިޔާސީ ޕާޓީއަކުން އަންދާލުމެވެ. އަދި މިކަމަށް ސަރުކާރުން ހިތްވަރުދީ ރައްކާތެރިކަން ދިނުމެވެ.

ސްވިޑަން އަށާއި ފިންލޭންޑަށް ނޭޓޯ މެންބަރުކަން ދިނުމަށް މަޝްވަރާކުރުމަކީ ވެސް ބޭކާރުކަމެއް ކަމަށް ތުރުކީގެ ޚާރިޖީ ވަޒީރު މަމްލޫތު ޗަވްސޯލޫ މި ހާދިސާއާ ގުޅިގެން ވިދާޅުވި އެވެ.

ފިންލޭންޑަށް އޯކޭ ދެއްވި ނަމަވެސް އުރުދުޣާން ވިދާޅުވީ ސްވިޑަންއަށް އަދި އެ ފުރުސަތު ނެދެވޭނެ ކަމަށެވެ. ސްވިޑަން ވަނީ އަންކާރާގެ ހިތުގައި ޖައްސާފައި ކަމަށް ވެސް އުރުދުޣާން ވިދާޅުވި އެވެ.