ދުނިޔެ

ސްވިޑަން ނޭޓޯގައި ބައިވެރިކުރުން އޮތީ އެމެރިކާ އަތްމަތީގައި: އުރުދުޣާން

އެމެރިކާއިން ވައުދުވެފައި އޮތް ގޮތަށް އަދި އެމެރިކާއިން އަގުނަގާފައި އޮތް ވަރަށް ތުރުކީއަށް އެފް-16ގެ ފައިޓަރު ޖެޓްތައް -- ޖޯ ބައިޑަންގެ ސަރުކާރުން ފޯރުކޮށްދީފިނަމަ އެކަން ވެގެން ދާނީ، ނޭޓޯގައި ސްވިޑަން ބައިވެރިކުރުމަށް އަންކާރާ އާނބަސް ބުނާނެ ކަމަކަށް ކަމަށް ތުރުކީގެ ރައީސް، ރަޖަބް ތައްޔިބު އުރުދުޣާން ވިދާޅުވެއްޖެ އެވެ.

އުރުދުޣާން އަޒަރުބައިޖާނަށް ކުރެއްވި ދަތުރަށް ފަހު އެނބުރި ގައުމަށް ވަޑައިގަތް ބޯޓުމަތީގައި، ނޭޓޯގައި ބައިވެރިވުމަށް ސްވިޑަންއަށް ރުހުން ދެއްވާނެތޯ ސުވާލުކުރުމުން އޭނާ ވިދާޅުވީ ސްވިޑަންއަށް އާނބަސް ދިނުން މިހާރު އޮތީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުގައި ކަމަށެވެ.

ޖޯ ބައިޑަންގެ ސަރުކާރުން ތުރުކީއަށް އެފް-16ގެ ފައިޓަރު ޖެޓްތައް ފޮނުވަން ކެރިއްޖެނަމަ ސްވިޑަންއަށް އާނބަސް ދޭން ތުރުކީގެ ގާނޫނު ހަދާ މަޖިލީހަށް ކެރޭނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ތުރުކީއަށް ބޭނުންވާ އެފް-16ގެ ފައިޓަރު ޖެޓްތައް ގަތުމަށް ވޮޝިންގްޓަނަށް 20 ބިލިއަން ޑޮލަރު ވަނީ ދައްކާފަ އެވެ. ނަމަވެސް، އެމެރިކާއިން ވެފައި އޮތް ވައުދު އަދިވެސް އޮތީ ނުފުއްދަ އެވެ.

އެމެރިކާގެ ވިސްނުމަށް ބަދަލު ގެނަނީ ތުރުކީން ރަޝިއާގެ، އެސް-400 މަރުކާގެ މިސައިލް ޑިފެންސް ސިސްޓަމެއް ގަތުމުންނެވެ.

އެމެރިކާގެ ބިރަކީ ތުރުކީ މެދުވެރިކޮށް ރަޝިއާއަށް އެފް-16ގެ ޖެޓްތަކާ ބެހޭ މައުލޫމާތު ލިބިދާނެ ކަމަށް ހީވެފައި އޮތުމެވެ.

ތުރުކީ ލައްވައި އެމެރިކާ ބޭނުންވާ ކަމެއް ކުރުވަން ޖެހިއްޖެ ކޮންމެ އިރަކުވެސް، އެމެރިކާ ނަގާ މައުލޫ އަކީ އެފް-16 ގެ ޖެޓްތަކެވެ. އަދި ވަރަށް އަވަހަށް ތުރުކީއަށް ޖެޓުތައް ފޮނުވާނެ ކަމަށާއި ތުރުކީގައި ހުރި ދުވަސްވީ އެފް-35ގެ ޖެޓްތައް މަރާމާތުކޮށްދެއްވާނެ ކަމަށްވެސް ބައިޑަން ވިދާޅުވެ އެވެ.

މިގޮތުގައި ކަންތައްތައް މިހާ ހިސާބަށް އައިއިރުވެސް ތުރުކީއަށް އަދިވެސް ޖެޓްތަކެއް ނުލިބެ އެވެ. އެމެރިކާ އަށާއި ބައިވެރިންނަށް ސްވިޑަން ނޭޓޯގައި ބައިވެރިވުން މުހިއްމުވެފައި އޮތް މި ދަނޑިވަޅުގައި އެކަން ވާން އޮތީ ތުރުކީ ރުހުން ދިން ޒަމާނަކުންނެވެ.

އުރުދުޣާން ވިދާޅުވީ ސްވިޑަންގެ މައްސަލަ އަވަސްކުރުވުން އޮތީ އެމެރިކާ އަތްމަތީގައި ކަމަށެވެ. އެނޫން ގޮތެއްގައި ދެން އޮތީ ތުރުކީގެ ގާނޫނު ހަދާ މަޖިލީހުން ބަހުސްކޮށް އެ މައްސަލައަށް ގޮތެއް ނިންމަންދެއް މަޑުކުރުން ކަމަށް ވެސް ވިދާޅުވި އެވެ.