ތުރުކީގެ ރައީސް ރަޖަބް ތައްޔިބު އުރުދުޣާން ރައީސްކަމުގެ ހުވާކުރައްވައި ތިންވަނަ ދައުރު ފައްޓަވައިފި އެވެ.
އުރުދުޣާން، 69، އަށް ރައީސްކަމުގެ ތިންވަނަ ދައުރު ލިބިވަޑައިގަތީ މެއި 28 ގައި އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި 52.2 ޕަސެންޓުން އިދިކޮޅުގެ މައްޗަށް ކާމިޔާބު ހޯއްދަވައިގެންނެވެ.
މަގާމާ ހަވާލުވެވަޑައިގެން ގައުމާ މުޚާތަބުކުރައްވައި އުރުދުޣާން ވިދާޅުވީ އެ މަނިކުފާނަށް އޮތް އެންމެ ބޮޑު ޒިންމާ އަކީ ގައުމީ ރައްކާތެރިކަން ކަމަށެވެ.
ތުރުކީ ދެމިއޮތުން އޮތީ ރައީސްގެ މަގާމުގައި ހުންނަ މީހެއްގެ އިޚުތިޔާރުގައި ކަމަށް އުރުދުޣާން ވިދާޅުވި އެވެ. ގައުމީ މިނިވަންކަމާއި އިސްތިގުލާލަކީ ބަހުސަކަށް ދާން އޮތް މައުލޫތަކެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.
އުރުދުޣާނަށް ރައީސްކަން ދިފާއުކުރެއްވިފައި މިވަނީ ތުރުކީގެ ހާލަތު މިއިން ޒަމާނަކު ދަށަށް ނުދާ ވަރަށް ދަށްވެފައި ވަނިކޮށެވެ. ފައިސާގެ އަގުވެއްޓިފައި ވަނިކޮށް ތުރުކީއަށް ފުލުފުލުން އައި ދެ ބިންހެލުމެއްގެ ސަބަބުން ތުރުކީ ވަނީ ޒަމާންތަކެއް ފަހަތަށް ސޮއްސާލާފަ އެވެ.
ޔޫރަޕްގެ ގައުމުތަކާއި އެމެރިކާ އަދި އިނގިރޭސިވިލާތުން އުރުދުޣާންގެ ޒައާމަތަށް ފިއްތާފައި އޮތް ފިއްތުންތަކުގެ މައްޗަށް ރައްޔިތުން ވަނީ އުރުދުޣާނަށް ވަރަށް ބޮޑު އަގުލަބިއްޔަތަކުން ރުހުންދީފަ އެވެ.
އިންތިޚާބުގެ ފުރަތަމަ ބުރުގައި -- އިންތިޚާބުގައި ވާދަކުރެއްވި އެއްވެސް ކެންޑިޑޭޓަކަށް 50 ޕަސެންޓަށް ވުރެ އިތުރަކަށް ނުލިބެ އެވެ. މިއީ އެއްބުރުން ރައީސްކަމަށް ހޮވެން އޮތް އެންމެ ކުރުމަގެވެ.
އުރުދުޣާނަށް ފުރަތަމަ ބުރުގައި ލިބިވަޑައިގަތީ 49.51 ޕަސެންޓެވެ.
މިހެން ކަން ދިމާވުމުން، އިންތިޚާބުގެ ފުރަތަމަ ބުރުގައި ތިންވަނަ ހޯއްދެވި ސިނާން އަވްޖާން، އުރުދުޣާނަށް ވަނީ ބައިއަތު ހިއްޕަވާފަ އެވެ. އުރުދުޣާނަށް ދެވަނަ ބުރު ބޮޑު ތަފާތަކުން ކާމިޔާބުކުރެއްވުނު ސަބަބަކީ މިއީ އެވެ.
އުރުދުޣާންގެ ސަރަހައްދީ ސިޔާސަތުގެ ސަބަބުން ދުނިޔޭގައި ބަސްވިކޭ ގައުމަކަށް ތުރުކީ ވަނީ ވެފަ އެވެ. އެމެރިކާ އާއި ޔޫރަޕިއަން ޔޫނިއަނުން ކެނޑިނޭޅި ކުރަމުން ގެންދާ ޖެއްސުންތަކަށް ދީއްލާލުމެއް ނެތި އެ މަނިކުފާން ގެންދަވަނީ ގަދަ ކަނޑުގައި ތުރުކީ ނަގަހައްޓަވަމުންނެވެ.
އުރުދުޣާނަށް ތުރުކީގެ ރައީސްކަން 2014 ގައި ލިބިވަޑައިގަތުމުގެ ކުރިން 11 އަހަރު ބޮޑުވަޒީރުގެ މަގާމު އަދާކުރެއްވި އެވެ.
އުރުދުޣާން އަކީ ގައުމީ ވަންތަ އަދި ބޭރުގެ ނުފޫޒުން -- ޚާއްސަކޮށް ޔޫރަޕަށް ބަރޯސާނުކޮށް ގައުމު ހިންގެވުމަށް ލޯބިކުރައްވާ ލީޑަރެކެވެ. ގައުމު ތަރައްގީކުރެއްވުމަށް ވަރަށް ބޮޑަށް ބާރުއަޅުއްވައި އަދި އަމަލީ ގޮތުން ސާބިކުކޮށްދެއްވާފައިވާ ރައީސެކެވެ.
އުރުދުޣާން އާ ދައުރެއް ފައްޓަވައި ވަނީ ކެބިނެޓަށް ވެސް ވަރަށް ބޮޑު ބަދަލެއް ގެންނަވާފަ އެވެ. މީގެތެރޭގައި ޚާޜިޖީ ވަޒީރުގެ މަގާމަށް އާ ބޭފުޅަކު ހަމަޖެއްސެވުމާއި މާލީ ވަޒީރުގެ މަގާމަށް އެހެން ބޭފުޅަކު އައްޔަންކުރެއްވުން ހިމެނެ އެވެ.