ދުނިޔެ

ނޭޓޯގެ ތެރެއިން އިޒުރޭލަށް އެއްބާރުލުމެއް ނުދޭނަން: އުރުދުޣާން

އެމެރިކާގެ ވޮޝިންގްޓަންގައި އޮތް ނޭޓޯ ސަމިޓަށް ފަހު ނޫސްވެރިންނަށް ދެއްވި ބަޔާނެއްގައި ތުރުކީގެ ރައީސް ވިދާޅުވީ ނެޓޯގެ ތެރެއިން ޔުކްރޭނަށް އެއްބާރުލުން ދޭން އެއްވެސް ބަޔަކު ކުރާ އެއްވެސް މަސައްކަތަކަށް އެ ގައުމުން އެއްބާރުލުން ނުދެއްވާނެ ކަމަށެވެ.

އުރުދުޣާން ވިދާޅުވީ ނޭޓޯގެ އަސާސީ ސިފަތައް ގެއްލުވާލައި މުޅި ޖަމާއަތް ކިލަނބުކުރަން އިޒުރޭލު ރާވަމުންދާ ރޭވުންތަކަށް ހުރަސްއަޅުއްވާނެ ކަމަށެވެ.

ނޭޓޯ އަކީ ސަލާމަތީ، ދިފާއީ ޖަމާއަތެކެވެ. މި ޖަމާއަތުގައި ހިމެނެނީ 32 މެމްބަރުންނެވެ. ނޭޓޯ މެދުވެރިކޮށް ކަމެއް ކުރާނަމަ ހުރިހާ މެމްބަރު ގައުމަކުން އެކަމަކަށް ރުހެން ޖެހެ އެވެ.

ނޭޓޯގެ މެމްބަރު ގައުމުތައް ފިޔަވައި ނޭޓޯއާ އެކު ބައެއް އެހެން ގައުމުތައްވެސް މަސައްކަތްކުރެ އެވެ. އެ ގައުމުތަކާ މެދު ނޭޓޯއިން ދެކެނީ ބައިވެރިންގެ ގޮތުގަ އެވެ.

ނޭޓޯއިން ހިންގާ އިސްލާހީ ބައެއް ހަރަކާތްތަކުގައި މި ގައުމުތައްވެސް ބައިވެރިކުރެ އެވެ. މިސާލަކަށް ދެކުނު ކޮރެއާ، އިޒުރޭލު، ޖަޕާން އަދި ޔުކްރޭން އެވެ.

އުރުދުޣާން ވިދާޅުވި ގޮތުގައި ފަލަސްތީންގެ ޣައްޒާގައި އިޒުރޭލުން ހިންގަމުންދާ ޖަރީމާތަކަކީ އިޒުރޭލުގެ ދިފާއުގައި ކުރާ ކަމެއް ކަމަށް ނޭޓޯ ގައުމުތައް ލައްވައި ގަބޫލުކުރުވަން އިޒުރޭލުން ކުރާ މަސައްކަތްތަކަށް ތުރުކީން ރުހުމެއް ނުދޭނެ އެވެ. އޭގެ ބަދަލުގައި ޣައްޒާއަށް ސުލްހަ ގެނައުމަށް ނޭޓޯ މެދުވެރިވާނަމަ އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވި އެވެ.

މެދުއިރުމައްޗަށް ސުލްހަ ގެނައުމަށް އޮތް މަގަކީ ދެ ދައުލަތް ކަމަށް ހުޅަނގުން ގަބޫލުކުރިއެއް ކަމަކު، އުރުދުޣާން ވިދާޅުވި ގޮގުގައި އަމަލީ ގޮތުން އެކަމުގައި ސިފަ ޖެއްސުމަށް އެއްވެސް ގައުމަކުން އިސް ނުނަގާ ކަމަށެވެ.

ނޭޓޯގެ މެމްބަރު ގައުމުތަކުން މިކަމާ މެދު ވިސްނައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އުރުދުޣާން ގޮވާލެއްވި އެވެ.

ޣައްޒާ މިނިވަންކުރަން ނޭޓޯ އިސް ނަގައިފިނަމަ އެކަމަށް އެއްބާރުލުން ދިނުމުގެ ގޮތުން އެންމެ ބުރަ މަސައްކަތްކުރާ ގައުމަކަށް ތުރުކީ ވާނެ ކަމަށް އުރުދުޣާން ވިދާޅުވި އެވެ.

ނޭޓޯގެ ޝަރަފަށްޓަކައި ކޮރަޕްޓް ނުވާ ޖަމާއަތެއް ގޮތުގައި އޮތުމުގެ މުހިއްމު ކަމާ މެދު ވެސް އުރުދުޣާން ވާހަކަދެއްކެވި އެވެ.