ދުނިޔެ

ސްވިޑަންއިން ޓެރަރިސްޓުން ބޭރުކުރަންދެން މިތިބެނީ: ތުރުކީ

ނޭޓޯ މެމްބަރަކަށް ވުމަށް ސްވިޑަން އެދޭ އެދުން ފުރިހަމަކޮށްދެެވެން އޮތީ އެ ގައުމުގައި ތިބި ޓެރަރިސްޓުން ބޭރުކުރުމުން ކަމަށް ތުރުކީން ބުނެފި އެވެ.

ތުރުކީގެ ޖަސްޓިސް މިނިސްޓަރު ޔިލްމާޒް ތުންޗު ވިދާޅުވީ ބޯޅަ އޮތީ ސްވިޑަންގެ ކޮޅުގައި ކަމަށާއި ތުރުކީން އިންތިޒާރުކުރަނީ ސްވިޑަންގައި ތިބި ޓެރަރިސްޓުން ބޭރުކުރާނެ ދުވަހަކަށް ކަމަށެވެ.

ތުރުކިއާ ހަވާލުކުރަން ޓެރަރިސްޓުންގެ ނަން ލިސްޓެއް ސްވިޑަންއަށް ފޮނުވާފައިވާނެ ކަމަށްވެސް ޖަސްޓިސް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ އަދި ވިދާޅުވީ ކީރިތި ގުރުއާން އެންދުމަކީ ވެސް ސްވިޑަންއަށް ހުއްޓުވެން ޖެހޭ ކަމެއް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

ސްވިޑަން ނޭޓޯގައި ބައިވެރިވުމަށް ތުރުކީގެ ރުހުން ބޭނުންވާއިރު -- ތުރުކީއަށް ހުރި ކަންބޮޑުވުންތަކާ މެދު ސްވިޑަން އިން އަޅައިނުލުމަކީ ދެކޮޅުޖެހޭ ކަމެއް ނޫން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

މިއަދުގެ ހާލަތު އޮތް ގޮތުން ފެނިވަޑައިގަންނަވަނީ ސްވިޑަން ދެއަތް އުރާލައިގެން އޮންނަ ތަން ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ނޭޓޯ މެމްބަރުކަން ބޭނުންނަމަ ސްވިޑަންއަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވެން ވާެނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ތުރުކީގެ ގާނޫނު ހަދާ މަޖިލީސް ޗުއްޓީއަށްފަހު ދައުރު ފަށައި ސްވިޑަން ކޮށްފައި ހުރި މަސައްކަތްތައް އަންދާޒާކުރާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.

ނޭޓޯގައި ބައިވެރިވުމަށް އެކަށީގެންވާ މަސައްކަތްތަކެއް ސްވިޑަން ކޮށްފައި ހުރި ކަމަށް މަޖިލީހަށް ސާބިތުވެއްޖެ ނަމަ، ނޭޓޯ މެމްބަރުކަން އެއަށްފަހު އޮންނާނީ ލިބިފައި ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ތުންޗު ވިދާޅުވި ގޮތުގައި ތުރުކީއަށް ބޭނުންވާ 28 ޓެރަރިސްޓުން ސްވިޑަންގައި މިނިވަންކަމާ އެކު ދިރިއުޅޭ ކަމަށާއި މީގެ ތެރެއިން 22 ޓެރަރިސްޓަކު ތުރުކީއާ ހަވާލުކުރަން ސްޓޮކްހޯމް އިން ބޭނުން ނުވާ ކަމަށެވެ.

ތުރުކީއަށް 2016 ގައި ގެނައި ބަޣާވާތުގައި ބައިވެރިވި ފީޓޯ ޖަމާއަތުގެ މެމްބަރުން ވެސް ސްވިޑަންގައި ދިރިއުޅޭ ކަމަށް ތުރުކީގެ ޖަސްޓިސް މިނިސްޓަރު ވިދާޅުވި އެވެ.